ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންވެސް މިކަމުގެ ޒިންމާ ނަގަންޖެހޭ!

ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއިން ފެށިގެން އެންމެ ފަހުން ތަހުތުން ފައިބާ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށްވެސް އެތައް އަނިޔާވެރިކަމަކާއި ހިޔާނާތެއްގެ ތުހުމަތުތައް ކުރެވެއެވެ. މި ދެންނެވި ބޭފުޅުންގެ ކުރިއަށް ތިއްބެވި ވެރިންގެ މައްޗަށްވެސް އެތައް އަނިޔާވެރިކަމާއި ނުހައްގު އަމަލެއްގެ ތުހުމަތު ކުރެވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމިގެންދިޔަ އިރު، އެމަނިކުފާނުގެ އިސްތަށިފުޅުގައި މާފުށި ޖަލުގައި ހުރި ގައިދީއަކު މަރާލުމުގެ ޒިންމާ އެޅިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާއި ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަން އުޅުއްވިކަމުގެ ތުހުމަތުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރާއްޖޭ ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެއްވައި އެ މަސައްކަތްތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.

2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓު ރިޕޯޓުން ބަޖެޓުގެ ނަހަމަ ބޭނުންތަކެއް ކުރައްވާފައިވާ މައްސަލައެއްވެސް ފެންމަތިވިއެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވިގެންދިޔައީ ގާތް މީހުންނަށް ދިވެހި ރައްޔިތުންގެ އަމާނާތެއްކަމަށްވާ މާލިއްޔާގެ ފައިސާއިން ހަރަދުކުރެއްވުމުގެ ތުހުމަތެވެ. އޭގެ ތެރޭގައި އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމްއަށް ގަހަނާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި ހަރަދުކުރެއްވިކަމުގެ ތުހުމަތުތައް ހިމެނޭކަން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަން ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެންނެވި ދުވަސްކޮޅުގެ ތެރޭގައި އުވާއްލެވުމުން މައްސަލަތައްވެސް ހިނދިގެންދިޔައެވެ.

އެމަނިކުފާނު ރިޔާސީ ގަނޑުވަރުގައި ރަނުން ޒީނަތްތެރިކޮށްފައިވާ ފާހަނަތަށިތަކެއް ބޭނުންކުރެއްވި ވާހަކަވެސް ދެކެވުނުއިރު ހަމަ އެފަދައިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްވެސް ހެއްވާ މަޖާކަމަށް ފެނިގެންދާ އެތަކެއް ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެމަނިކުފާނާއި ދެކޮޅުވެރި ފަރާތްތަކުން ކުރި ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބޭނުންކުރެއްވުން ހިމެނެއެވެ. ވެރިކަން ނިމިގެންދިއުމާއިއެކު މުލިޔާގެއިން ނެރުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ރާފުޅި އަދި ގަންޖާއިން އުފައްދާ ބާވަތެއްގެ މަސްތުވާތައެއްޗެއްކަމަށްވާ ހަޝިޝް އޮއިލްވެސް ހިމެނޭއިރު އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ލޭ އޮހޮރުވުމެއް ހިންގުވުމަށް މަސައްކަތްކުރެއްވިކަމަށް އެމްޑީޕީގެ މެމްބަރެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މައްޗަށްވެސް މާލީ ހިޔާނާތްތަކުގެ ތުހުމަތުތައް ކުރެވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހަންމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވި 13 އަހަރުގެ ޖަލު ހުކުމެއްވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމުވުމާއިއެކު ލަންކާގައި ހުންނެވި ރައީސް ނަޝީދު ސުޕްރީމް ކޯޓުން ކުރި ހުކުމަކާއިއެކު މިނިވަންވެވަޑައިގެންނެވިއެވެ.

އެއަށްފަހު ތަހުތާއި ހަވާލުވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ. އެމަނިކުފާނުގެ މައްޗަށް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރި އަމަލުތަކެއް ހިންގެވިކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރާއިރު، މާލީ ނަހަމަ އަމަލުތަކެއް ހިންގެވިކަމުގެ ތުހުމަތުގައި މިއަދުވެސް ހުންނެވީ ހުކުމެއްގެ މަތީގައެވެ. ދާދި ފަހުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައިވާނަމަވެސް މިއަދުވެސް ހުންނެވީ ކުށްވެރިއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް މީގެ ކުރިން ކުރިންވެސް އެއްފަދަ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ހުކުމެއް ކުރެވިގެންދިއުމަށްފަހު ސުޕްރީމް ކޯޓުން އެ ބާތިލުކޮށް އެމަނިކުފާނު މައުސޫމުކަމަށް ކަނޑައަޅާ ނިންމާފައިވުމުން، މިހާރު ކުރިއަށް ދާ މައްސަލައިގައިވެސް އާހިރުގައި ކަން ނިމިގެންދާނީ އެ ގޮތުގެ މަތިންކަމަށް ގިނަ މީހުން ދެކެއެވެ. އަދި ތާރީހަށް ބެލުމުންވެސް ފެނިގެންދަނީ ވެރިންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުމުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ޖަލަށް ވަޑައިގެންނެވުމަށްފަހު މިނިވެވަޑައިގަންނަވާ މަންޒަރުކަަމަށްވުމުންވެސް މިނިވަންވެގެންދާނެކަމަށް ބެލެވޭ ކަމަށްވެސް ބުނާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން އެ ހުކުމް ސިފަކުރަނީ “ހަރާމް” ހުކުމެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން ވެރިކަމުން ފައިބާ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީވެސް ހަމަ އެމަނިކުފާނުގެ ކުރިއަށް ވަޑައިގެންނެވި ވެރިންގެ މައްޗަށްވެސް ކުރެވޭ ފަދަ އެތަކެއް ތުހުމަތުތަކެއް ކުރެވޭ ފަރާތެކެވެ. އެގޮތުން ދިވެހިރާއްޖެ ދަރަނިވެރިކުރުވުމާއި މާލިއްޔާތުން ނަހަމަ ބޭނުންތައް ހިފުމުގެ އިތުރުން ގައުމުގެ ސަރަހައްދުން ބައެއް ވިއްކާލުމުގެ ތުހުމަތުތައްވެސް ހިމެނެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އިންޑިއާ އާއިއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމުގެ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ދާދި ފަހުން ސަރުކާރުންވަނީ އެފަދަ އެއް އެއްބަސްވުންކަމަށްވާ ހައިޑްރޮގްރަފީ އެއްބަސްވުން އައު ނުކޮށް އުވާލުމަށް ނިންމާފައެވެ. އެކަން ކުރީ ރާއްޖޭގެ ކަނޑު ފަޅުތަކާއި އެކުލެވިގެންވާ ތަކެތީގެ މައުލޫމާތަކީ ޒަމާނުއްސުރެ ދިވެހި ރައްޔިތުންގެ ތެރޭގައި ހިފެހެއްޓިފައިވާ ސިއްރެއްކަަމަށްވާތީކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން ރައީސް ސާލިހުގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ ޒަމާނީ ސިއްރުތަކެއް ދެނެގަތުމުގެ ފުރުސަތުތައް ބޭރު ގައުމަކަށް ފަހިކޮށްފައިވާކަން ހާމަވެފައިވުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމުގެ މުހިންމު ސިއްރުތައް ބޭރު ގައުމަކަށް ހާމަކުރުން ފަދަ ހިޔާނާތްތަކުގެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށްވެސް ކޮންމެވެސް ދައުވާއެއްކުރެވިގެންދިއުން އެކަށީގެންވެއެވެ.

އެމްޑީޕީގެ ސަރުކާރު އޮތީ ވައްކަމުގެ ނެޓުވޯކެއްގެ ގޮތުގައިކަަމަށް މިހާރު ޑިމޮކްރެޓްސްގައި ތިއްބެވި އެމްޑީޕީގެ ކުރީ މެމްބަރުންވެސް ތުހުމަތުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރައީސް ސާލިހު މިއަދު ހުންނެވީ ދިވެހިރާއްޖޭގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އަދި ހުކުމެއް ކުރިނަމަވެސް ޔަގީނުންވެސް އެއްކޮށް ތަންފީޒުކުރައްވަން ޖެހިވަޑައިނުގަންނަވާނެއެވެ.

މިއަދު ވެރިންގެ ތެރޭގައި މިފަދަ އަމަލުތައް ގިނަވެ އާންމުވެގެންގޮސް ހައްލެއްވެސް ނުފެންނަކަމަށްވުމުން ރައްޔިތުން ސަމާލުކަންދޭ މިންވަރުވެސް ކުޑައެވެ. ކެޔަސް ހެޔޮކަމަށް ދެކިގެން ތިބިފަދައެވެ. ސިޔާސީ އިސްވެރިންނަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލައިގައި ރައްޔިތުންގެ ތެރެއިން އަގުލަބިއްޔަތު އަދަދެއް ލޮލުން ފެނި އަތުން ހިފޭ ހެކިތަކަށްވެސް ދެލޯ މަރާލައި އަތް ދަމައިގަނެ ދެކޮޅު ހެދުމަށް ތައްޔާރަށް ތިބޭކަން ފާހަގަކުރެވެއެވެ.

މިއަދު ދިވެހިރާއްޖޭގެ ކަންކަން ބައްޓަންވެފައިވާގޮތުން، ވެރިކަމަށް އަންނަ މީހަކު ކުރާނެ ކަމެއް ކުރުމަށްފަހު، ވެރިކަމުން ފައިބައިގެންދިއުމަށްވަނީ ފުރުސަތު ފަހިވެފައެވެ. ރައީސް މައުމޫނު ޒަމާނުއްސުރެ މިއަދާއި ޖެހެންދެންވެސް އެއްވެސް މީހަކަށް ކުރެވުނު ދައުވާ އާއި އެއް މިންވަރުގެ އަދަބެއް ލިބިފައިނުވާކަމަށްވުމުން އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރުވެސް ލިބިގެންދާނެއެވެ. ރައްޔިތުންގެ ބަޔަކު މީހުން ނުކުމެ އެ ހުރިހާ ވާހަކަތަކަކާއި ހެކިތަކާއިވެސް ދެކޮޅު ހަދައި މިނިވަންކުރުމަށް ގޮވާލާ އަޑުގަދަކުރެއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ބަޔަކަށް އަދަބު ދޭނަމަ ޒިންމާދާރު މަގާމުތައް ހަވާލުކުރުމުން ހިޔާނާތްތެރިވާ މީހުންނަށް ހައްގު އަދަބު ދޭންޖެހެއެވެ.

ގާނޫނުއަސާސީގެ ދަށުން އެންމެހާ ރައްޔިތުންވެސް ހަމަހަމަ އެވެ. އެހެންނަމަވެސް ރާއްޖޭގައި ކަން ހިނގަނީ އެހެންތޯއެވެ. މި ދެންނެވި ގޮތަށް އާދައިގެ އާންމު މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ، އެ މީހެއްގެ ހައްގުގައި ނުކުމެ މިނިވަންކުރުމަށް ގޮވާލާނީ ކިތަށް ސިޔާސީ އިސްވެރިންތޯ އަދި ރައްޔިތުންތޯ ވިސްނާލުން މުހިންމުވެއްޖެއެވެ. އަދި ކޮންމެ މަގާމެއްގައި ހުރިނަމަވެސް ރައްޔިތަކުވާނީ ރައްޔިތަކަށްވުމުން ދެ ނާޅިއަކުން މީހުން މިނުންވެސް ހުއްޓާލަންވެއްޖެއެވެ.

ސިޔާސީ މަގާމުތަކާއި ސަރުކާރުގެ މަގާމުތަކުގައި ތިބި ނަމަވެސް ގާނޫނުތައް އެއް ގޮތެއްގެ މަތިން ތަންފީޒުވެގެންދާކަން އަދި އެންމެނާއިމެދުވެސް އެއްގޮތެއްގެ މަތިން އަމަލުކުރާކަން ކަށަވަރުކުރަންޖެހެއެވެ. އެކަކަށް ކުޑަ ކަކޫ މަތީ އިންނަންޖެހޭއިރު އަނެކާ ސޯފާއެއްގައި ބައިންދާ ބޭންދުމާއި އެކަކު ފިނި ކޮޓަރިއެއްގައި އަނެކާ ކޮންކްރީޓު ގޮޅިއެއްގައި ބާއްވާ ބޭއްވުންވެސް ނިމުމަކަށް ގެންނަންޖެހިއްޖެއެވެ.

ގާނޫނާއި ހިލާފުވުމާއިމެދު ބިރުގަންނަންޖެހެނީ ހަމައެކަނި އާދައިގެ ރައްޔިތު މީހާ އެކަންޏެއް ނޫނެވެ. އިސްވެރިންގެ ގޮތުގައި މި ބުނާ މީހުންނާއިވެސް ގާނޫނު އަރާ ހަމަކުރާނެކަން އަދި ލަސްތަކެއްވެސް ނުވާނެކަން މިހާރުން މިހާރަށް ކަށަވަރުކުރަންޖެހޭއިރު، އެހެން އެންމެނާއިވެސް އެއް ފަދައިން ލިބެނީ އަދަބެއްކަން އަދި ފޮނުވަނީ ވެކޭޝަނަކަށް ނޫންކަން ރައްޔިތުންނަށް ޔަގީންކޮށްދިނުމުގެ ގޮތުން ފިނިކޮޓަރި ނައްތާލުން ރަނގަޅެވެ. ވަ

އެހެންކަމުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނާއި ސަރުކާރުގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ގިނަވެގެންދަނީ އެފަދަ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މީހުންނަށް މިނިވަންކަމާއިއެކު އުޅެވޭނެކަން ކަށަވަރުކުރުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ނުކުމެ ބުރަ މަސައްކަތްތަކެއް ކުރާތީކަމަށްވެސް ބުނެވިދާނެއެވެ. ސިޔާސީ ކިޔައިފިނަމަ ޝަރީއަތުގެ މަރުހަލާގެ ނިންމުންތަކަށް މަޑުކުރުމަށް ބޭނުން ނުވުމާއި ކޯޓުގެ ނިންމުންތައް ބަލައިނުގަތުމުގެ އާދަވެސް މިއަދު ރައްޔިތުންގެ ތެރޭގައި އެބަ އޮތެެވެ. އެހެންމަވެސް އެއީ ސިޔާސީ އިސްވެރިއެއް މުއްސަނޖެއް ނުވަތަ ސަރުކާރުގެ އިސްވެރިއެއްގެ މައްޗަށް ކުރެވޭ ދައުވާ ނުވަތަ ތުހުމަތުތައްކަމަށް ވާނަމައެވެ. ރައްޔިތު މީހާ ސަލާމަތްކުރަން ނުކުންނީ މަދު ބަައެކެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ މާލީ ހާލަތާއި އިޖްތިމާއީ ހާލަތު ދަށަށް ގޮސްފައިވުމުގެ ޒިންމާ ނަގަންޖެހޭ އެއް ފަރާތަކީ މިހާރު ވޯޓު އަޅާ އުމުރު ފުރައިގެ މީހުންކަން ޔަގީނެވެ. މިހާރު އޮތް ގޮތުން ދިވެހިރާއްޖޭގެ މާލިއްޔާތުގައިވާ ފަހު ފައިސާ ފޮތި ނަގައިގެންދާ މީހާއަށްވެސް ބިރެއް ނެތެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ބަނޑަށް ޖެހޭ ރައްޔިތު މީހާ ގޮސް ގަހަކުން ބިނދެލާ ފަތެއްގެ ސަބަބުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހޭނެ ގޮތަށް ކަން އޮތުމުން މިއީ ވަގުތުން ވަގުތަށް އިސްލާހުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ޔަގީނެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: