ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރުން، 5 އަހަރުން ބަދަލުވާ ވެރިކަމާއިއެކު، ތަރައްގީ ސިޔާސީ ކޯޅުމުގައި މޮޑެވިފަ!

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

5 އަހަރުގެ ދައުރެއް ހޯދުމަށް މަސައްކަތް ކުރައްވާ ކޮންމެ ވެރިއަކުވެސް ވަޑައިގަންނަވަނީ މާސްޓަރ ޕްލޭންއަކާއިއެކުގައެވެ. އަހަރުތަކަކަށް ބަހާލައިގެން ގައުމަށް ބޭނުންވާ ތަރައްގީއާއި ކުރިއެރުން ގެނައުމަށެވެ. އަންނަން އޮތް ޖީލުތަކާއި ހަމައަށްވެސް ފޯރާނެ މަސައްކަތްތަކެއްކޮށް، ގައުމު ކޮޅަށް ޖެހުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ އާރާއި ބާރު ދޫކޮށްލެއްވީ އަމިއްލަފުޅަށެވެ. ނަމަވެސް 2023 ވަނަ އަހަރު ސިޔާސީ މައިދާނާއި ދުރަށް ޖެހިވަޑައިގަތުމާއި ހަމައަށް އެމަނިކުފާނު ކުރެއްވީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތެވެ. ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު ދައުރެއްގެ ނުވަތަ ވެރިކަމުގެ މުހިންމުކަމުގެ ވާހަކައަކީ އަބަދުވެސް ދެއްކެވި ވާހަކައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީ އެހެން ބޭފުޅެއްގެ ހައްގުގައި ނަމަވެސް، 5 އަހަރު ނިމުނު އިރު، ވެރިކަމުގެ ދެވަނަ ދައުރެއްގެ ބޭނުން އޮތީ އެމަނިކުފާނަށްވެސް ޖެހިވަޑައިގެންފައެވެ. ފުރަތަމަ 5 އަހަރު ހޭދަވީ އެކި ގޮންޖެހުންތަކުން އަރައިގަންނަންކަމަށް ދޭހަ ކޮށްދެއްވިއެވެ. 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްތައް ކުރަން ޖެހުނީ ދަރަނި ނަގައިގެންކަމުން، ދެން އިތުރަށް ލިބޭ ފަސް އަހަރު ވެގެންދާނީ ދަރަނިތައް ދައްކާ ގައުމުގެ އިގްތިސާދު ކޮޅަށް ނަގާނެ 5 އަހަރަށްކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ދައުރުގެ ފަހު ދުވަސްތަކުގައި އެ ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް އިތުރު ދައުރެއް ދިނުން މުހިންމުކަމަށް ވިދާޅުވިއެވެ. ފެށި ބޮޑެތި ބިޔަ މަޝްރޫއުތައް އޭރުވެސް ހުރީ ނުނިމިއެވެ. ހިއްކާނެކަމަށް ވިދާޅުވީ ފަޅުތަކާއި، ބުރިޖުގެ މަސައްކަތްވެސް އޮތީ ކޮޅެއްގައި ނުޖެހިއެވެ.

މިހާރު ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭންއަކާއިއެކުއެވެ. އެހެންކަމުން މި ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކޮށް، ބޭނުންވާ ފެންވަރަށް ގައުމު ގެންދިއުމަށްޓަކައި 5 އަހަރު މަދުވާނެކަން ޔަގީނެވެ.

އިތުރު ދައުރެއް ކާމިޔާބުވާނެކަމުގެ އުއްމީދުގައި ހަދާ ބޮޑެތި ޕްލޭންތަކާއި، ފަށާ ބޮޑެތި ބިޔަ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބަކީ މިއީކަމަށް ވެދާނެއެވެ. މަސައްކަތްތައް ރަނގަޅަށް ފަށާ، ހިނގާ ނުގަނެގެން އުޅެނީސް ރައްޔިތުންގެ އިތުބާރު ގެއްލި ވެރިކަން ބަދަލުވެއެވެ. ގާނޫނު އަސާސީގައި ވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ބެހިފައި އޮންނަނީ ފަސް އަހަރުގެ މުއްދަތަކަށްކަމަށްވާއިރު، ބޮޑު މަޝްރޫއުއެއް ފަށާ، އޭގެ ފައިދާ ރައްޔިތުންނާއި ހަމައަށް ވާސިލްވުމަށް މިއީ ކުރު މުއްދަތެކެވެ. އަލަށް ކަމަކާއި ހަވާލުވާއިރު، އެކަމުގެ ހުރި ބަރުދަން މިއީ އެކަކުވެސް ދަންނާނެކަމެއް ނޫނެވެ. އެންމެ ފަސޭހައިން ކުރުމަށް އަމާޒު ހިފާ ކަންކަން ދަނީ އަތުން ބީއްސައިގެންނެވެ.

ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަސްތައް ހޭދަވެގެން ދަނީ ކުރީ ސަރުކާރުގެ މައްސަލަތައް ބެލުމަށެވެ. އެ ސަރުކާރުން މަސައްކަތްތައް ބައްޓަން ކޮށްފައިވާ ގޮތުގެ ތަފްސީލުތައް ދެނެގަނެ، ނުވަތަ ހައްދަވާފައިވާ ގޯސްތައް ހަމަ ޖެއްސުމަށެވެ. ފުރަތަމަ އަހަރު ހޭދަ ކުރަން ޖެހެނީ އެހެން ބަޔަކު ފާސްކުރި ބަޖެޓަކާއިއެކުކަމަށްވާއިރު، ހަގީގަތުގައި ދަތިތަކެއް ހުންނާނެއެވެ. ވެރިކަން ބަދަލުވާއިރު ވާރުތަވާ ކަންކަން މަދެއް ނޫނެވެ. އެއީ ތިމަންނާ ހެއްދެވި ގޯހެއް ނޫން ނަމަވެސް، އެ ގޯސްވެސް ރަނގަޅު ކުރައްވަން ޖެހިވަޑައިގަންނަވައެވެ. ދެން އޮތް 4 އަހަރު ރަނގަޅު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނީ ވަރަށް ފުރިހަމައަށް މެނޭޖު ކުރެވިގެންނެވެ. އެ 4 އަހަރުގެވެސް ދެ ބައި ކޮށްފައި އެއްބައި ދެން އަންނަ އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ބަހަން ޖެހެއެވެ. އަދި ކޮބައިތޯއެވެ. މަޖިލީހުގެ ދައުރަކީވެސް 5 އަހަރުން، 5 އަހަރުން ބަދަލުވާ އެއްޗެއްކަމުން މަޖިލީސް އިންތިހާބުގެ ކެމްޕެއިންވެސް ކުރައްވަން ޖެހިވަޑައިގަންނަވައެވެ. ކައުންސިލް އިންތިހާބުތަކާއި ބައި އިލެކްޝަންތަކުން ސަލާމަތް ނުވެ އުޅެނިކޮށް ދައުރު ނިމެއެވެ.

ރައްޔިތުންގެ ހައްގާއި، ތަރައްގީގެ ބަދަލުގައި ސަރުކާރުތަކުގެ ފޯކަސް ހުއްޓިފައި އޮންނަނީ ސިޔާސީ ބާރުވެރިކަމަށެވެ. ގައުމަށް އެދޭ ތަރައްގީ ނުގެނެވި އޮތީ ހަގީގަތުގައި ސިޔާސީ ކޯޅުމުގެ ސަބަބުންނެވެ. ކޮންމެ 5 އަހަރަކުން، 5 އަހަރަކުން ވެރިކަންތައް ބަދަލުވާން ހަދައިގެން، އޭގެ ކުރީ ވެރިކަމުގައި ކުރާ މަސައްކަތަކުގެ ފޮނި ރައްޔިތުންގެ އަރު ތެރޭ ނުލާ އުޅެނިކޮށް ބަދަލުތައް ގެނެސް އެއް ބައެއްގެ ހައްގަށް އުނިކަން ލިބެއެވެ.

އެގޮތުން ބަލާއިރު، ކުރީ ސަރުކާރުން ނެރުން ގޯއްޗާއި، ފްލެޓު ލިސްޓުގެ މައްސަލަ ހައްލުކުރުންވީ ބޮޑު އަރަތަކަށެވެ. އަދި ފްލެޓު މައްސަލަ ހައްލު ނުވެ އޮތްއިރު، މިއީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކާއި ގުޅިފައި އޮތް މައްސަލައެއް ނަމަވެސް ކުރީ ސަރުކާރުން ކުރި މަސައްކަތެއް، މި ސަރުކާރާއި ހަމައަށް ގޮތް ނިންމަން އައުމުން ހަގީގަތުގައި އޭގެ އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނެވެ. މިއީ މިފަދަކަމެއް ހިނގި ހަމައެކަނި ފަހަރެއް ނޫނެވެ. މިއީ ރާއްޖޭގައި ސަގާފަތަކަށް ވެފައި އޮތް ކަމެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ކަން ހިނގާ ގޮތް ރާއްޖޭގެ ރައްޔިތުންވެސް ކައިރިން ދެކެއެވެ. ތަހުޒީބުވެގެން އަންނައިރު، ސިޔާސީ ކޯޅުމުގައި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ މަންޒަރެއް، ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުވެދާ މަންޒަރެއް ނުފެންނާނެއެވެ. ތަރައްގީގެ މަސައްކަތްތައް ސިޔާސީ ކޯޅުމުގައި މޮޑެވިގެން ދާނަމަ ދުވަހަކުވެސް ކުރިއަރައިގެންނެއް ނުދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: