ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަކީ އެންމެންނަށް ދެއްވާ އެއްޗެއް ނޫނެވެ!

ރައީސް ޑރ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަށްފަހު ދެން ފެންނަނީ ވެރިކަމާއި ބަގުޑި ބައްދާ މަންޒަރެވެ. ހޯދުނު ގޮތަކަށް ވެރިކަން ހޯދުމަށް މަސައްކަތް ކުރާ މަންޒަރެވެ. ވަކި މީހެއް ވަކި ޕާޓީއެއް ކިޔާނެކަމެއް ނެތެވެ. ގައުމަށް ހިދުމަތްކޮށް، ރައްޔިތުންނަށް ހެވާ ލާބަ ހޯދައިދެވެން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށް ދެކެއެވެ. އެހެންކަމުން ވެރިކަމުގައި ހުންނަ މީހާ ނޫން އެހެން އެންމެން ދެން ކުރާ މަސައްކަތަކީ ވެރިކަން ހޯދުމުގެ މަސައްކަތެވެ. ވެރިކަމުގެ ރަހަ ދެކޭ ހިތުން މަސައްކަތް ކުރަނީ އެކަމުގެ ރަހަ ނުލިބި ތިބި މީހުން އެކަންޏެއް ނޫނެވެ. ވެރިކަންކޮށް ފައިބާވަޑައިގެން ދެންވެސް ކުރައްވަނީ ވެރިކަން ހޯދުމުގެ މަސައްކަތެވެ.

2008 ވަނަ އަހަރު އޭރުގެ ވެރިޔަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު، އެމަނިކުފާނުވެސް ދެން ކުރެއްވިހާ މަސައްކަތަކީ ވެރިކަން ހޯދުމަށް މަގުކޮށުމުގެ މަސައްކަތެވެ. 2013 ވަނަ އަހަރު އޮތް ރިޔާސި އިންތިހާބުގައިވެސް ވާދަކުރެއްވިއެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށްވެސް ކުރެއްވީ ވެރިކަން ހޯދުމުގެ މަސައްކަތެވެ. ސަރުކާރު ވައްޓާލުމުގެ މަސައްކަތެވެ. ރިޔާސީ އިންތިހާބާއި ހަމައަށް އައިރު، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ފުރޮޅުމުން ދެންވެސް ހުއްޓާނުލާ ކުރެއްވީ ވެރިކަމަށް އައުމުގެ މަސައްކަތެވެ. އަމިއްލަ ޕާޓީ ވެރިކަމުގައި އޮތް ނަމަވެސް އެ ފަސް އަހަރުވެސް ކުރެއްވީ ވެރިކަން ހޯދުމުގެ މަސައްކަތެވެ. 2023 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކުރެއްވި މަސައްކަތުގައި ނާކާމިޔާބުވެވަޑައިގަތުމުންވެސް ވެރިކަން ހޯދުމަށް ކުރެއްވި މަސައްކަތް ހުއްޓައެއް ނުލައްވައެވެ. އެމްޑީޕީއިން އިސްތިއުފާ ދެއްވާ، އާ ޕާޓީއެއް އުފައްދަވައިގެން ދެން ކުރެއްވީ ކޮންމެސް އެއް ސިފައެއްގައި ވެރިކަމުގެ ބާރުތައް އެމަނިކުފާނުގެ މުށަށް އެއްކުރުމުގެ މަސައްކަތެވެ.

އެއަށްފަހު ކުރީގައި ރައީސްކަން ކުރެއްވި އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްވެސް މަސައްކަތް ކުރެއްވީ އެ މަގުންނެވެ. ވެރިކަން ކާމިޔާބުކުރުމަށްޓަކައި ނުވަތަ އެހެން މީހަކަށް އެ ބާރު ފުރޮޅުން ހުއްޓުވުމަށް އޮތް ގޮތަކީ އިންތިހާބު ބޮއިކޮޓް ކުރުންކަމުގައިވަނީނަމަ، އެކަމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ. އެއަށްފަހު ދެން ރައީސް ސާލިހެވެ. ދެވަނަ ދައުރެއް ހޯދަން ކުރެއްވީ އަމަށަކު ކެމްޕެއިންއެއް ނޫނެވެ.

ދެން ތިއްބެވީ ވެރިކަމުގެ ރަހަ ދެކިފައިނުވާ ބޭފުޅުންނެވެ. އުމުރު ދުވަހު ކުރެއްވި މަސައްކަތަކީ ވެރިކަން ހޯދުމުގެ އަޒުމުގައި ކުރި މަސައްކަތް ނަމަވެސް ހަމަ ހިލާ ކާމިޔާބެއް ނުވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުފަދަ ބޭފުޅުން ވެރިކަމަށް ކުރެއްވި މަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތްތަކެވެ.

ވެރިކަމަށް އައިސްގެން ނޫނީ ގައުމަށް ރަނގަޅު ހިދުމަތެއް ކޮށްދެވެން ނެތްކަމަށް ގަބޫލުކޮށް، އޭރެއްގައި އޮންނަ ވެރިކަމަކަށް އެއްބާރުލުން ނުދީ ވެރިކަމާއި ދެކޮޅަށް ބަގާވާތްކޮށް ވެރިކަން ވައްޓާލަން ކުރާ މަސައްކަތަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ވެރިކަން ގޯސްވެ މަގުތައްމައްޗަށް ނިކުމެ އަމާންކަން ނަގާލާ، ހޯބޯލެވި ދުވަސްތަކެއްވެސް އަޅުގަނޑުމެން ދެކެފީމެވެ. ވެރިކަމަކީ އެންމެންނަށް ނުލިބޭނެ، ފަހަރަކު މީހަކަށް ކުރެވޭނެ އެއްޗެއްކަންވާއިރު، އެންމެން އެއްފަހަރާ ވެރިކަން ހޯދުމަށް ކުރާ މަސައްކަތުގެ ބަދަލުގައި ޒިންމާދާރުވާންޖެހެއެވެ. ވެރިކަން ކުރަން ލިބުމަކީ ހުރިހާ ކަމަކަށް ހައްލު ގެނެވޭނެކަމެއްކަމުގައި ދެކޭ ދެކުން ހުއްޓާލަން ޖެހެއެވެ. ވެރިކަމަކީ ހައްލެއް ނޫނެވެ. އަދި ހިދުމަތްކޮށްދެއްވުމަށް މަގާމަކަށް ވަޑައިގަންނަވާއިރު، ދެން އަޅާނެ ފިޔަވަޅަކީ ވެރިކަން ހޯދަން އަޅާ ފިޔަވަޅަކަށް ހަދައިފިނަމަ ފައި އެ އެޅެނީ ރައްޔިތުންގެ ބޮލުގައެވެ.

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ތާކުން ތާކު ނުޖެހޭ ފާޑުކިޔުން ކިޔާ، ފިއްތުތައް ކުރިމަތިކޮށް، ދެން ކަން ނުވީމާ ވެރިކަން ގޯސްކޮށް، “ނޫން ގޮތެއް” ހޯދަން އުޅުމަކީވެސް ހައްލެއް ނޫނެވެ. ކޮންމެ 5 އަހަރަކުން ވެރިކަމުގެ ދައުރު ބަދަލުވާއިރު، ރައްޔިތުން ގޮތް ނިންމާނެއެވެ. އެހެން ނަމަވެސް ނާކާމިޔާބީ ލިބުމުން، ހިތްތިރިކޮށް ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭނެއެވެ. ލިބުނު ނާކާމިޔާބީ ގަބޫލުނުކޮށް، ރައްޔިތުންގެ ނިންމުމަށް އިހުތިރާމުނުކޮށް ވެރިކަން ބަދަލު ކުރަން އުޅުމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސްތައް ދަމަހައްޓާނެކަމަށް ބުނާ ބަޔަކު ކުރަން ހެޔޮވާނެ ކަންތައްތަކެއް ނޫނެވެ.

ވެރިކަމާއި، ދައުލަތް ހިންގުމުގެ ބާރުތަކަކީ އަބަދު އެއް ބަޔެއް ބަނގުޑި ބައްދާ އެއްޗަކަށް ވެއްޖެނަމަ ކުރިއަށް އަންނަ އޮތް ޖީލުގެ އެއްވެސް ދައުރެއް ގައުމުގައި ނޯންނާނެއެވެ. އާ ބަޔަކަށް އެ ފުރުސަތު ނުދީ 1900 ގެ އަހަރުތަކުން ފެށިގެން ވެރިކަން ހޯދުމަށް އުޅުނު ބަޔަކު، އެ ކަން ދޫކޮށް ކުރިއަށްދާން ނޭނގިގެން އުޅުމަކީ، ހަގީގަތުގައި ގައުމުގެ މުސްތަގުބަލަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ވެރިކަން ނުލިބުމަކީ ތިމާ ގައުމަށް ކޮށްދޭން ހުރި ހިދުމަތް ކުރަން އޮތް ފުރުސަތު ގެއްލުމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެރިކަމަކީ ދޮގައި މަކަރުން އޮޅުވާލައިގެން ވެރިކަން ލިބުނު މުއީޒު އައް އެކަނި ލިބޭ އެއްޗެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: