އެމްޑީޕީއިން ވަކިވެގެން ޕީޕީއެމް/ޕީއެންސީއާއި ގުޅުނު މެންބަރުން އެމްޑީޕީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޝުކުރު ދަންނަވައިފިއެވެ.
ރޭ ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާގައި އެމްޑީޕީގެ 13 މަޖިލީސް މެންބަރަކު ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
އޭގެ ތެރޭގައި:
– މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
2- ފޭދޫ ދާއިރާގެ މުހައްމަދު ނިހާދު.
3- އިސްދޫ ދާއިރާގެ އަލީ ހަމީދު.
4- ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލްހަކީމް.
5- ކުރެންދޫ ދާއިރާގެ އަބްދުލް ޣަނީ މުހައްމަދު.
6- މަތިވެރި ދާއިރާގެ ހަސަން ޒަރީރު.
7- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު.
8- ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
9- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ (އާދަންކޮ)
10- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު (ރާޑޯ)
11- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން (ގިޓާ)
12- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒް
13- މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމް
މިރޭ އެމްޑީޕީއާ ވަކިވެ ދިޔަ މަޖްލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މާތް الله ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރިއަށް.
— Fayyaz Ismail (@faya_i) December 28, 2023
ފައްޔާޒް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މި މެންބަރުންނަށް ޝުކުރު އަދާ ކުރައްވާ ވިދާޅުވީ މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށްކަމަށެވެ.
މި މެންބަރުން އެމްޑީޕީއިން ވަކިވުމާއިއެކު ދެން މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީއަށް ނިސްބަތްވާ 44 އަށް މެންބަރުންނެވެ. ރެއާއި ހަމައަށް އެމްޑީޕީގައި 56 މެމްބަރުން ތިއްބެވިއެވެ.
13 މެމްބަރުންނާއެކު މަޖިލިހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި މީގެ ކުރިން ދަ ޑިމޮކްރެޓްސް އޮތް ނަމަވެސް ރޭ ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނާއިއެކު، މަޖިލީހުގައި ދެން ޕީއެންސީއަށް ނިސްބަތްވާ 15 މެންބަރުން ތިއްބަވާނެއެވެ. އެހެންކަމުން ދެން މަޖިލިހުގެ މައިނޯރިޓީ ޕާޓީއަށް ވާނީ ޕީއެންސީއެވެ.
އޭގެ އިތުރުން މަޖިލީހުގައި އެމްއެންޕީއާއި އެމްޑީއޭގެ މެންބަރުން މަސައްކަތް ކުރައްވަނީ ޕީއެންސީއާއިއެކުއެވެ. އެއީ ޖުމްލަ 4 މެންބަރުންނެވެ.

