ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުކޮށް، ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ބައެއް އެމްޑީޕީގެ މެމްބަރުން ގުޅިވަޑައިގެންފައި ވަނިކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކޮމިޓީ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ދަންމާލުމަށް ފަހު ވެސް އެއްކޮށް މަސައްކަތް ނިންމާނުލެވި، މެމްބަރުން ޗުއްޓީއަށް ދިޔައީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފަހު ގޮތެއް ނިންމަން ބައްދަލުވުމެއް ވެސް ކުރިޔަށް ނުގެންދެވި ވަނިކޮށެވެ. އެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ކޯރަމް ހަމަނުވެ، އެންމެ ފަހުން ވެސް ތާވަލު ކުރި ބައްދަލުވުން ޖެހުނީ ކެންސަލް ކުރަންށެވެ.
އޭރު އެމްޑީޕީގެ މެޖޯރިޓީއެއް ކޮމިޓީގައި އޮތް ނަމަވެސް، 13 މެމްބަރަކު ޕާޓީން ވަކިވުމާއި އެކު މެޖޯރިޓީ ގެއްލި ބައްދަލުވުމެއް ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު 11:00 އަށެވެ. މިއީ މީގެ ކުރިން ކޮމިޓީން ތަޅުމަށް ފޮނުވާފައި އޮތް މައްސަލައެއް ނަމަވެސް ރިޔާސަތުން މައްސަލަ އަނބުރާ ފޮނުވާލީ ކޮމިޓީގެ ރިޕޯޓު ފުރިހަމަ ނުވާކަމަށް ވިދާޅުވެ ހިސާން ނެންގެވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ތާއީދު ކުރުމުންނެވެ.
މައްސަލަ އަނބުރާ ފޮނުވާލަމުން، ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން ރިޕޯޓު އެކުލަވާލާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ނުވެ ކަމަށެވެ. އޭގެ ފަހުން ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާއިރު އެމްޑީޕީގެ ރޫހު ހުރީ ބައެއް ބޭފުޅުންނަށް ރުހުން ނުދިނުމަށެވެ.
ކޯރަމް ހަމަނުކޮށް، ގަސްތުގައި މައްސަލަ ދިދު ދަންމާކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޕީޖީއަށް އޮތީ ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ. އެކަމަކު ކުއްލި ގޮތަކަށް އެމްޑީޕީގެ މެމްބަރުންތަކެއް، ޕާޓީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރުމުން ކޮމިޓީގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދު މުގައްރިރު މުހައްމަދު ފަލާހު ނުހިމަނައި ފަހަކަށް ދަށްވާނެ އެވެ. ކުރިން އެ ކޮމިޓީގައި ތިއްބެވީ އެމްޑީޕީގެ ހަތް މެމްބަރުންނެވެ.
އެހެންކަމުން ދެން ކޮމިޓީގައި ތިއްބަވާނީ ޕާޓީއަށް ސޮއި ކުރި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި އެކު ޕީޕީއެމް/ޕީއެންސީގެ ތިން މެމްބަރުންނާއި ޑިމޮކްރެޓްސްގެ ދެ މެމްބަރުން އަދި އެމްއެންޕީގެ އެއް މެމްބަރެވެ.
ވަޒީރުންނަށް ރުހުން ނުދީ ލަސްވާ ސަބަބާއި މެދު އެމްޑީޕީގެ ސީދާ ޖަވާބެއް ނެތެވެ. މަޖިލީހުގެ ތަޅުމުގައި އާއި، ބައެއް އެހެން ބައްދަލުވުންތަކުގައި ދެކެވުނު ވާހަކައިގައި މެމްބަރުން ވަނީ ރުހުން ދޭން ބޭނުން ނުވާ ވަޒީރުންގެ ނަން ވިދާޅުވެ އެބޭފުޅުންނާއި މެދު ނުރުހުންފާޅުކޮށްފަ އެވެ.
ދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވި ދުވަހު އަސްލަމް ވަނީ ކޮމިޓީން ގޮތެއް ނިންމައި ހުށަހެޅުމުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެކަމަށް އިއުލާނު ކުރައްވާފަ އެވެ.

