ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް ޗެކަޕް ނަހަދާ ބިދޭސީއިންނަށް ވޯކް ޕާމިޓް ދޫ ނުކުރަން ނިންމައިފި

ބިދޭސީއިންތަކެއް ގަލޮޅު ދަނޑުގައި ރަޖިސްޓްރީވުމަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

މެޑިކަލް ޗެކަޕް ހަދާފައި ނެތް ބިދޭސީއިންނަށް ވޯކް ޕާމިޓް ދޫ ނުކުރަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އިން ނިންމައިފިއެވެ.

މިނިސްޓްރީގެ ފަރާތުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރެމުން އައި ދުވަސްވަރު ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންގެ މެޑިކަލް ހެއްދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މެޑިކަލް އަކާ ނުލައި މިނިސްޓްރީ އިން ވޯކް ޕާމިޓް ދޫކުރަމުން އައި ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ވޯކް ޕާމިޓް ދޫކުރާނީ އަދި ކުރިން ދޫކޮށްފައިވާ ފަރާތްތަކުގެ ޕާމިޓް މުއްދަތު އިތުރު ކުރާނީ މެޑިކަލް ރިޕޯޓް “އެކްސްޕެޓް ސިސްޓަމް” މެދުވެރިކޮށް ހުށަހެޅުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު މިނިސްޓްރީއިން ނިންމާފައިވާ ގޮތުން ވޯކް ޕާމިޓް އެންޓްރީ ފާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރިނަމަ، އެ މީހެއްގެ ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށްދޭނީ ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި ހުށަހަޅައިގެންނެވެ. އެގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމަނަން ޖެހެއެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އަދި މި މުއްދަތާއި ހަމައަށް ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅާނެކަމަށް ބުނެފައިވެއެވެ.

2024 ފެބްރުއަރީ 04 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވަރކް ޕަރމިޓް ކެންސަލް ކުރެވޭނީ، ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަކަމަށް ބުންޏެވެ. މިމުއްދަތު ހަމަވެފައިވާނަމަ، ވަރކް ޕަރމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދުގެ ދަށުން 2,000/- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވީ މިނިސްޓްރީ އޮފް ހެލްތްއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ކެބިނެޓުން މިގޮތަށް ނިންމަވާފައި ވަނީ، ބިދޭސީންގެ މެދުގައި ކުރިޔަށް ގެންދިޔަ ސްކްރީނިންގެ ތެރެއިން ބަޔަކު ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާތީ އެވެ. އެކަމާ ގުޅިގެން ކުރިޔަށް ގެންދާ، ސްކްރީނިންގައި އިތުރު ބަޔަކު ވެސް ދެނެގަނެވިފައިވާތި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލޭގެ ސަރަހައްދުގައި ވެސް ބިދޭސީން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ނައްތާލެވިފައިވާ އަދި ކޮންޓްރޯލް ކުރެވިފައިވާ ބަލިތައް އަލުން ރާއްޖޭގައި އިއާދަވުމުން ދުރުކޮށްދޭނެކަން ސަރުކާރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: