ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސްރަހުގައި އިހްލާސްތެރިކަމުގެ ހަގީގީ މާނައަކީ ކޮބާ؟

ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކެމުން މިދާ ސިޔާސީ މަސްރަހުގައި އިހްލާސްތެރިކަމަކީ އޭގެ ހަގީގީ މާނަ ވަރަަށް ބޮޑަށް އޮޅިފައިވާ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ދައްކުވައިދޭ ހަގީގަތަކީ ފައިސާ އާއި ނުފޫޒުން ތިމާއަށް ކިތަންމެ މޮޅު މަގާމެއްވެސް ލިބިދާނެ ކަމާއި އަދި ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމުގައި އިހްލާސްތެރި ނިޔަތެއް އެކަމުގައި ވޭތޯ ބެލުން މުހިންމު ނޫން ކަމެވެ. އިހްލާސްތެރި ކަމުގެ ވާހަކަ މިހެން ދެކެވޭއިރު ސިޔާސީ މައިދާނުގައި ތިބޭ ލީޑަރުންނާކީ އެކަމާއި މެދު އެންމެ ގިނައިން ބަސްބުނެ ތިމާ އަކީ އެންމެ އިހްލާސްތެރި ނިޔަތުގައި މަސައްކަތް ކުރާ މީހާ ކަމަށް ލޭބަލް ކުރާ ބޭފުޅުންނެވެ.

ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މިއަދު މުހިންމީ ފައިސާ އާއި ނުފޫޒު ތޯ ނުވަތަ ދިގު ރާސްތާއަށް ބަލައި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނެ ގާބިލް ފަރާތެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިއަދު ސިޔާސީ ނުވަތަ ނުފޫޒު ބޮޑު މީހާ ދޭ ފައިސާ ފޮއްޗަކަށް ރައްޔިތު މީހާ އަމިއްލަ ޖާނާއި މާލު ވިއްކާލަނީ މުސްތަގުބަލުގައި ދިމާވާނެ ކަމަކަށް ނުވިސްނާ ކަން މިއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރުމަށް އިންތިހާބު ކުރާ އެކި މަގާމުގެ އެކި ބޭފުޅުންނަކީ ފުންނާބު އުސް އެހާމެ ގާބިލް ކަމަށް ކުޅަދާނަ ބޭފުޅުން ކަމަށް ގަބޫލު ކުރާ ރައްޔިތަކު ނެތުމަކީ  ފުންކޮށް ވިސްނާލަން ވީ ކަމެވެ. ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ނުވަތަ ގަައުމަށްޓަކައި މަސައްކަތް ކުރާ މީހުންނަކީ ވަކި ޕާޓީއެއް މުހިންމު ނުވާ ނުވަތަ ވަކި މީހަކު މުހިންމު ނުވާ ބަޔަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރެސީ ތައާރަފްވެ ޑިމޮކްރެސީގެ އުސޫލު ތަކާއި އެއްގޮތަށް މަސައްކަތް ކުރަމުން އަންނަތާ 20 އަހަރުވެ ވެގެން ދިޔައީއެވެ. އެހެންނަމަވެސް ޑިމޮކްރެސީގެ ރިވެތި އުސޫލުތައް ދަންނަ މީހަކުވެސް ނުވަތަ އެދަފަގޮތަކަށް އަމަލު ކުރާ މީހަކުވެސް ސިޔާސީ މައިދާނުން ފެނުމަކީ މިއަދު ނާދިރު ކަމަކަށްވެއްޖެއެވެ. ޑިމޮކްރެސީ އުފަންވެގެން މިހާ ހިސާބަށް އައިއިރު ސިޔާސީ މަސްރަހުގައި ވަކި އުސޫލަކަށް މަސައްކަތް ކުރަންޖެހޭކަން ދަންނަނީވެސް ވަރަށް މަދު މީހެކެވެ.

އިހްލާސްތެރި ނިޔަތެއްގައި މަގާމެއް އަދާކުރާ މީހަކަށް މިއަދު އަމިއްލާ ޕާޓީ އާއި އަމިއްލަ މަސްލަހަތު އިސްވާންޖެހޭ އެއްވެސް ސަބަބެއް ނުވިސްނެއެވެ. އަބަދުވެސް ފެންނަނީ އެކި ޕޯޑިއަމް ތަކަށް އަރައި އަނެއް މީހާގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފައްދާތަން ނުވަތަ އެހެން މީހެއްގެ އިހްލާސްތެރިކަން ވަޒަން ކުރަންއުޅޭ މަންޒަރެވެ. ގައުމަށްޓަކައި ރައްޔިތުންނަށް ޓަކައި ޕާޓީ ބަދަލުކޮށް، ނުވަތަ މަގާމަކުން އިސްތިއުފާ ދެއްވުމަކީވެސް މިއަދު އެތައް ސިޔާސީ ބޭފުޅަކު ދައްކަމުން އަންނަ މަންޒަރެކެވެ. ތިމާ ނިސްބަތްވާ ޕާޓީއަކީ ލާ ހެދުން ބަދަލު ކުރާ އުސޫލުން ބަދަލުކުރާ އެއްޗަކަށްވެ، އެއްވެސް ޕާޓީ އެއްގައި ހުރެގެން ވެސް އެ ވިދާޅުވާ އިހްލާސްތެރިކަމާއި ގައުމިއްޔަތު ނުފެނުމަކީ މިއީ ކަންބޮޑުވާ ކަމަކެވެ.

ރައްޔިތުން އިންތިހާބުކޮށްގެން ރައްޔިތުންގެ މަންދޫބުން ގޮތުގައި މަޖިލީހެއްގެ ތެރޭގައި އެމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ފޮނުވާފައި އިންނަ ބޭފުޅާވެސް ދައްކާ މަންޒަރު ތަކުން ފެންނަނީ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ މަޖިލީހެއް ސިޔާސީ ހަރުގެއަކަށް ބަދަލުވެގެންދާ މަންޒަރެވެ. އަމިއްލަ މަސްލަހަތު އިސްކޮށް ހިތުހުރިގޮތަކަށް މަސައްކަތް ކުރައްވަމުުން ގެންދަވަނީ ތިމާގެ ދާއިރާގެ ރައްޔިތުންނާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަމިއްލަ ގޭގައި އުޅޭ އުސޫލުން މަޖިލީހުގައި ތިބެގެން ކުރާ އެ އިހްލާސްތެރި މަސައްކަތަކީ ރައްޔިތުންގެ ލޯތަކަށް ކަނު މަންޒަރެއްނޫނެވެ.

އެހެންކަމުން މިއަދު ރައްޔިތުންނަށްޓަކައި އިހްލާސްތެރި މަސައްކަތްތަކެއް ކުރާ ކަމަށް ކުރަމުންދާ މަސައްކަތްތަކާއި މެދު މިއަދު ރައްޔިތުން ފުންކޮށް ވިސްނާލުމަކީވެސް ހަމަ ރައްޔިތުންނަށް އޭގެން ފައިދާތަކެއް ވެގެންދާނެކަމެކެވެ. ސިޔާސީ މަސްރަހުގައި އެކި މަންޒަރުތައް ފެނި އިހްލާސްތެރިންގެ ގޮތުގައި މަސައްކަތް ކުރާ އެތައް ބަޔަކު ފެނިއްޖެއެވެ. އެހެންނަމަވެސް އެ ވިދާޅުވާ އިހްލާސްތެރި ކަމުގެ ހާގީގީ މާނައެއް މިއަދު ސިޔާސީ މައިދާނުން ދައްކުވައިދޭނެ ފަރާތެއްވެސް ހަމަ ނެތީ ތޯ މިއީވެސް އުފެދޭ ސުވާލެކެވެ. އަދި އެބޭފުޅުން އެ ވިދާޅުވާ ބަހުގެ ހަގީގީ މާނަވެސް ފަހުމު ނުވެ އޮތީ މިއަދު ކޮންބައެއްގެ ނާގާބިލްކަމުން ތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: