ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގައި ޖަހަމުން މިދާ ފަހު ވިންދުގެ ޒިންމާ ނަގާނެ ފަރާތެއް ނެތް!

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ކަމަރު ބަނދެގެން އެތައް އޮޑިއެއް ފުރުވަން ބަޔަކު މަސައްކަތް ކޮށްފިއެވެ. އެތައް އަމާން ފަތިހެއްގެ އިންތިޒާރުގައި ރައްޔިތުންތަކެއް ކަރު އެލުވާލައިގެނެ ތިބެއްޖެއެވެ. އަދި އެތައް ބަޔަކު ގައުމުގެ މި ޗާޓުވެސް އެހެން ރާއްޖެއަކަށް ބަދަލުކުރަން އުޅެފިއެވެ. މިހުރިހާ ބުރަ މަސައްކަތެއް ކޮށް ނިންމުމަށްފަހުވެސް ދުރުގެ ހުރެ ކަން ހިނގަމުންދާ ގޮތް ނިކަން ރަނގަޅަށް ބަލާލުމުން ފެންނަނީ ކޮންމެ 5 އަހަރަކުން އެ ވިދާޅުވާ އޮޑި ފެތުނު މަންޒަރެވެ. ގެންނަން ބޭނުންވި އަމާން ފަތިހުގެ އިންތިޒާރުގައި އަދިވެސް ރައްޔިތުން ކަރު އެލިފައި ތިބި މަންޒަރެވެ. ރާއްޖޭގެ ޗާޓު އެހެން ރާއްޖެއަކަށް ބަދަލުކުރަން އުޅުމުގެ ތެރޭގައި ޗާޓުގެ އެއްބައި ވިކުނު މަންޒަރެެވެ.

މިހުރިހާ ކަމެއްވެ ނިމުމުންވެސް ދެން ކަންފަތުގައި އައިސް ޖެހުނީ އެންމެ ފަހުން ޒިންމާ އާއި އިހުމާލުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި ވަކި ނިޒާމެއްގެ ވާހަކައެއް ރަނގަޅު ކަމަށް ބުނުމަށް އެއްވެސް ނިޒާމެއް ޖާގައެއް ނުދެއެވެ. ޒިންމާ އާއި އިހުމާލުގެ ވާހަކަ ދެކެވޭތީ ބައެއް ފަހަރު ހައިރާންވެސް ވެއެވެ. އަނެއްބައި ފަހަރަށް ސިޔާސީ ވެރިން ކުރަން އުޅޭ ކަމެއް ހަމަ އެއްވެސް ގޮތަކަށް ސިކުނޑިއަށްވެސް ނަގައިނުގަނަވެއެވެ. ޒިންމާ އާއި އިހުމާލަކީ މިއަދަކު ނުވަތަ މީގެ ދެތިން އަހަރު ކުރިން ވުޖޫވި ބަސްތަކެއްނޫނެވެ. އަދި ކަންކަމުގައި ޒިންމާ ވާންޖެހޭ މިންވަރާއި އިހުމާލު ވެފައިވާ މިންވަރަކީވެސް ހަމަ އެކަނި މިއަދަކު ނުވަތަ އިއްޔެއަކު ވެފައިވާ ކަންކަމެއް ނޫނެވެ.

ދިވެހިރާއްޖޭގައި ނިޒާމެއްގެ ވާހަކަ ދައްކާއިރު އެންމެންވެސް އިނގިލި ދިއްކޮށްލާނީ ފަނާވަމުން މިދާ ސިއްހީ ނިޒާމަށެވެ. ބައެއްގެ އިހުމާލުން މިއަދު ސިއްހީ ނިޒާމުގައި ކަންކަން ބޮއްސުން ލާފައިހުރުމުން އެކަމުގެ އަގު އެތަކެއް ބައެއްގެ ފުރާނައިން ވަނީ އަދާކުރަން ޖެހިފައެވެ. އެތަކެއް ވެރިކަމެއް އެތައްބަޔަކު ދެކުނު ނަމަވެސް އެ ބުނާ ޒިންމާ އަކާއި އިހުމާލަކާއި ހަވާލުވާ މަންޒަރެއް ފެނިގެން ނުދެއެވެ. ކޮންމެ ސަރުކާރަކުން ވެސް ފެނިގެން ދިޔައީ މިފަދަ ހާލަތްތަކުގައި ސަރުކާރުގެ މުޅި ވަފުދު ވެސް މައްޗަށް އަތް ހިއްލާލައި ޒިންމާ އާއި ދުރަށް ޖެހުނު މަންޒަރެވެ.

ހަމައެކަނި ދައްކަންވެސް ހުރީ ސިއްހީ ނިޒާމުގެ ވާހަކައެއް ނޫނެވެ. ދިވެހި ރާއްޖޭގެ ކޮންމެ ނިޒާމަކީ ޒިންމާ ކުޑަ ވުުގެ ސަބަބުން ދިމާވެފައިވާ ކަންކަމެވެ. މިއަދު ކުޑަ ކުއްޖަކަށް ބަލާލި ނަމަވެސް ނުވަތަ މުޖުތަމުގެ ފަރުދުންގެ ކިބައިންވެސް ފެނިގެން ދަނީ ދިވެހިރާއްޖޭގެ އެކި ވެރިން ފެއިލް ވެފައިވާ މަންޒަރެވެ. މިއަދު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެތައް ކަމެއް ކުރާ ވާހަކަ ދައްކައެވެ. އަދި އެކަމަށް ޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނެއްވެސް ވުޖުކުރެވުނެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުން ނުވަތަ ކޮންމެ ދައުރަކުން އެ އަންނަ ހެޔޮ ބަދަލުތަކާއި އެއްވަރަށް އަމަލުން ދައްކަން ޖެހޭ ކަންކަން ނުވަތަ މުޖުތަމަގައި އެބުނާ ކުދަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭ މިންވަރު ދަށްވާ މިންވަރަކީވެސް އުފެދޭ ސުވާލެކެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަކީ ހަމައެކަނި ގާނޫނެއް ވުޖޫދު ކުރުމެއް ނޫނެވެ. އެކަމަށްޓަކައި މިއަދު ކުޑަކުދިންގެ ހައްގުތައް އެންމެ އެކަށޭނެ ގޮތުގައި ކަށަވަރު ކުރެވިފައި އޮތުމަކީ މިއަދު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ވެރިއެއްގެ ޒިންމާއެކެވެ. އަދި ހައްގުތަށް ކަށަވަރު ކުރުމަށްޓަކައި މަޖިލީހެއް ހުޅުވައިގެން ތިބޭ އިއްޒަތްރި ކަމަށް ބުނާ ކޮންމެ މެންބަރެއްގެ ވެސް ޒިންމާކެއެވެ.

ނިޒާމެއް ރަނގަޅު ކުރުމަށްޓަަކައި އެތަށް ވާހަކައެއް ދެކެވުނު ނަމަވެސް ފައިސާއަށް ނުހެއްލޭ ވެރިއެއްވެސް މި ގައުމުގެ ރައްޔިތުން މަދުން ނޫނީ ދެކެފައި ނުވުމަކީ މިއަދު މި ނިޒާމު ފުނޑުފުނޑު ވުމުގެ އެއްއަސާސެވެ. އެތަކެއް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމާއި އަދި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަމަށް ގާނޫނު އަސާސީ ބުނި ނަމަވެސް ހަގީގަތުގައި އެންމެން ހަމަހަމަ ތޯ މީވެސް އުފެދޭ ސުވާލެކެވެ. އެތައް ބަޔަކު މިއަދު އެތައްކަމަށް ސަލާން ޖަހަމުން ދިއުމަކީ ކޮންބައެއްގެ ޒިންމާއެއްތޯ ނުވަތަ ރައްޔިތުން ބިކަ ހާލުގައި ޖެހިފައިވުމަކީ ކޮންބަޔެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ތޯ މި ސުވާލު ކޮންމެ ވެރިއަކަށް ކުރެއްވި ނަމަވެސް ލިބޭނީ މޮޅު ޖަވާބެކެވެ. އެހެންނަމަވެސް ކަން ކުރައްވާފައިވާ ގޮތަށް ބެލުމުން އެކަމުގައި އިހުމާލުވީ ކޮންބަޔެއްތޯ ސާފުވެގެން ދާނެއެވެ.

މިއަދު ހަމައެކަނި ދައްކަންވީ އެއްކަމެއްގެ ވާހަކައެއް ނޫނެވެ. ރައްޔިތުން އުޅެމުންދާ ބިކަ ހާލު މިއަދު ވަޒަން ކޮށްލެވޭނެ ވެރިއެއް ނުވަތަ ޝަހުސެއްވެސް ނެތުމަކީ އެކަމާ ހިތާމަކޮށް ލަދުވެތިވާންޖެހޭ ކަމެކެވެ. އަދިވެސް ރައްޔިތުންގެ އިހުސާސްތަކާއި ކުޅެ ސިޔާސީ ކޯޅުމުގެ ތެރޭގައި ރައްޔިތުން ފިތެން ޖެހެނީ މިއަދު އެ ބުނާ ޒިންމާ ނަންގަވަން ބުނާ ފަރާތްތަކުގެ ސަބަބުންނެވެ. ހަގީގީ މާނައިގައި ރައްޔިތުން އިސްކޮށްގެން ގައުމު އިސްކޮށްގެން ޒިންމާދާރު މަސައްކަތެއް ކުރެއްވި ނަމަ މިއަދު އެބަޔަކު ސަލާންޖަހަމުން އެދާ އަސާސީ ހައްގުތަށް ކަށަވަރުވާނެކަން އެއީ ޔަގީންކުރާ ކަމެކެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: