ބަންޑާރަ ނައިބުގެ މަގާމަށް އައްޔަނު ކުރުމަށް އުޝާމަށް ބޭނުންވާ ވަރަށް ވޯޓު ހަމަނުވެ، ރުހުން ދޭން ނުފެންނަކަމަށް ފާސްވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލުކުރުމުން، އެމްޑީޕީން ވަނީ އެ ޕާޓީއާއި ޑިމޮކްރެޓްސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަމަށް ބުނެފަ އެވެ. އެއީ ޒާތީ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އާންމުން ނިކުމެ މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ގެންދިޔައިރު ވޯޓަށް އެހުމަށް ހުރަސް އަޅައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެކި ފަހަރު މަތީން އިއްޔެ ޖަލްސާގެ ގަޑިތައް ތާވަލުކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެގެން ޖަލްސާ ނިންމާލީ ރޭގަނޑުގެ 11 ހާއިރެވެ.
އެއަށް ފަހު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، ގަދަބާރުން ރުހުން ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ވަޒީރުން އެ މަސައްކަތަށް ގާބިލުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ މަޖިލީހުގެ މައްޗަށް އޮތްއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް ބާރު ނުފޯރުވޭނެކަމަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުންޏެވެ. އަދި އުނދަގޫކޮށް ޖަލްސާއަށް ހުރަސްއަޅާނަމަ އިތުރު ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ދިނެވެ.
މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހީ ވަކިވަކީންނެވެ. އެގޮތުން ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.
އުޝާމަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 24 މެމްބަރުންނެވެ. އުޝާމަށް ރުހުން ނުދޭން ނިންމީ، ކޮން ސަބަބަކާއި ހުރެކަމަށް އެމްޑީޕީން ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެ ނިންމުން ގުޅިގައި ވަނީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސްގެ ނިންމުމަށް އަމާޒުވި ފާޑުކިއުމަށެވެ. އޭރު އުޝާމަކީ އެ ނިންމުމުގެ ސަަބަބުން ދިވެހިރާއްޖެއަށް ގެއްލުން ލިބޭނެކަމަށް ފާހަގަކޮށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅާ އެވެ. އަދި ބަންޑާރަ ނައިބުކަމަށް އައްޔަނު ކުރި ފަހުން އުޝާމް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެ ނިންމުން އިސްތިއުނާފު ކުރުމަށް ދިރާސާ ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތް ހިމެނެ އެވެ.
މި މައްސަލައިގައި އުޝާމް ވިދާޅުވީ ވަޒީފާގެ ހައިސިއްޔަތުން ނިންމާފައިވާ އެއްވެސް ނިންމުމެއްގައި ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ކެބިނެޓަށް ރުހުން ނުދޭން އެމްޑީޕީން ނިންމީ ޒާތީ ކަމެއްގެ ތެރެއިންކަމަށާއި، މިއީ ޒާތީ ގޮތުން ޖައްސާލައި ސަރުކާރު ބަލިކަށި ކުރުމުގެ ނިޔަތުގައި އެމްޑީޕީން ކުރާކަމެއްގެ ގޮތުގައި އުޝާމް ވިދާޅުވި އެވެ.


One Response
ތީ ފޭކު އެއްޗެއް