ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ތަރައްގީކުރާ އައު މާރުކޭޓާއި އެކު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް މާރުކޭޓު ސަރަހައްދުގައި އަލަށް ތަރައްގީކުރާ އައު މާރުކޭޓާއި އެކު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް “ރައީސްގެ ޖަވާބު” ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވީ ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކެވެ. އޭނާ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަން ފާހަގަކޮށްފައެވެ. އަދި މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް އަބްދުﷲ އިބްރާހީމް ރައީސާ ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށެވެ. އަދި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އައު މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

“ބޭރު މީހުންގެ މައްސަލައަކީ ތަންކޮޅެއް ބޮޑުވެފައި އޮތް ކަމެއް. ދިވެހިންނަށް ގޮޅި ދޫކުރަނީ. އެހެންވީމަ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން އިމްޕްލިމަންޓިންގ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތާނގައި ހައްލުވެގެންދާނެ ކަމެއް،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އައު މާރުކޭޓުގެ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފަށްޓަވާނެއެވެ. ޖުމްލަ ހަތް ފަންގިފިލާއަށް ހަދާ އައު މާރުކޭޓުގައި އެންމެ ތިރީ ފަންގިފިލާ ޚާއްޞަ ކުރަނީ މަސްމާރުކޭޓަށެވެ. އެ މާރުކޭޓުގެ 1،2،3 ވަނަ ފަންގިފިލާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކާތަކެއްޗަށް ޚާއްޞަކުރުމަށް ނިންމާފައިވެއެވެ. އެންމެ މަތީ ފަންގިފިލާގައި ކޯލްޑް ސްޓޯރެޖަކާއެކު މާރުކޭޓެއް ހަދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި ފުޑް ކޯޓުތައް ވެސް ހުންނާނެ ކަމަށާއި ބޭސްމަންޓުގައި ޕާކިން ޒޯނެއް ހުންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ކުރިން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: