ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި، އެކަން ކާމިޔާބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން ކަމަށެވެ.
ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މި އަހަރު ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ސަރުކާރުން އަންނަނީ ބަލަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޔާ ފުލެޓުތަކުގެ 7000 ހައުސިންގ ޔުނިޓުގެ ފިނިޝިންގ ހަރަދު ފުލެޓުގެ އަގުން މިހާރުވަނީ އުނިކުރެވިފައިވާ ކަމަށެވެ. ހިޔާ ފުލެޓްތަކުގެ 7000 ހައުސިންގ ޔުނިޓްގެ ފިނިޝިންގ ހަރަދުގެ ގޮތުގައި 200،000ރ ކަމަށްބަލާ، ޖެނުއަރީ 2024 އިން ފެށިގެން 7 އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500ރ އިން 3984.21ރ އަށް ވަނީ ކުޑަކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތައް ކުޑަކުރުމުން 110،526ރ ފުލެޓްގެ އަގުން ކުޑަކޮށް އަދި ބާކީ 89،473ރ ކުޑަކުރުމުގެ ގޮތުން ފުލެޓްގެ އަގުދައްކަން ދީފައިވާ 27 އަހަރުން 1 އަހަރު އުނިކޮއް 26 އަހަރައްވަނީ ކުރުކޮއްދެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
ވިނަރެސް ފުލެޓުގެ ޑައުންޕޭމެންޓުން 50 އިންސައްތަ ކުޑަކޮށް މަހު ކުލިން އެވްރެޖްކޮށް 4200ރ ވަނީ ކުޑަކުރެވިފައިވާކަމަށް ރައިސް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް 1ގެ ފުލެޓުތަކުގެ ކުލިން 20 އިންސައްތަ މިހާރު ވަނީ ކުޑަކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންގެ ފުލެޓުގެ ކުލި ދައްކަން ފެށުން 1 އަހަރު ދުވަހަށް ފަސްކުރެވިފައިވާ ކަމަށާއި އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ޖޫރިމަނާ މިހާރު މައާފުކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
5 އިންސައްތަ އަށްވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތު ކުރުމަށާއި ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާ ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ހާއްސަ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީތަކާއި ފަޅުތެރެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން ހައްދަވާފައިވާ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. ރަޖިސްޓްރީތަކާއި ލިޔުންތަކާއި ހަވާލުވުމަށް ފުރުސަތު ހުޅުވާލެވިފައިވާއިރު އުންމީދުކުރައްވަނީ ގޯތި ލިބިލެއްވި ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ނުވަތަ ލިޔުމާއި ހަވާލުވެވަޑައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމު އާބާދުކޮށް ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި ވައުދުވެވަޑައިގެންނެވި ފަދައިން 20 އަހަރުދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވައިލައްވާނެ ކަމަށެވެ. މިކަން ކުރައްވާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން، ވީހައި ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

