ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ކޯގުރޫޕުގެ ބައްދަލުވުމަށް ފަހު އަނެއްކާވެސް އައު ތާރީހެއް ވަނީ ދީފަ އެވެ. އެ މަޝްވަރާތަކުގައި ނިންމާފައިވަނީ މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ގެންދިއުމަށެވެ. އެކަމަކު އެ މަސައްކަތުގައި އަލަށް ދެކެވޭ ވާހަކައަކީ، ސިފައިން ފޮނުވާލުމަށް ފަހު މަދަނީ ބައެއް އަންނަ ވާހަކައެކެވެ.
”ރައީސްގެ ޖަވާބު“ ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ދާ ސެގްމެންޓުގައި މިއަދު އާންމު ކުރި ވީޑިއޯގައި އާންމުންގެ މީހަކު ސުވާލު ކުރީ އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުންނެވެ. އަދި ސިފައިން ފޮނުވާލިޔަސް، އިތުރު ބަޔަކު ޔުނިފޯމު ދޫކޮށް ކުލަ ހެދުމުގައި އުޅޭގޮތަށް ގެންނަކަމަށް ދެކެވޭ ވާހަކައިގައި ކިހާ މިންވަރެއްގެ ހަގީގަތެއް އެކުލެވޭތޯ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ސިފައިން ފޮނުވާލުމުގެ މަޝްވަރާތައް ދާގޮތާއި މެދު ރައްޔިތުން މައުލޫމާތުތައް އޮޅުންފިލުވަން ބޭނުންވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށް މަޝްވަރާ ފެއްޓެވިކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން.. އެހެންވީމަ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން.. ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުވެސް.. ރަސްމީކޮށް ފަށައިފިން… ޑިޕްލޮމެޓިކްގެ އުސޫލުގެ ތެރެއިން މިދަނީ..
ރައީސް ވިދާޅުވީ މިހާރުގެ މަޝްވަރާތައް ގޮސްފައިވާ ގޮތަށް ބަލާއިރު މި ފެށޭ މާޗު މަހު އެއް ޕްލެޓްފޯމްގެ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށެވެ. އެއަށް ފަހު ޖެހިގެން އަންނަ މޭއި މަހުގެ 10 ވަނަ ދުވަހު ބާކީތިބި ސިފައިން ދާނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
7 ފެބްރުވަރީ 2024ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/1cFwfZbHEH
— Government of Maldives (@governmentmv) February 7, 2024
ގައުމުގެ މިނިވަންކަމުގެ ވާހަކަދައްކައިރު، ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަލަހައްޓާނީ ދިވެހިން ކަމަށެވެ. އަދި އެކަން ކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރިކަމަށާއި ކެޕޭސިޓީ ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުވެސް ރައީސް ދެއްވި ޔަގީންކަމަކީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ޖާގައެއް ނުދެއްވާނެކަމަށެވެ.

