ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދޫކުރި ގެދޮރުވެރިޔާ ފްލެޓު ވީއެންމެ އަވަހަކަށް ހަވާލުކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެ އޮތް މުހިންމު މައްސަލައެއްކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ސަރަހައްދުން ފްލެޓު ދޫކުރުމަށް ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފަރާތްތައް ފްލެޓު ލިބިފައިވާކަމަށް އާންމު ކުރި ލިސްޓަކީ އެތައް އާއިލާތަކެއްގެ އުންމީދުކަމަށް އީވާ ހުށަހެޅި މައްސަލައިގައި ވެއެވެ.
ގަރާރުގައި ބުނެފައި ވަނީ ފްލެޓުގައި ދިރިއުއުޅެވެން ދެން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ބޮޑުބައެއް ދިރިއުޅޭނެ ތަނަށް ހަރަދު ކުރާން ޖެހޭ މީހުން ގިނަކަމަށެވެ. އަދި ހަމަ އެހެންމެ އާއިލާގެ ހުރިހާ މެމްބަރުންނާއި އެކު ކުދިކުދި ތަންކޮޅުތަކުގައި އުޅެން ޖެހިފައިވާ އެތައް އާއިލާއެއް އެބަތިބިކަމަށް ބުނެފައިވެއެވެ.
ލިސްޓެއް އާންމުކޮށްފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގެއް ފަށައި، ފްލެޓު ލިބުމުގެ ޝަރުތުހަމަވާ އެއްވެސް މައްސަލައެއް ނެތް މީހުންނަށް ދަތިވާ ގޮތަށް ލަސް ކުރަމުން ދިއުމަކީ ކަންބޮޑުވުމެއްކަމަށް މައްސަލައިގައި ވެއެވެ. އަދި ބުނެފައި ވަނީ ދަތި ހާލަތުގައި އާއިލާ ބިނާ ކުރަމުން ދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދޭން އެ ފްލެޓު ދޫކުރަން ޖެހޭކަމަށެވެ.
އީވާގެ ގާރާރުގައި ގޮވާލާފައި ވަނީ، ވީ އެންމެ އަވަހަކަށް ފްލެޓު ދޫކުރުން ފައްޓައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ.
މި މައްސަލައިގައި ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ، ލިސްޓުގައި ނަން އޮތް އެއްވެސް ރައްޔިތަކަށް ފްލެޓު ނުގެއްލޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުން އޭސީސީގެ ތަހުގީގަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ހާމަކުރި ގޮތުގައި ފްލެޓު ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް ފްލެޓު ދިނީ ޕޮއިންޓު ދިނުމުގެ އުސޫލާއި ހިލާފަށް، ހުށަހަޅާފައިވާ ހަގީގީ ނޫން ލިޔެކިއުންތަކެއްގެ މައްޗަށްކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނެފައި ވަނީ އެކި މީހުންނަށް ޕޮއިންޓު ދިނުމުގައި އަމަލުކުރި ގޮތް ވެސް ތަފާތުކަމަށެވެ. އޭގެ ތެރޭގައި ދަރިން ތިބި އަދަދާއި، ދަރިން ނެތް މީހުންނަށް ޕޮއިންޓު ދިން ގޮތެއް އެނގެން ނެތްކަމަށް ބުނެފައި ވެއެވެ.
ކޮމިޝަނުގެ ތަހުގީގުން އެނގުނު ގޮތުން، ގިނަ ބަޔަކު ވަނީ މާލޭގައި ނޫޅުނުނަމަވެސް މާލޭގައި ދިރިއުޅޭކަމުގެ ފޭކު ލިއުންތައް ހުށަހަޅާފަ އެވެ.

