ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ވޯޓަށް އުކާލާ އެންގަނޑަކަށް ވެގެން ނުވާނެ: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަކީ އިންތިހާބަކާއި ދިމާކޮށް ކަޑަޖަހާ އުސޫލުން ކުރަންޖެހޭ ވަރަށް ވުރެ ސީރިއަސް ބޮޑު މައްސަލައެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމު ކުރީ ވެރިކަން ބަދަލުވުމުގެ މަރުހަލާގަ އެވެ. އޭރު ވެސް ލިސްޓުގައި އޮޅުވާލުންތަކެއް ހުރިކަމުގެ ތުހުމަތު ކުރެވުނެވެ. އެގޮތުން ޕޮއިންޓު ދިން އުސޫލު ސާފު ނުވުމާއި، އެކި މީހުންނަށް ޕޮއިންޓު ދިނުމުގައި އަމަލު ކުރި ގޮތް ތަފާތުވުމުގެ ޝަކުވާ ވަރަށް ބޮޑުވި އެވެ.

މައްސަލައިގެ ތެރެއަށް ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން ވަދެ ތިން މަސް ދުވަސް ވަންދެން ހިންގި ތަހުގީގުތަކަށް ފަހު ހާމަކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ފްލެޓު ލިބުނީ ދޮގު މައުލޫމާތުތައް ދީގެންނެވެ. އަދި އެއްވެސް މައްސަލައެއް ނެތި، ޝަރުތު ހަމަވެ ފްލެޓު ލިބުނީ އެންމެ 20 އިންސައްތަ މީހުންނަށްކަމަށް ދައްކަ އެވެ.

ފްލެޓު ލިބޭ ކަމަށް ކަނޑައެޅި 4،000 މީހުންގެ ލިސްޓުގައި ހިމެނޭ ކޮންމެ 10 މީހަކުން 6 މީހެއްގެ ޝަރުތު ހަމަނުވާކަން އޭސީސީގެ މައުލޫމާތުތަކުން ދައްކަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް އީވާ ކުއްލި މައްސަލައެއް ހުށަހެޅީ، ޝަރުތު ހަމަވެ ފްލެޓު ލިބުނު އެންމެންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލަ އެވެ. އަދި އީވާގެ މައްސަލައިގައި ވަނީ ވީހާވެސް އަވަހަށް އެ އެންމެނަށް ފްލެޓު ދޭން ޖެހޭކަމަށެވެ. މައްސަލަ ބަލައިގަތުމަށް ނިންމައި ކުރިޔަށް ދިޔަ ބަހުސް މަރުހަލާގައި އީވާ ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ދައްކަން ޖެހުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ކަމަށެވެ. އަދި އެ ހައްގު ކަށަވަރުކޮށް ދޭން ގޮވާލައި ކުއްލި މައްސަލަތަކާއި، އެކި އެކި ގަރާރުތައް ހުށަހެޅިއިރު ވެސް އެއްވެސް ބަދަލެއް ނުފެނުނުކަމަށް އީވާ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ކޮންމެ ސަރުކާރަކަށް ވެސް ފެންނަނީ، ވޯޓާއި ދިމާކޮށްކަމަށްވާއިރު އެއީ އެކަން އޮންނަން ޖެހޭ އުސޫލެއް ނޫންކަމަށް އީވާ ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ޒަރޫރީ ބޭނުމަކީ އެއީ އާދޭސްކޮށް ސަލާން ޖަހަންޖެހޭ ވަރުގެ ކަމަކަށް ނެހެދުމަށް ގޮވާލައި އީވާ ވިދާޅުވީ އެއްވެސް ހިދުމަތެއް އެންމެ ފަހު ދުވަހަށް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

ފްލެޓު ނުދީ ލަސް ކުރުމަކީ އެއީ ގޯހެއްކަމަށް ސިފަކުރައްވައި، އީވާ ވިދާޅުވީ އެގޮތަށް ނަހަދައި ރަނގަޅަށް މަސައްކަތް ކުރިނަމަ މިއަދު ރައްޔިތުން ތިބޭނީ އެ މީހުންނަށް ހައްގުވާ ފްލެޓުތަކުގައި ކަމަށެވެ.

އަޅުގަނޑުމެން، ބޯހިޔާވަހިކަމުގެ ވާހަކަތައް މި މަޖިލީހުގައި މިދިޔަ ފަސް އަހަރު ދައްކައިފިން.. އަޅުގަނޑުމެން އެކި ކުއްލި މައްސަލަތާއި، އެތައް ގަރާރެއް ވެސް ހުށަހަޅައިފިން.. އަޅުގަނޑުމެން ހަމަ ހަޅޭއްފަޅޭއް ޖަހާ ހިސާބަށް ވެސް ގެންދިޔައީން.. ވަޒީރުންނާ ވެސް ސުވާލު ކުރިން… އަޅުގަނޑުމެން މި ބުނަނީ ފްލެޓަށް ސަލާން ޖަހަން ނަހަދާށޭ، މާލޭގެ ރައްޔިޔުތުން ލައްވާ އާދޭސް ކުރުވަން ނަހަދާށޭ.. އޭރު ވެސް އަޅުގަނޑުމެން ބުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނަހަދާށޭ..

އީވާ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ސަރުކާރަށް ފެންނަނީ ވޯޓަކާއި ގާތްވުމުން ކަމަށެވެ. އެހެން ނަމަވެސް އެއީ ވޯޓު ހޯދަން އުކާލާ އެންތަކެއްގެ ބީދައިން އަމަލު ކުރާކަމަކަށް ވެގެން ނުވާނެކަމަށެވެ.

ފަސް އަހަރު ފަހުން އަނެއްކާވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓުތައް ލަސް ކުރަމުން ގެންދާއިރު ރައްޔިތުން ތިބީ ވާނުވާއެއްގެ ތެރޭގައި ކަމަށެވެ. ގެދޮރުވެރިޔާ ސްކީމްގައި މައްސަލަތައް ހުރިކަން އެންމެން ވެސް ގަބޫލު ކުރާކަމަށާއި، އެކަމަކު ހައްގުން ފްލެޓު ލިބުނީ ކޮންބަޔަކަކަށްކަން ދެނެގަނެވިފައިވާއިރު އެ ނުދެވެން ވީ ސަބަބާއި މެދު އީވާ ސުވާލު އުފެއްދި އެވެ.

އަޅުގަނޑުމެންގެ ވާހަކައަކީ މައްސަލައެއް ނެތް މީހުންނަށް.. އެ ފްލެޓު ހައްގުވާ މީހުންނަށް މިއަދު ވެސް ފްލެޓު ދޭށޭ، މިއަދުން މިއަދަށް ފްލެޓުތައް މާލޭގެ ރައްޔިތުންނަށް ދޭށޭ..

އީވާ ވިދާޅުވީ ގޯސްތަކުގެ ވާހަކަ ސާފުކޮށް ފެންނަން އެބައޮތްކަމަށާއި، މާލޭގެ ރައްޔިތުންނަށް ދޭން ހުރި ފްލެޓުތައް މާލޭގައި ދުވަހަކު ވެސް ނޫޅޭ ބަޔަކަށް ލިބިފައި ހުރިކަން ވެސް އެނގޭ ކަމަށެވެ. މާލޭގައި ނުޅޭ އާއިލާތަކުގެ އެތައް ބަޔަކަށް ވެސް ފްލެޓު ދިންކަމަށާއި، އެހެން ނަމަވެސް އެއަށް ވުރެ މުހިންމު ވާހަކައަކީ މާލޭގެ ރައްޔިތުންގެ ހައްގުގެ ވާހަކަކަމަށް އީވާ ވިދާޅުވި އެވެ.

ޒަރޫރީ ބޭނުންތަކާއި، އާއިލާތަކުގެ އެތައް ހައްގަކުން މަހުރޫމްވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ހުރެކަމަށް އީވާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ، ލިސްޓުގައި ނަން އޮތް އެއްވެސް ރައްޔިތަކަށް ފްލެޓު ނުގެއްލޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: