ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުންގެ ޖުމްލަ ކަނޑައަޅާފައި ވަނިކޮށް، އަދަދަކީ 87 ކަމަށް ނުބުނެވޭނެ: ހަސަން

ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނުމުގައި ބަލާނީ 87 އަށްކަމަށް ބުނެ ތަޅުމުން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމުގެ ބާރެއް ނުވަތަ އެ އިހުތިޔާރު މަޖިލީހުގެ ރައީސަށް ނޯންނާނެކަމަށް ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު އިންތިހާބު ބާއްވަން ޖެހޭތީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދު މަޖިލީހުގެ ޖަލްސާއެއް ތާވަލު ކުރުމުން މެމްބަރުންގެ އަދަދުގެ މައްސަލަ ރިޔާސަތުގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވޯޓާއި އެކު ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތަކަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ.

ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި 87 އަށް ބެލުމަށް ނެރުނު އެ އަމުރާއި އެކު އަސްލަމް ބަހުސަށް ހުޅުވާލައި ވިދާޅުވީ އެކަމުގައި މެމްބަރުންގެ ކަންބޮޑުވުން ހުރުމުން ހުަސްހަށް ހުޅުވާލާ ކަމަށެވެ. ރިޔާސަތުގައި ހުންނެވި އަސްލަމް ވިދާޅުވީ މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ބަސް ބުނެވޭނެ އެއްވެސް ބައެއް ނެތްކަމަށާއި ގާނޫނުން އެ ބާރު މަޖިލީހަށް ލިބިދޭ ކަމަށެވެ. އެހެން ނަމަވެސް ކޯޓަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދުގެ ކޯރަމް ގުނުމުގައި ބަލާނީ 87 ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ހަސަން ލަތީފް ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު މަޖިލީހުގައި އަދާދާއި މެދު ގޮތެއް ކަނޑައަޅާފައި ވަނިކޮށް ރިޔާސަތުން ބޭނުންވާ ގޮތަށް އަމަލު ނުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

ހަސަން ނޫން އިތުރު އެހެން މެމްބަރުން ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި، މަޖިލީހުގެ ކޮމިޓީއަކުން ނިންމި ނިންމުމެއް ފާސްކޮށްފައި ވަނިކޮށް މިއަދުގެ ޖަލްސާދުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނުމުގައި ބޭނުން ކުރަނީ 87 ކަމަށް ވިދާޅުވަނީ ކޮން ހަމައަކުން ތޯ ސުވާލު ކުރައްވާފަ އެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް، އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ 80 ކަމަށް ކަނޑައެޅީ ރިޔާސަތުގައި ހުންނަވައި އަސްލަމް ނޫންކަމަށާއި އެއީ ތަޅުމުގައި މެމްބަރުންގެ އަޣުލަބިއްތުން ނިންމި ނިންމުމެއް ކަމަށެވެ. އެހެންކަމުން ހަމަ އެ ގޮނޑީގައި ހުންނަވައި، މެމްބަރުންގެ ނިންމުން ވޯޓުން ބަދަލު ނުވާހާ ހިނދަގު އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ވާހަކައެއް އަސްލަމަށް ނުދެއްކޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޒަތްތެރި ރައީސް ތިޔަ ވިދާޅުވަމުން ގެންދަވާ، ވިދާޅުވުން އެއީ ނިޒާމީ މައްސަލައަކަށް މިވަނީ.. މަޖިލިސްގެ ރައީސަކަށް ނުނިންމެވޭނެ.. މަޖިލީހުގެ އަދަދަކީ 87 ކަމަކަށް އެއީ، ރައްޔިތުންގެ މި މަޖިލީހަށް ޖުމްލަކޮށް ލިބިފައި އޮތް ބާރެއް… މެމްބަރުން ކަނޑައަޅާފައި އެއޮތީ މެމްބަރުންގެ އަދަދަކީ 80 ކަމަށް.. އެ ބަދަލު ނުކުރާހާ ހިނދަކު އިއްޒަތްތެރި ރައީސަކަށް ނުބުނެވޭނެ ތިމަންނަ ކަނޑައަޅައިފީމޭ 87 ކަމަށް.

ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ނިންމުމެއް، ބަދަލު ކުރުމުގެ ބާރެއް ރިޔާސަތަށް ނޯންނާނެ ކަމަށެވެ.

މެމްބަރުންގެ ނިޒާމީ ނުކުތާއަށް އަސްލަމް ވިދާޅުވީ އޭނާ މެމްބަރުންގެ އަދަދު ގުނުމުގައި މިއަދު ބެއްލެވީ 87 ކަމަށް ވިދާޅުވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި މަޖިލީހުގެ މައްޗަށް މި މަހުގެ 08 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް މީގެ ކުރިން ވެސް ގުނަމުން އައި ގޮތަށް ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ އަދަދު ބެލުމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ލިޔުއްވައި އެހެން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ލިބުނު އެ އަމުރުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަން ވާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ދަށުންކަމަށެވެ.

އާންމު މަސްލަހަތު ދެމެހެއްޓުމަށް ނެރުނު ވަގުތީ އެ އަމުރުގައި ވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީން ސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: