ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ގާބިލުކަމާއި ނަތީޖާ ނެރުމުގެ ހުނަރު ނެތްކަން ރައްޔިތުން މިއަދު ގަބޫލު ކުރޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާއި އެއްގޮތަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްދެވިދާނެކަމާއި މެދު މިއަދު އެތައް ހާސް ރައްޔިތުން ސުވާލު އުފައްދާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވައި، ރަނގަޅު ގޮތުގައި ހިދުމަތް ދިނުމުގެ ޕްރެޝަރ ކުރެވޭނީ އެކަން ރަނގަޅަށް ކުރެވޭނެ ބަޔަކު މަޖިލީހުގައި ތިބެގެންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެ ޕާޓީން މިދިޔަ ފަސް އަހަރު ވެރިކަން ކުރީ އިގްތިސާދީ އެތައް ދަތި އުނދަގޫތަކުގެ ތެރެއިން ކަމަށެވެ.

ވެރިކަމާ ހަވާލުވިތާ އަހަރު ނުވަނަނީސް ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރެއިން ދިމާވި ކަންކަން އެތައް ދުވަހަކަށް ދިގުލައިގެން ދިއުމާއި އެކަމުން ރަނގަޅަށް އަރައިނުގަނެވެނީސް އަނެއްކާވެސް ރަޝިޔާ – ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިލާން ޖެހުނީ މާލީ ބޮޑު ގޮންޖެހުމަކާކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެކަމަކު އެއީ ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް މެދުކަނޑާލައި، އެ ކަން ބަހަނާއެއްގެ ގޮތުގައި ދެއްކި ސަބަބެއް ނޫންކަމަށާއި ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ގޯސްވިޔަ ނުދީ ހިފެހެއްޓިކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަށް ދެ މަސް ދުވަސް ނުވެ، އިގްތިސާދީ ގޮތުން ގައުމަށް ލޮޅުން ގެނުވައި އެހެން ގޮތްތަކުން ލިބެން އޮތް އެހީތަކަށް ވެސް ދަތި ކުރަމުން ގެންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރީ ރާއްޖެ – އިންޑިއާގެ ގުޅުން ހީނަރުވެ މިހާރު އުފެދިފައިވާ މައްސަލައަށެވެ. ފައްޔާޒް ވިދާޅުވީ ޒާތީ ގޮތުން އެއްވެސް ގައުމަކާ ޖައްސާލައިގެން ލިބޭނެ ފައިދާއެއް ނެތްކަމަށާއި، ބޮޑާކަމުގެ ތެރެއިން ކަން ކުރުމުގެ ނަތީޖާއަކީ ގައުމު ހަލާކުގެ ތެރެއަށް ދޫކޮށްލެވުން ކަމަށެވެ.

ސަރުކާރުގެ އަމަލުތައް ހުރީ އެއްވެސް ވަރަކަށް، މާލީ ހާލަތަށް ބަލައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ނެތް ގޮތްތަކަކުން ކުރިޔަށް ދިއުންކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިހާ ބޮޑު މިސްމެނޭޖެއް އައީ ފައްޔާޒް ވިދާޅުވީ މަސައްކަތް ކުރުމުގެ ގާބިލުކަމާއި އެ ހުނަރު ހުރި ބަޔަކު ސަރުކާރުގައި ނެތުމެވެ.

ވެރިކަމަށް އައުމަށް ވީ އެއްވެސް ވައުދެއް ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާއިރު، ކެމްޕެއިނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން މިހާރު ސާބިތުވަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މުޅި ރާއްޖެއިން އެބަ ފެނެއެއް ނޫންތޯ، އެކަމާ ރައްޔިތުން ނުހަނު ކަންބޮޑުވާތަން.. ވާ ވައުދުތައް އެއްކޮޅުން އަނެއްކޮޅަށް، ޖަހާފައި ރައީސް އެ ވާހަކަ ދައްކަވަނީ.. ސަރުކާރުގެ ގާބިލުކަމާ މެދު މިހާރު ރައްޔިތުންނަށް ވަރަށް ބޮޑަށް ވަނީ ޝައްކު އުފެދިފައި..

ފައްޔާޒް ވިދާޅުވީ ރައްޔިތުންނަށް ފައިދާ ކުރާނެ ބަދަލުތަކެއް ފެނިދާނެކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. ހާއްސަކޮށް ސަރުކާރާއި، ވެރިންގެ ގާބިލުކަމެއް ނެތްކަމަށް ރައްޔިތުން ބުނަމުން ގެންދާކަމަށާއި ވެރިކަމަށް އައުމަށް ވީ ހުސް ވައުދުތަކެއްކަން މިއަދު ރައްޔިތުން ގަބޫލު ކުރާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރަށް އިތުބާރު ނެތުމާއި، އަދި ކުރިޔަށް ގެންދާ މަޝްރޫއުތަކާއި މެދު ސުވާލު އުފެދޭތީ ރައްޔިތުން ބޭނުން ވަނީ ޖަވާބުދާރީ ކުރުވޭނެ ގޮތެއް ހޯދުމަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެހެންވެ އެނާ އެދިވަޑައިގަތީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ހޯދައިދޭންށެވެ. އަދި ވިދާޅުވީ މިހާރު ހިނގަމުން މި ދާ ދައުރެކޭ އެއްގޮތަށް އެއަށް ވުރެ ގިނަ ގޮނޑި ޕާޓީއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: