ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކޮށްފައިތިބޭ ރައްޔިތުންގެ ވަކީލުންކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހުންތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒު އަލުން މަގާމުތަކަށް އައްޔަނުކުރައްވާފައިވާކަމާއިމެދު ނުރުހުން ފާޅުކުރައްވާ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ އެންމެ މުހިންމު ތަރަހައަކީ ސަރުކާރު ޖަވާބުދާރީކުރެވުންކަމަށާއި އެ ބާރަކީ އައު ގާނޫނުއަސާސީ އާއިއެކު މުޅިން އަލަށް ރައްޔިތުންނަށް ލިބިގެންދިޔަ ބާރެއްކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ސަރުކާރުތައް ޖަވާބުދާރީކުރުވުމަށްޓަކައި އޮންނަ ވަސީލަތަކީ ރައްޔިތުންގެ މަޖިލީސްކަމަށާއި މަޖިލީހުގައި ތިއްބަވަނީ އިންތިހާބުކޮށްފައިތިބޭ ރައްޔިތުންގެ ވަކީލުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ތަރަހަކަމަށާއި ސަރުކާރުތައް ޖަވާބުދާރީކުރުމާއިއެކު މުޅި ދައުލަތްވެސް ޖަވާބުދާރީކުރުވުމުގެ ބާރަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ގުރުބާނީއާއި މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ގާނޫނުއަސާސީގައި ސިފަކުރާ ފާރަވެރިވުމާއި ޖަވާބުދާރި ކުރުގެ ބާރަށް އިހުތިރާމްކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ އެ ބާރަށް މުޅި ދައުލަތާއި ސަރުކާރުންވެސް އިހުތިރާމްކުރަންޖެހޭކަމަށެވެ. އަދި މަޖިލީހުންވެސް ބާރުތަކުގެ ބޭނުންކުރަންވާނީ ޒިންމާދާރުކަމާއިއެކުކަމަށް ފާހަގަކުރެއްވިއެވެ.


One Response
ތިޔަ ވަކީލުން މިހާރު ކަމުނުދާތީ، ތިޔައިގެ ތެރެއިން ގިނަ ވަކީލުން ތިބި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި އެހެން މީހަކު ރާއްޖޭގެ ވެރިކަމަށް ގެންނަން ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓު ދިނީ. ތިޔައީ ގިނަ ރައްޔިތުން މިހާރު ގަބޫލުކުރާ ބައެއް ނޫންކަން އެއިން އެނގެނީ.