ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އަޒުލުކުރުމުގެ ބައި ގަވައިދުން އުނިކޮށް، ހަމަ އެ ވާހަކަތައް އެހެން މާއްދާއަކަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، މަޖިިލިސް ރައީސް މުހައްމަދު އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ހިމަނާފައިވާ މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މާއްދާތައް ގަވައިދުން ނަގައި އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލިސްގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގެ ނިންމުންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު ރިޕޯޓުގައި ވަނީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އުނިކޮށް  އެ ގަވައިދަށް 1-242 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ މިވަގުތު ސުޕްރީމް ކޯޓަށް ހުށަހަޅައި، މި މަހުގެ 25 ވަނަ ދުވަހު އަޑުއެހުންތައް ވެސް ފެށުމަށް ތައްޔާރުވެފައިވާ މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ބަޔާން ކުރަނީ މަޖިލީހުގެ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. އެގޮތުން ގަވައިދުގެ 202 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުންނަ ބޭފުޅަކަށް ބަޔާން ކުރާ ހާލަތްތައް މެދުވެރިވުމުން މަގާމުން ވަކި ކުރެވޭނެ އެވެ. މީގެތެރެއިން މައްސަލަ ޖެހިފައި ވަނީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ މާއްދާތައް ބާތިލު ކުރުމަށެވެ.

އަލުން ކޮމިޓީން ގެނައި ބަދަލަކީ، އެ މާއްދާތައް ގަވައިދުން އުނިކޮށް 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށެވެ. މި އިސްލާހު މިގޮތަށް ހުށަހެޅީ، ކޮމިޓީގެ ރިޔާސަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރަކީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އަދި ނައިބު މުގައްރިރަކީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ.

ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫސުފް އަލީގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން ރަޝީދު (ބިގޭ) އާއި ފުވައްމަލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސެވެ.

މިހާރު އުނިކުރުމަށް ނިންމާފައިވާ ގަވައިދުގެ 49 ވަނަ މާއްދާގެ (ކ) ގައި ވަނީ ގަވައިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ބަލާނީ އެވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. އަދި އެ މާއްދާގެ (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އިންތިހާބީ ދާއިރާއެއްގެ އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުހިމެނޭނެ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީން ގެނައި އިސްލާހުގެ (ވ) ގައި ވަނީ ހިނގަމުން ދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާނު ކުރަންވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ކޮމިޓީން އެހެން ބައްދަލުވުމެއް ބާއްވައި، ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.

އެ މާއްދާގެ ފަހަތަށް އިތުރު ކުރާ (ށ) ގައި ވަނީ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެ ކަމަށެވެ.

ކޮމިޓީން މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައިވާ ރިޕޯޓުގެ ބައެއް

މިދިޔަ ޖެނުއަރީ މަހުގެ 28 ގައި ބަންޑަރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް އެ މަޖިލީހުން މިހާރު ދިފާއިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ގަނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

އަލުން ކޮމިޓީން ނިންމި، ނިންމުމާއި އެކު ސުޕްރީމް ކޯޓުގައި މިވަގުތު އޮތް މައްސަލައަށް ވާނެ ގޮތެއް ސާފެއް ނޫނެވެ. ބުރާސްފަތި ދުވަހު ކޮމިޓީން ފާސްކުރި ރިޕޯޓު ތަޅުމަށް ފޮނުވާފައިވާއިރު ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލު ކުރާނެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: