ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގްއަށް ހައްލެއް ނުގެނެސް ޓެކްސް ޕޭޔަރުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން!

މާލޭގެ ޓްރެފިކް: ފޮޓޯ/ ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔަގީނުންވެސް ދިވެހި ރާއްޖޭގެ ސާފު އަގުލަބިއްޔަތުގެ ވޯޓުއާއިއެކުއެވެ. އެކި ފަރާތްތަކުން ވޯޓު ދިނީ އެކި ސަބަބުތަކާއި ގުޅިގެންނަމަވެސް އެއީ ވެރިކަމަށް ގެނައުމަށް ރުހިގެންތިބިހާ މީހުންނެވެ. އެހެންނަމަވެސް މިއަދު ވެރިކަމަށް މަދު ދުވަސްކޮޅެއް ވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ސޯޝަލްމީޑިއާގައި ސަރުކާރާއި ދެކޮޅަށް ޖަވާބުދާރީ ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ ތެރޭގައި ސަރުކާރާއިމެދު އިންތިހާއަށް ނާއުންމީދު އުފެދިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މަދު ދުވަސްކޮޅެއް ވެފައިވާއިރު އިދިކޮޅުގެ މަސައްކަތްތަކުގެ އަސަރު ހުރިކަން ކެފޭ ކެފޭތަކާއި މީހުން ޖަމާވާ ތަންތަނުގައި ރައްޔިތުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުން ސާފެވެ.

އިދިކޮޅުން ދައްކާ ވާހަކަތަކުގައި ބުރަދަނެއް ހުރިކަމަށް ރައްޔިތުންނަށް ފެނިގެންދަނީ ފެންނަމުންދާ ކަންކަމުގެ ސަބަބުންކަމަށްވާއިރު ރަނގަޅަށް އަހަރެއް ދެބައި ކުރެވިފައިނުވާއިރާއި މަޖިލީހުގެ ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާއިރު އަޑި ނުބަޔަސް ގަސްތުގައި ތާއީދު ގެއްލުވައެއް ނުލާނެއެވެ. އެހެންނަމަވެސް ފްލެޓު ލިސްޓުކަންތައް ގޯސްވެގެންދިއުމާއި ބޮޑެތި ފެއަރތައް ކެޓުން ފަދަ ކަންކަމަކީ ނުހިނގާ ކަންކަން ކަމަށް ނުބުނެވޭނެއެވެ. އަދި ރައީސް ގެންގުޅުއްވާ ވިސްނުންތައް ސާފުކޮށް ހާމަކުރައްވާ ފަހުން އެއާއި ހިލާފުވާ ފަދަ ގޮތަކަށް ނުވަތަ އޮޅުންތައް އުފެދިގެންދާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކާފައިނުވާކަމަކަށްވެސް ނުވާނެއެވެ.

މިވަތުތު މަގާމުތަކުގައި ތިއްބެވި މީހުންވެސް ރައްޔިތުންގެ މަޖިލީސް ކާމިޔާބުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިގެންދާ ގޮތަކަށް ނުވަތަ ގެއްލުންތައް ލިބިގެންދާ ގޮތަށް ގަސްތުގައި އަމަލެއް ނުކުރާނެކަމަށް ބެލެވޭއިރު، އެންމެ އެކަށީގެން ނުވާ ފަރާތްތައް މަގާމުތަކަށް އައްޔަނުކުރެވިފައިވުމުގެ މައްސަލަތައް ފެންމަތިވެ ބައެއް ފަރާތްތައް ދުރުވެސް ކޮށްފައިވާކަމަށްވުމުން މި މައްސަަލަތަަކަކީވެސް ގާބިލުކަމާއި ގުޅިފައިވާ ކަންކަން ކަމަށް ބެލުމަށް ޖާގަ އޮވެއެވެ. އެހެންނަމަވެސް ސަރުކާރުގެ ތެރޭގައިވެސް އެހެނިހެން ވިސްނުންތަކުގެ މީހުން ތިބިކަމަށް ބައެއް ފަރާތްތަކުން ދައުވާކުރަމުންދާކަމަށްވުމުން ގަސްތުގައި ގޯސްތަކެއް ބަޔަކު މީހުން ރާވައިގެން ހަދާފާނެކަމަށް ބެލުމަކީވެސް ގޯސްކަމެއް ނޫންވެ. އިންޑިއާ ސިފައިން ބާލާނެއްކަމަށް ވައުދުވުމަށްފަހު ކުލަ ހެދުމުގައި ނަމަވެސް އެ ގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކަށް ރާއްޖެއަށް އައުމަށް ޖާގަ ދީފައިވުމަކީވެސް ޖެހުނު އެންމެ ރީތި ކުލަވަރު ނޫންކަން ޔަގީނެވެ.

ރައީސްގެ ވިސްނުން ފަހުމް ނުވާ ބައެއް އިސް މަގާމުތަކުގައި ތިބުމަކީ ޔަގީނުންވެސް ސަރުކާރަކަށް އެދެވޭ ކަމަކަށް ނުވާނެއެވެ. މިއަދު އަނެއްކާވެސް ޕާކިންގް މައްސަލައާއި ގުޅުވައި މިފަދަ މައްސަލައެއް ފެންމަތިވެއްޖެއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޕާކިންގް މައްސަލަ ދިމާވެފައިވާކަަމަކީ ރައީސް މުއިއްޒުއަށް އަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމެކެވެ. އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް އެ މައްސަލަތައް ހައްލުކުރައްވަން ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޕާކިންގް ސްލޮޓުތައް ވިއްކުމަކީ އެފަދަ ފާހަގަކޮށްލެވޭ މަސައްކަތަކެވެ.

އެހެންނަމަވެސް ގިނަ ރައްޔިތުންނަކީ އެފަދަ މާލީ ތަނަވަސްކަމެއް ލިބިފައިވާ ފަރާތްތަކެއް ނޫންކަމަށްވުމުން މައްސަލައަށް ދެމެހެއްޓިނިވި ޖުމުލަ ހައްލެއް ގެނައުމަށް ރައީސްވަނީ ރިޔާސީ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައެވެ. އެ ދަތިތަކަށް ހައްލުތަކެއް ގެނެސްނުދެއްވާ ރައްޔިތުން ޖޫރިމަނާކުރުމަކީ އެމަނިކުފާނު ގަބޫލުކުރާ ކަމެއް ނޫންކަމުގެ ހެއްކެއްގެ ގޮތުގައި ޕާކިންގް މައްސަލައިގައި ކޮށްފައިވާ ޖޫރިމަނާތައް ވެރިކަމަށް ވަޑައިގެން މާފުކޮށްދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދާއިއެކު ފުދެއެވެ.

އެހެންކަމުން ކުއްލި ގޮތަކަށް ފުލުހުންގެ މުއައްސަސާއިން ޕާކިންގް މައްސަލައިގައި ފިޔަވަޅު އަޅަން ނިންމައި ބަޔާނެއް ނެރިފައިވުން އަދި ސްޓިކާ ޖެހުމުގެ ބަދަލުގައި އުޅަނދުތައް ޓޯކުރާނެކަމުގެ އިންޒާރު ދީފައިވުން ވެގެންދިޔައީ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިނުކަމަކަށެވެ. ރައީސް މުއިއްޒުއަށް ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކާއި މިސްރާބު ބެލެހެއްޓޭކަމާއިމެދު ސުވާލު އުފެދިގެންދިއައެވެ. އަދި ޕާކިންގއާއި ރައްޔިތުންގެ ހާލަތު ބަދަލެއް ނުވެއެވެ. އެހެންނަމަވެސް މި ފިޔަވަޅާއިއެކު އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ އިހުލާސްތެރިކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެމަނިކުފާނާއި ސަރުކާރަށް އޮތް އިތުބާރު ދަނީ ގެއްލެމުންނެވެ.

ޕާކިންގް ސްޓްރަކްޗާތަކެއް ބިނާކޮށް މައްސަަލަ ހައްލުކޮށްދެވިފައިނުވާއިރު، މާލެ ސަރަހައްދުގައި އަވަށްތައް ބައިބޯކަމުން ގިނަ ފަހަރު ޕާކިންގް ޒޯންތައް ފުރި ޕާކު ކުރުމުގެ ޖާގަތައް ހޯދުމުގައި ދަތިތައް ކުރިމަތިވެގެންދެއެވެ. އާހިރުގައި އުޅަނދުތަކަކީ ކުޅިމަޖަލަށްވުރެ ޒަރޫރީ ބޭނުމެއްގައި ގެންގުޅޭ ތަކެތި ކަމަށްވުމުން ރަށްތަކުގައި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގު ނެތުމުން އެކަން ހާސިލުކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް މާލެ ސަރަހައްދަށް މީހުން ހިޖުރަކުރަމުންދާކަމަށްވުމުން އޮންނަ ޑިމާންޑުވެސް ކުޑައެއް ނުވާނެއެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުން މާލެ ސަރަހައްދުގެ މަގުތައް މައްޗަށް ކޮންމެ ދުވާލަކުވެސް އެތައް ސައިކަލެއް ނެރެއެވެ. ކާރުތައްވެސް މަދެއް ނޫނެވެ. ކަސްޓަމްސް ސަރަހައްދުން ޒީރޯ ބޯޑުގައި ދުއްވާފައި ގެންދާ އައު ކާރުތައް ފެންނަ މިންގަނޑުވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެހެންކަމުން މިއީ ކުޑަ މައްސަލައެއް ނޫނެވެ. ޖޫރިމަނާކުރާނެކަމުގެ އިންޒާރުތަކެއް ދީފައިވަނީ ނިކަމެތި ގޮތެއް ނެތް ރައްޔިތުންނަށް އެ ފަދަ ކަމަކާއި ކުރިމަތިނުލާ ވާނެ ގޮތެއް ދެއްކުމެއް ނެތިއެވެ. ސަރުކާރަށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އެނގޭއިރު އަދި އެކަން ހައްލުކުރުމަށް ވައުދާއި އެއްގޮތަށް ފިޔަވަޅެއް އެޅިފައިނުވާއިރު ކުރިން އަޅަމުންދިޔަ ފިޔަވަޅަށްވުރެ ބޮޑު ދަތިކަމެއް ކުރިމަތިވެގާނެ ފިޔަވަޅެއްކްމަށްވާ އުޅަނދު ޓޯކޮށް ހިފަހައްޓައި ވެރިފަރާތް ޖޫރިމަނާކ ކުރުމަކީ މިހާލަތުގައި އިންސާފުވެރި އަމަލަކަށް ނުވާނެއެވެ. އަދި މިއީ ރައީސުލްޖުމުހޫރިއްޔާގެ ބަހަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދިއުމަށް ސީދާ މެދުވެރިކުރާނެކަމެއްކަންވެސް ޔަގީނެވެ.

ސްޓިކާ ގަނޑެއް ޖަހާލުމުން ސީދާ ރައްޔިތު މީހާ ޖީބަށް ވަގުތުން ވަގުތައް އެކަމުގެ ބުރަތަކެއް ނުވެއެވެ. އެހެންނަމަވެސް ޓޯކޮށްގެން ގެންދިއުމުން އެމީހާ އެކަމުގައި އެތައް ތެޅުމެއް ތެޅެންޖެހެއެވެ. ޖޫރިމަނާ ދައްކަން ވަގުތުން ގޮސްގެންވެސް ވާކަށެއް ނޯވެއެވެ. 15 ދުވަސްވެސް ހިފަހައްޓާއިރު އެހިސާބުން އާންމު ދިރިއުޅުމަށާއި އާމްދަނީ ހޯދުމުގެ ގޮތުންވެސް ކުރަންޖެހޭނެ ކޮންމެ ދަތުރެއްގެ ހަރަދު އަތުން ހިނގައެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ގިނަ ކަންކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. ޖޫރިމަނާ ދެއްކުމަށްޓަކައި ކުރަންޖެހޭ ދަތުރުތަކުގެ ފައިސާވެސް އަތުން ހަރަދުކުރަންޖެެހެއެވެ. މިކަމުން ބައެއް ފަރާތްތަކަށް ސިޓީ ލައިގެންނާއި އިސް ފަރާތްތަކާއި އޮންނަ ގާތްކަން މެދުވެރިކޮށް އަވަސް ކޮށް އަރައިގަނެވިފައިވާ ފަހަރުތައްވެސް ފެނިއްޖެއެވެ.

މި ސަރަހައްދުގައި ދިރިއުޅޭ މީހުންވެސް ހަގީގަތުގައި އަމަލުކުރަނީ ރަނގަޅަކަށް ނޫނެވެ. ބައެއް ފަރާތްތަކުން އެއްވެސް ބެލުމެއް ނެތި ޕާކު ކުރަމުންދާކަމަކީވެސް ގަބޫލުކުރަންޖެހޭކަމެކަމެއް ކަމަށްވާއިރު ޕާކު ކުރާނެ ތަންތަން ނުދައްކައި ރައްޔިތެއްގެ އަމިއްލަ މިލްކިއްޔާތުގައި އޮތް ގެއްލުން ދެނިވި ނޫން ސައްހަ ގޮތުގައި ގަނެފައިވާ މުދަލެއް ނަގައިގެން ގެންގޮސް އެ މީހުންގެ އަތުން ފައިސާ ނެގިނަމަވެސް އަނެއްކާވެސް ހަަމަ ޕާކު ކުރާނީ އެ މަގުތަކުގައިކަމަށްވުމުން މިއީ ހައްލެއް ގޮތުގައި ފެނިގެން ނުދެއެވެ. ރައްޔިތުންދަނީ ޓެކްސް ފައިސާ ދައްކަމުންކަމަށްވާއިރު އެ ފައިސާއިން ޕާކިންގް އިންތިޒާމުކޮށްދިނުމަށް އައްޔަނުކުރާ ސަރުކާރުން އެކަންކަން ރައްޔިތުންނަށް ކޮށްދިނުމުގެ ބަދަލުގައި އެކަން ނުކުރުމުގެ ސަބަބުން ފެންމަތިވާ ކަމެއްކަމަށްވާ ޕާކިންގް މައްސަލައިގައި ޖޫރިމަނާކުރުމަކީ ޔަގީނުންވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ.

އެހެންކަމުން ރައީސް މުއިއްޒުގެ ބަހާއި ހިލާފަށް އެޅުމަށް ނިންމާފައިވާ މި ފިޔަވަޅަކީ ޔަގީނުންވެސް ރައްޔިތުންގެ ތެރޭގައި ސަރުކާރާއިމެދު ހިތްހަމަނުޖެހުންތައް އުފެދި ކުރިއަށް އޮތް އިންތިހާބުގައި ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: