ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކުޅިވަރުގެ ހަގީގަތަށް ލޯމެރުމަކީ އަނިޔާވެރިކަމަކަށް ޖާގަދިނުން!

ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު، 2012 ގައި މާލޭގެ މަގުތައް މަތީ ކުރިޔަށް ދިޔަ މުޒާހަރާތަކުގެ ތެެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީއޭ މިކިޔާ ނިޒާމެއް ގާއިމުކުރެވުނު ކަމަށް ބުނާ ހިސާބުން ފެށިގެން މިއަދާއި ޖެހެންދެންވެސް ރައްޔިތުންގެ ޝަކުވާތަކުގެ އަޑެއް ނުކެނޑެއެވެ. ކޮންމެ ފަސް އަހަރަކުން ކައްކާ ބޮނޑިބަތްގަނޑުތައް ކައްކަން އުޅޭކަމުގެ އަޑު ފަތުރައި ފޮނިމީރުކަމުގެ އުންމީދު އާލާކުރުމަށްފަހު އުދަން އެރުވުމާއިއެކު ފެންނަނީ ތެލި އަނދާ މަންޒަރެވެ.

އެއް ބަޔަކު އަޑު ގަދަ ކުރަމުން ދަނީ ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށް ނަމަވެސް ވަރުބަލިކަން މަތީގައި ތިބި ރައްޔިތުން އަޑު އުފުލަނީ ކަން ގޯސްވެގެންދިއުމުންނާއި ބޮޑެތި ދަތިތައް ތަހައްމަލުކުރަންޖެހުމުގެ އިތުރުން ނާއިންސާފު ފަދަ ކަންކަމާއި ކުރިމަތިލާންޖެހުމުންނެވެ.

މިއަދުވެސް އެ އަޑުތައް ހަމަ އިވެމުންދިޔަ ބާރުމިނެއްގައި އެބަ އިވެއެވެ. އެހެންނަމަވެސް ކޮންމެ ދައުރެއްވެސް ނިންމައި އައު ވެރިންތަކެއް އައްޔަނު ކުރަނީ ހައްލުތަކެއް ލިބި އެއްކަލަ އަޑުތައް ކެނޑިގެންދާނެކަމަށް ދޭ އުންމީދާއިއެކު ކަމަށް ވާއިރު ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިކަމެއް ވެފައިވާކަމަށް ތުހުމަތު ނުކުރެވި ނުދެއެވެ. ކޮންމެ ވެރިކަމެއްވެސް ނިމެނީ އެމީހަކީ އެ ހިސާބަށް ފެނުނު އެންމެ ނުބައި މީހާކަމަށް ވެގެންދިއުމަށްފަހުއެވެ. ވެރިމީހާ ބަދަލުކުރާނީ އަދި އެބުނާ ހެޔޮވެރިކަމެއް ފެނިފައިނުވާތީއެވެ.

ކޮންމެ ވެރިކަމެއްގައިވެސް ރައްޔިތުންގެ ތެރެެއިން އެއް ބަޔަކަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް އަނިޔާތައް ލިބި އެ ކަންބޮޑުވުންތަކުގެ އަޑު ގަދަވެގެންދެއެވެ. ހާއްސަކޮށް މިހާ ގާތުން މީހުންނަށް ދިރިއުޅެން މަޖުބޫރުވެފައިވުމުން ގާތް ގަނޑަކަށް އެންމެނަށްވެސް އެ އަޑުތައް އިވެއެވެ، ވެރިކަންތައް ބަދަލުވަނީ ސިޔާސީ ލީޑަރުން ދައްކާ މޮޅެތި ވާހަކަތަކުގެ ސަބަބުން ކަމަށް ގަބޫލުކުރެވިފައި އޮތްނަމަވެސް އެ ވެރިން ދައްކަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައްކަމަށްވުމުން ހަގީގަތުގައި ވެރިކަންތައް ބަދަލުވެގެން އަންނަނީ އެ ދަތިތަކާއި ގުޅިގެންކަމަށް ބުނެވޭނެއެވެ.

އެހެންކަމުން ދައުރަކަށް ފަހު ދައުރެއް ރައްޔިތުން ނުކުމެ އަނިޔާވެރިކަމާއި ނާއިންސާފު ނިމުމަކަށް ގެނެސް ރާއްޖޭގައި ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު މިވަނީ ކޮން ސަބަބަކާއި ގުޅިގެންކަން ވިސްނާލުން މުހިންމެވެ.

ސަބަބު އެންމެ ސާފުކޮށް ފެނިގެންދަނީ މި ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިންނެވެ. އެއް ބަޔަކު ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށްކަމަށްވާއިރު، އަނެއް ބަޔަކު މަސައްކަތް ކުރީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވެރިކަމަށް ގެނައުމަށެވެ. އެހެންނަމަވެސް ރައީސް ސާލިހު އަދި ރައީސް ޔާމީންގެ މައްޗަށްވެސް އިންތިހާއަށް ގިނަ ތުހުމަތުތައް ކުރެވެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ދިވެހި މާލިއްޔާތު ފޫދުއްވާލާފައިވާ މައްސަލައިގައި މިހާރު ދައުވާތައް ކުރުމަށް ތައްޔާރުވަމުންދާއިރު، މިި މައްސަލަތަކުގެ ތުހުމަތުތައް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ކުރެވިފައިވެއެވެ. އަދިވެސް ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގެ މަތީގައިއެވެ. ދިވެހިންގެ ތެރެއިން އެއް ބަޔަކު ނިންމީ ރައީސް ސާލިހުގެ ހަގީގަތަށް ލޯމަރާލުމަށް ކަމަށްވާއިރު، އަނެއް ބަޔަކު ތިބީ ރައީސް ޔާމީންގެ މައްޗަށް ސާބިތުކުރެވިފައިވާ ތުހުމަތުތަކަށް ލޯ މަރާލައިގެންނެވެ. އެހެންކަމުން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދަތިތަކެއް ތަހައްމަލުކުރަން ޖެހިފައިވާނަމަ އެއީ މި އުސޫލުން އަމަލުކުރަމުންދިއުމުގެ ނަތީޖާއެވެ. ސިޔާސީ މައިދާނުގެ ހަގީގަތަށް ލޯމަރާލުމަކީ އަނިޔާވެރިކަމަށް ޖާގަދިނުމެވެ.

އަތުގައި ކަޅު ދަބަސްގަނޑު އޮވެ، ތިޖޫރީއިން ފައިސާ ބޮނޑިތައް އަޅަމުންދާ މަންޒަރު ފެނި އެ ވާހަކަ ދެކެވުމުން ރައްޔިތުންގެ ތެރެއިން އެއްބަޔަކު ހެކިތަކަށްވެސް އިހުތިރާމް ކުރުމެއް ބެލުމެއް ނެތި ސިޔާސީ މީހުންގެ ދިފާއުގައި ނުކުންނަ ނަމަ، އެފަދަ އަމަލެއް ހިންގުމަށް އޮތީ ކޮން ބިރެއްތޯ ރައްޔިތުން ވިސްނާލަން ވެއްޖެއެވެ. ވައްކަން ކުރިކަމަށް ކޯޓުން ނިންމައި ޖަލަށް ލުމުން ރައްޔިތުންގެ އެއް ބަޔަކު ތިބެނީ ޖަލު ފަޅާލައިގެންވެސް ސިޔާސީ މީހާ ނެރެން ތައްޔާރަށެވެ. މި ހާލަތުގައި ވެރިކަމަށް އަންނަ މީހަކަށް ކޮންމެ ކަމެއްވެސް ކުރުމަށް ފަހު ޒިންމާއެއް ނެތި ފައިބައިގެން ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނާނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ޓެރަރިޒަމްގެ ކުށް ސާބިތުކުރެވި ޖަލަށް ލި ރައީސް މުހައްމަދު ނަޝީދާއި، ވައްކަން ކުރިކަމަށް ބުނާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ހިސާބަށް ބަލާއިރު އެއްވެސް މީހަކަށް އާހިރުގައި ހުކުމް ތަންފީޒުކުރަން ޖެހިފައިނުވެއެވެ.

ސިޔާސީ ވާދަވެރިން އިންތިހާ ނުބައިކޮށް އެމަނިކުފާނާއިމެދު އަމަލުކުރަމުންދާކަމަށް ވިދާޅުވަމުންދާ ރައީސް ޔާމީން މިއަދު ހުންނެވީ އަމިއްލަ ގެކޮޅުގައެވެ. ހަފްތާގެ ގިނަ ރޭތަކުގައި ޓީވީއަށްވެސް އަރުއްވައެވެ. ރައްޔިތު މީހާއަށް މި ފުރުސަތު އޮންނާނެތޯވެސް ވިސްނާލުން މުހިންމުވެއްޖެއެވެ.

ފަހަކަށް އައިސް ސިޔާސީ މީޙުން ދައްކާ އެއް ވާޙަކައަކީ ސިޔާސީ ގޮތުން ބަދަލު ހިފުން ނިމުމަކަށް ގެނައުމުގެ ވާހަކައެވެ. ކޮންމެ ވެރިކަމެއް ނިމިގެން ކުރީގެ ރައީސް ޖަލަށް ލުމުގެ އާދަ ނިމުމަކަށް ގެނައުމުގެ ވާހަކައެވެ. މިއީ ސަމާލުވާންޖެހޭ ސިޔާސީ ކުޅިއެކެވެ. ދައްކަމުންދަނީ ރައީސުންނާއި މިނިސްޓަރުން އަދި މެމްބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ނުބެލުމަށް ވަކާލާތުކޮށްކަން އެނގިތިބުން މުހިންމެވެ.

އެހެންކަމުން އިތުރު ސިޔާސީ ހަގީގަތެއްވެސް ފާހަގަކޮށްލާނަމެވެ. މިފަހުން މަޖިލީހުގެ ތެރެއިން އެންޓި ޑިފެކްޝަން ބިލެއް ފާސްކޮށްފިއެވެ. މިއީ މުހިންމު ކަމެއްކަން ޔަގީންވާއިރު، މި ބިލުން ހިމާޔަތްކުރެވެނީ ޕާޓީތަކުގެ މަސްލަހަތެވެ. ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްތަކެއް ކުރެވުނުނަމަ މި ބިލުގެ ބަދަލުގައި ހުށައަޅާނީ މެމްބަރުން މަގާމުން ދުރުކޮށް ވަކިކުރެވޭނެ ބާރު ރައްޔިތުންގެ އަތަށް ކަށަވަރުވެގެންދާ މެމްބަރ ރީކޯލް ބިލެވެ. ވަގުތު އޮވެމެ ސިޔާސީ ދަޅައަކަށް ފާސްކޮއްލީވެސް ޕާޓީތަކަށް ފައިދާވެގެންދާ ކަމެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް މި ކަންކަން ނިމުމަކަށް ގެނެވިދާނެއެވެ. ވޯޓުލާ އެންމެނަކީވެސް ހަމަބުއްދި ލިބިގެންވާ ހެވާއި ނުބައި ވަކި ކުރުމުގެ ގާބިލުކަން ހުރި މީހުންނެވެ. އެހެންކަމުން ސަރުކާރާއި އިދިކޮޅު ތަމްސީލުކުރާ މީހުން ހޮވައިދިނުމުގެ ބަދަލުގައި މި ދައުރުގައި ތިމާ ތަމްސީލުކުރާނެ މީހަކު މަޖިލީހަށް ހޮވޭތޯ ބަލަން އުޅުން ރަނގަޅުކަމެއްގެ ގޮތުގައި ފެނިގެންދެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: