މި ފެށޭ ރަމަޟާން މަހަށް ތަކެތީގެ އަގުތައް ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެންނަ ރައީސްގެ ޖަވާބުގެ ސެގްމެންޓަށް އައި މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އާންމުންގެ މީހަކު ސުވާލު ކުރީ ކޮންމެ ރޯދަ މަހަކާއި ވެސް ދިމާކޮށް ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލޭއިރު ސަރުކާރުން އެކަމަށް އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށެވެ. އަދި ކުރިޔަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތްތަކެއް އެސްޓީއޯ މެދުވެރިކޮށް ގެނެސް އެ ތަކެތި އާންމުންނަށް ފަސޭހައިން ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު ހުރި ރޭޓުތަކަށް ވުރެ އަގު ކުޑަކޮށް، ކާބޯތަކެތި ލިބޭނެ ގޮތް ހެދުން އެއީ ސަރުކާރުގެ އަމާޒުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ވެސް ހެޔޮ އަގެއްގައި ތަކެތި ވިއްކަމުން ދާކަމަށެވެ.
ރައީސްގެ ޖަވާބު
10 މާރިޗް 2024ރޯދަމަހާ ދިމާކޮށް ވަކީން ޚާއްޞަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަކު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/iSOLGbmK10
— Government of Maldives (@governmentmv) March 10, 2024
ސަރުކާރުގެ ދުރު ރާސްތާ ޕްލޭންއަކީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ވެސް ކާބޯތަކެތި އެ އިންތިޒާމުތަކާއި އެކު ފުޑް ސެކިއުރިޓީ ގާއިމުކޮށް ކަށަވަރު ކުރުމެވެ.

