މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން އާމިނަތު ނުޒުހާ އެ މަގާމަށް އައްޔަނުކޮށްފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރި، ނުޒުހާ އެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. 34 މެމްބަރުންގެ ވޯޓާއި އެކު ނުޒުހާ ބްރޯޑްކޮމްއަށް އައްޔަނު ކުރުމަށް ފެންނަކަމަށް ފާސްވުމުން ދެން އިތުރު ނަމަކަށް ވޯޓަށް އަހާފައި ނުވެއެވެ.
މަޖިލިސް ތަޅުމަށް ނަން ފޮނުވިއިރު، ނުޒުހާގެ ނަން އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގަ އެވެ.
ނުޒުހާ މަގާމަށް އައްޔަނު ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި، މަގާމުގެ ސިޓީ ފޮނުވާފައި ވަނީ އޭނާ ދިރިއުޅޭ ގެއަށެވެ. މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލު ކުރިކަން ހާމަކުރީ ނުޒުހާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
މަގާމުތަކަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު ލިޔުން ހަވާލު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ނުޒުހާއަށް މަގާމުގެ ލިއުން ފޮނުވާފައި ވަނީ މަޖިލީހުން ރުހުން ދިންތާ، މަހަކާއި ގާތްވިއިރު ވެސް ބްރޯޑްކޮމްއަށް އައްޔަނު ނުކުރާތީ މީޑިއާތަކުން އެކަން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

