ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީގެ ބޯޑުން މިފްކޯގެ ހިންގުމުގެ ތެރެއަށް ވަދެއްޖެ!

ޕީސީބީގެ ބޯޑު މެމްބަރުން ހަފްލާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ސަސްޕެންޑް ކުރުމަށްފަހު، އެކުންފުނީގެ ހިންގުމުގެ ތެރެއަށް ގަވާއިދާ ހިލާފަށް ވަދެފައިވާކަން ހާމަވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާގޮތުގައި މިފްކޯގެ ދުވަހުން ދުވަހުގެ އޮޕަރޭޝަން ހިންގަންވާގޮތާއި، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައްހައްޓަމުން މިހާރު އަންނަނީ ޕީސީބީންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވައިދުތަކާ އުސޫލުތަކާ ހިލާފަށް އަދި ޕީސީބީއަށް ގާނޫނީގޮތުން މަތިކޮށްފައިވާ ބާރުތަކުގެ ބޭރުން، އިއްޔެއިން ފެށިގެން ޕީސީބީން އަންނަނީ މިފްކޯގެ އެތެރޭގެ ހިންގުމަށް ނުފޫޒު ފޯރުވަމުންނެވެ. އެގޮތުން ސަރުކާރުގެ އީމެއިލް މެނޭޖުމަންޓް ސިސްޓަމް ނުވަތަ ޕޯސްޓް މެދުވެރިކޮށް ކަމެއް އެންގުމުގެ ބަދަލުގައި، ޕީސީބީން ވަނީ މިފްކޯގެ ޗެއާމަނަށް ލިޔުމުން ކަންކުރަންވާގޮތް އަންގާފައެވެ. އެ ސިޓީގެ ހާޑު ކޮޕީ “ސަންގު” ނޫހުގެ ނޫސްވެރިއަކަށް ފެނިފައިވާއިރު، އޭގައި ޕީސީބީން ވަނީ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލާ ކޮމެޓީއެއް އެކުލަވާލަން އަންގާފައެވެ.

އިންޓަރިމް ކޮމެޓީގައި ހިމެނޭ މެންބަރުން

މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް (ކޮމެޓީގެ ޗެއަރ)
2. ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފު
3. މާކެޓީން ޖެނެރަލް މެނޭޖަރު ހަފްޒަތު އަހުމަދު
4. ޗީފް ޓެކްނޮލޮޖީ އޮފިސަރ އަބްދުﷲ މުއީން
5. ބިޒްނަސް ޑިވެލޮޕްމެންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް

އިންޓަރިމް ކޮމެޓީގައި ކުންފުނީގެ ޗެއާމަން ހިމެނޭއިރު، އޭނާއަކީ ކޮމެޓީގެވެސް ޗެއާއެވެ. އަދި މިއީ ކުންފުންޏެއްގެ ޗެއާމަނަކު ދުވަހުން ދުވަހުގެ މަސައްކަތް ކުރެއްވުމާއި، ސައިޓްތައް ބެލެހެއްޓުން ފަދަ ކަންކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ކުންފުންޏެއްގެ ސީއީއޯއަކު މަގާމުން ސަސްޕެންޑް ކުރުމުން އެ ކުންފުންޏެއް ވަގުތީގޮތުން ހިންގުމާ ހަވާލުވާނެ ބޭފުޅަކު ހަމަޖައްސާނީ އެ ކުންފުންޏެއްގެ ބޯޑު ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކޮށްގެން ކަމަށްވާއިރު، ޝަމާހު ސަސްޕެންޑު ކުރުމަށްފަހު މިފްކޯގެ ހިންގުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފު އާއި ހަވާލުކުރީ ސީދާ ޕީސީބީންނެވެ. އެކަން ބަޔާންކޮށް ޝަމާހު ސަސްޕެންޑް ކުރި ސިޓީގައި ޕީސީބީން ވަނީ ހަނީފުއާ މިފްކޯގެ ހިންގުން ހަވާލުކުރީ ސީދާ އެބޯޑުންކަން، ބޯޑުގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި އަންގާފައެވެ. އަދި އެކަން އެންގި ލިޔުން “ސަންގު” ނޫހަށް ވަނީ ލިބިފައެވެ.

ޝަމާހު ސަސްޕެންޑް ކުރުމަށްފަހު، ޕީސީބީން ވަނީ މިފްކޯ ބިއުރޯ ތެރެއަށް ކުއްލިގޮތަކަށް ވަދެ އެތަނުގެ މީޓީން ރޫމް ހިސާރުކުރުމަށްފަހު، ކުންފުނި ހިންގަންވާގޮތާއި، ކުންފުނީގެ ޕްރޮކިއުމެންޓާއި އޮޕަރޭޝަންސް ހިންގާނެ ފަރާތްތަކާއި، މަސައްކަތް ހިންގަންޖެހޭ ގޮތް މިފްކޯގެ އިސްވެރިންނަށް ވަނީ ކިޔައިދީފައެވެ. އަދި ޝަމާހުގެ މައްސަލައިގައި އެންކުއަރީއެއް ހެދުމުގެ ނަމުގައި ސީއީއޯގެ ބިއުރޯތެރެއަށް ވަނީ ގަވައިދާ ހިލާފަށްކަންވެސް ވަނީ އެނގިފައެވެ.

ކުންފުނީގެ ވެރިންނަށް ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން ޝަމާހު ސަސްޕެންޑް ކުރިއިރު، މިފްކޯގެ މައްޗަށް ޕީސީބީން ފާހަގަކުރި 12 މައްސަލަ ހުއްޓާލުމަށް އަންގައި، ކުރިން ފޮނުވި ސިޓީގައި އެއީ ބަޔަކު ދިން މައުލޫމާތެއް ކަމަށާއި، އެފަދަ ކަންކަން ހިނގާ ކަމުގައިވާނަމަ، އެކަން ހުއްޓާލުމަށް އެންގިކަން ބަޔާންކޮށްފައިވެއެވެ. އަދި ޝަމާހު އާ ދެކޮޅަށް ޕީސީބީން ފާހަގަކޮށްފައިވާ ކަންކަމަކީ އެ ބޯޑަށްވެސް ޔަގީން ނުވާ ކަންކަން ކަމުގައިވާއިރު، އެކަމަށް އިޝާރާތްކޮށް ކުއްލިގޮތަކަށް އެންކުއަރީއެއް ހަދަން ޖެހުނީ ކީއްވެކަމެއް ޕީސީބީއަށް ބުނެދެވިފައެއް ނުވެއެވެ. މީގެ އިތުރުން މިއީ ކުރިން ފާހަގަކުރި، ޕީސީބީއަށް ޔަގީން ނުވާ 12 މައްސަލަތޯ ނުވަތަ އައު މައްސަލަތަކެއް ތޯ ވެސް ސާފެއް ނުވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ޖަވާބުދާރީ ވުމުގެ މަރުހަލާ އާންމުކޮށް އެފަދަ އިންކުއަރީއެއް ފެށުމަށްފަހު ކުންފުންޏެއްގެ ވެރިއަކަށް ދޭއިރު، ޕީސީބީއަށް ކަށަވަރުނުވާ ކަމެއްގައި ދެވަނަ ފަހަރަށް އެ ކަންކަން ފާހަގަކޮށް އިންކުއަރީއެއް ހަދަން ކުއްލިގޮތަކަށް އެންގިއިރު، އިންކުއަރީއެއް ހެދުމަށް ނިންމިކަން ޝަމާހުއަށްވެސް އަދި އެކުންފުނީގެ އެއްވެސް ފަރާތަކަށް އަންގާފައެއް ނުވެއެވެ. އެއާ ހިލާފަށް އެފަދަ އެންކުއަރީއެއް ހެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް، އެންކުއަރީއެއް ހަދާ ވާހަކަ ޝަމާހުގެ ސަސްޕެންޝަން ސިޓީގައި ބަޔާންކުރުން ފިޔަވައި އިޖުރާއީ އަދާލަތު ގާއިމްކުރުމުގެ ގޮތުން އެންކުއަރީއެއް ހެދުމަށް ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއް ފުރިހަމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސަސްޕެންޝަނުގައި މިވަގުތު ހުންނެވި މިފްކޯގެ ސީއީއޯ “ސަންގު” ނޫހަށް ވިދާޅުވީ، މިވަގުތު އެއްވެސް އެއްޗެއް ހާމަކުރަން ބޭނުން ނުވާ ކަމަށާއި. އެހެން ނަމަވެސް އޭނާ އާ ދެކޮޅަށް ކުރަމުން އަންނަ ބަޣާވާތް ނިމުމަކަށް ދާދި އަވަހަށް އަންނާނެ ކަމުގައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: