ރާއްޖެ ތަރައްގީވަމުން އަންނަ ވަރަކަށް ޓްރާންސްޕޯޓު ދާއިރާވެސް އިތުރަށް ފުޅާވެގޮސް މިއަދު ޒަރޫރީ ބޭނުންތަކުގެ އިތުރުން ހުރި ޝައުގުގެ ބޮޑުކަމުންވެސް ޒީނަތްތެރި އަދި ޒީނަތްތެރި ކޮށްފައިވާ އުޅަނދުތައް ގެންގުޅުން ދިވެހިންގެ ތެރޭގައި ވަރަށްވެސް މަގުބޫލެވެ. ބައެއް މީހުން ގިނަ އެތައް ވައްތަރެއްގެ އުޅަނދުވެސް ގެންގުޅޭއެވެ. އެ ތަކެތި މެދުވެރިކޮށް ގިނަ ލުއިތަކާއި އުފާތައްވެސް ލިބިގެންދެއެވެ.
އެހެންނަމަވެސް މި އުފާވެރިކަން ދިވެހިންނަށް ހާސިލުވެފައިވަނީ އެތައް ދަތިތަކެއް އޭގެ ބަދަލުގައި ތަހައްމަލުކުރަންޖެހޭނެ ގޮތަކަށެވެ. ދައްކަމުންދަނީ ލިބޭ މަންފާއަށްވުރެ ބޮޑު އަގެއްކަމަށްވެސް އެއް ބަޔަކު ދެކެއެވެ. ވެރިކަން ކުރާ މާލެ ސަރަހައްދުގައި ކޮންމެ މަގަކަށް ބަލާލިނަމަވެސް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެތް މަގެއް މަދުވާނެއެވެ. މުޅި މާލެ ބާރު ބޮޑުވެ ޓްރެފިކް ތާށި ނުވާ ދުވަހެއް ނުދާއިރު، ސަރުކާރުތަކުން ކުރިއަށް ވިސްނުމެއް ނެތި މަގުތައް ހަނި ހަނިކޮށް ހަދާފައިހުރުމުގެ އިތުރުން އިންތިހާ ތާށިވުމަށް ދިމާވާ އެއް ސަބަބަކީ އަރިމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ. އެއްޗެއް ސިކުންތަކަށް މަޑުކުރިޔަސް ފަހަތުން ކިއުޖެހެއެވެ. މިކަމުގެ ސަބަބުން މަގުތަކުގައި ދުއްވާތަކެތި ދުއްވަމުންދަނީ ހަގީގަތުގައި ދުއްވެން އޮތް މިންވަރަށް ގާތުންނެވެ.
މާލެ ސަރަހައްދަށް ދިރިއުޅުމުގެ އެކި ބޭނުންތައް ފުއްދުމުގެގޮތުން ހިޖުރަކުރާ މީހުން ގިނަވަމުންދާ ވަރަކަށް މި މައްސަލަ ދަނީ ބޮޑުވަމުންނެވެ. އަދި ހިޖުރަކުރަނީ ވަގުތީގޮތުން ނޫންކަމަށްވުމުން ތާށިކަމަށް ލުޔެއް ނުލިބޭއިރު، ބުރިޖު އެޅުމުން ކުރިން ކުރަމުންދިޔަ ދަތުރުތައް ދިގުވެ، އުޅަނދުތައް ދުއްވާ ސްޕީޑުވެސް އިންތިހާ ބާރުވެއްޖެއެވެ. ކޮންމެ މީހަކުވެސް ދަނީ ކޮންމެވެސް ތަނަކަށް ގަޑިޖެހިގެންދާ ފާޑަށެވެ.
ހަގީގަތުގައިވެސް ކޮންމެވެސް މުހިންމު ކަމެއްގައި ބާރު ދުވެއްޔެއް އިހުތިޔާރުކުރަން ޖެހުނު ނަމަވެސް، މަގުތައް މައްޗަށް ހުއްޓި ބަލާލުމުން ދުއްވާ ގިނަ މީހުންނަކީ އެއްވެސް މިސްރާބެއް ނެތި މުނިފޫހިފުލުވުން ފަދަ މަގުސަދުތަކުގައި ދުއްވާ މީހުންކަން ފެނިގެންދާނެއެވެ. ބައެއް މީހުންގެ މުނިފޫހިފިލުވުމަކީވެސް މި ތާށި މަގުތަކުގައި ބުރުޖެހުމެވެ. އެހެންނަމަވެސް މިއީ 1990ގެ އަހަރުތައް ނޫންކަމަށްވުމުން ބޯވެފައިވާ ޓްރެފިކްގައި ހުޅުމާާލެ ތެރޭގައިވެސް ބައެއް ގަޑިތަކުގައި ފިނި ބުރު ޖެހުން އެއީ ނެތްކަމެކެވެ. ހިތް ހަމަޖައްސާލަން ނުކުންނަ މީހާ އަނބުރާ ގެއަށް ވަންނާނީ އެތައް ތެޅުމެއް ތެޅި އެތައް އެކްސިޑެންޓަކުން ރެކިގެނެވެ.
ދުއްވާ ކޮންމެ ފަހަރެއްވެސް މިހާރު ސިފަވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށައެޅިގެންދިއުމާއި އެއްފަދަ ކަމެއްގެ ގޮތުގައެވެ. ކާރުތައް ކޮންޓްރޯލުން ނައްޓައިގެން ގޮސް އިދިކޮޅު ލޭނުގައި ތިބި މީހުންނާއި ސައިކަލުތައް ބުރުވާލާފައި ދިޔަ މަންޒަރުވެސް ފެނިއްޖެއެވެ. ތުއްތު ކުދިންނަވެސް އަނިޔާތައް ލިބި ނިޔާވުމާއި ގާތަށްވެސް ގޮސްފިއެވެ. ޔަގީނުންވެސް އެ މީހުންނަށް އަހަރަމެންގެ ޖީލުތަކުގެ ވިސްނުންތެރިކަން ކުޑަ މިންވަރާއި އިހުމާލުތަކުގެ އަސަރު ފޯރައިގެން ނުވާނެއެވެ. މި މައްސަލައިގައި އަދި އެ ކުދިންގެ އެއްވެސް ދައުރެއް ނެތެވެ.
ބާރު ސްޕީޑުތަކުގައި ނުރައްކާތެރިކޮށް ދުއްވާ ވާހަކަ ދެއްކުމުން، ދެކެވެމުންދަނީ ދިވެހި ޒުވާނުންގެ ވާހަކަ ކަމަށް ގިނަ ބަޔަަކަށް ހީވެދާނެއެވެ. އެހެންނަމަވެސް މިއީ މުޅި ހަގީގަތެއް ނޫނެވެ. ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިއަދު އެއްވެސް ވަރަކަށް އަނެކާގެ ފުރާނައަށް ބެލުމެއް ނެތި ދުއްވާކަމަކީ ހަގީގަތެއްކަމަށްވާއިރު، ހަމަ ވިސްނޭކަމަށް ގިނަ މީހުން ދެކޭ އުމުރު ފުރައިގެ މީހުންވެސް އެއްވެސް އުސޫލެއް ނެތި ދުއްވައެވެ.
ވެފައިވާ އެކްސިޑެންޓުތަކަށް ބެލުމުން މަގުތައްމަތީ ދުއްވުން ނުރައްކަލަކަށް ވާ ހަމައެކަނި ސަބަބަކީ ޒުވާނުން ނޫންކަން ސާފުވާނެއެވެ. ބާރު ދުވެލިތަކުގައި ދުއްވަނީ ފިރިހެނުންކަމަށް ދެކުމަކީވެސް މިފަދަ އާންމު ވިސްނުމެކެވެ. މިއީވެސް ހަގީގަތެއް ނޫނެވެ. މިއަދު އަންހެނުންވެސް ވަކި ދުލެއް ނުކުރެއެވެ. ކަނޑައެޅިފައިވާ ސްޕީޑު ލިމިޓާއި ގާތުން ބުރިޖު މަތިން ދާއިރު، އެތަކެއް އަންހެނުންނެއްވެސް އެ ލިމިޓުން އިންތިހާ މަތީގައި އޯވާޓޭކް ކޮށްފައިދިޔަ މަންޒަރުވެސް ފެނިއްޖެއެވެ. ހަމަ އެފަދައިން ދުވަސްވީ ބައެއް ފަރާތްތަކުންވެސް މަގުތައް މަތީގައި ދުއްވަނީ އެހެން ބަޔަކު ނެތްކަމަށް ދެކިގެން ދުއްވާ ފަދަ ގޮތަކަށެވެ. ގާތްގަނޑަކަށް އެންމެންވެސް ދުއްވަނީ މީހެއްގެ ފުރާނައެއްގެ ޒިންމާ ނަގަންޖެހިދާނެކަން ރޭކާ ނުލާ ފާޑަށެވެ.
މި ހިސާބުން ނުނިމެއެވެ. އެކްސިޑެންޓުތައް ގިނަވެފައިވާ ސަބަބުތަކުގެ ތެރޭގައި ކުންފުނިން ޒިންމާވާނެކަމަށް ބަލައި އެއްވެސް ހަމައެއް ނެތި ދުއްވާ ބިދޭސީންގެ މައްސަލަވެސް ހިމެނެއެެވެ. ގިނަ ފަހަރު ދުއްވަނީ ބޮޑެތި އުޅަނދުތައްކަމަށްވާއިރު، ގާތް ގަނޑަކަށް ކޮންމެ ދުވަހަކުވެސް ވަމުންދާ އެކްސިޑެންޓުތަކުގެ ތެރޭގައި ބިދޭސީންގެ ބައިވެރިވުންވެސް ހިމެނޭ އެކްސިޑެންޓުތައްވެސް އިންތިހާ ގިނަވެއްޖެއެވެ.
ގަސްތުގައި ބެލުމެއް ނެތި ދުއްވާ ދުއްވުމުގެ ސަބަބުން ނުރައްކާތައް ދިމާވެ، އެތައް ބައެއްގެ ފުރާނަވެސް ގެއްލިފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ގޮތްގޮތަށް އެކި އުސޫލުތަކުގެ މަތިން ލައިސެންސް ނެގެން އޮންނަ އޮތުމަކީވެސް މައްސަލަ އިތުރަށް ގޯސްވުމަށް ދިމާވާނެ ބޮޑު ސަބަބެއް ކަން ކަށަވަރެވެ. އެއް ބަޔަކު ވަގު ލައިސެންސް ތަކުގައި ދުއްވަމުންދާއިރު، އަނެއް ބަޔަކު ލައިސެންސް ނަގާފައިވަނީ އެއްވެސް އުސޫލެއް ނެތްފަދަ ގޮތަކަށް ބައެއް ރަށްތަކުގައި ކުރިއަށް ގެންދާ ޓެސްޓުތަކުން ފާސްވެގެންނެވެ.
އެ ރަށްތަކުގައި ޓްރެފިކް އޮތް ގޮތުން އެ ޓެސްޓަކީ އެ ރަށުގައި ދުއްވުމަށް ހުއްދައެއް ގޮތުގައި އެކަށީގެން ވާ އެއްޗެއް ނަމަވެސް މާލެ ސަރަހައްދުގެ މި ބާރު ބޮޑު، ދުވެލި އަވަސް ޓްރެފިކް ގައި ދުއްވަން ނޭނގިދިއުން އެކަށީގެންވެއެވެ. ހައި ޓްރެފިކް ޒޯނެއްގައި ހަރަކާތްތެރިވާން ނޭނގުމާއި ލިޔެވިފައި ނެތަސް އަމަލުކުރަމުންދާ މަގުމަތީގެ އުސޫލުތަކަށް ހޭލުންތެރިކަން ނެތުން ފަދަ މައްސަލަތައްވެސް ފާހަގަވާއިރު، މި ފެންނަމުންދަނީ އެކި ގޮތް ގޮތަކަށް ލައިސެންސް ނަގައިގެން އެކި ވިސްނުމުގެ މަތިން ދުއްވާ މީހުން އެއް ތަނަކަށް އަޅާލުމުން ނުކުކުންނާނެ ނަތީޖާކަމަށްވެސް ބުނެވިދާނެއެވެ.
ކުރިމަތިވެފައިވާ ދަތިތައް ހައްލުކުުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމަށް ބަލާއިރު، ލައިސެންސް ދިނުމުގައި ގެންގުޅޭ އުސޫލުތަށް އިސްލާހުކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއް ގޮތް ކުރުން މުހިންމު ކަމެއްގެ ގޮތުގައި ފެނިގެންދެއެވެ. އަދި ބާރު ދުވެލީގައި ދުއްވުމަކީ އިހުތިޔާރުގައި ކުރާކަމެއް ވުމުންނާއި ލައިސެންސް ދެނީ އެކަމުގެ ނުރައްކާތައްވެސް ފަހުމުވާ މީހުންނަށްކަމަށްވުމުން ހިންގާ އަމަލުގެ ޒިންމާ ނަގުވަން ފެށުންވެސް ރަނގަޅެވެ.
ބާރު ދުވެއްޔެގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި އަނެކާގެ ފުރާނައަށް ބެލުމެ ނެތި ދުއްވާ މީހުންންގެ މައްޗަށް ފިޔަވަޅު އަޅަން ފަށަންވީއެވެ. ގަސްތުގައި ނޫނަސް ހިންގާ އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިއްޖެ ހާލަތެއްގައި އަދި ނުރައްކަލަށް ހުށައެޅިިއްޖެ ހާލަތެއްގައިވެސް ދެވޭނެ އަދަބުތައްވެސް ހުންނާނެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނާއި ގަވައިދުތައް ވަކި ބަޔަކަށް ބެލުމެއް ނެތި ތަންފީޒުކުރަންޖެހެއެވެ.

