އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އައްޑޫ ހިތަދޫ ދާއިރާއަށް ވާދަކުރާ އަހުމަދު އަޒާންއަކީ ތަފާތު ހިޔާލުތަކުގެ މީހުންނާއި ވެސް ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އަޑުއުފުލޭނެ ފަދަ ކެންޑިޑޭޓެއްކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ އަޒާނަކީ، މިދިޔަ ފަސް އަހަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރުވައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކެވެ.
މަޖިލީހަށް އަޒާން ވާދަކުރާއިރު، އޭނާ އެ ގޮނޑިއަށް އިންތިހާބު ކުރަން ޖެހޭ ސަބަބު ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ އަޒާނަކީ ވަރަށް ޒުވާން މުރާލި ބޭފުޅެއްކަމަށެވެ. އަދި ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އަޒާން ހުރުމަކީ ސަރުކާރަށް ލިބޭ ފަހުރެއްކަމަށް ވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އައްޑޫއަށް ނިސްބަތްވާ ޒުވާބެއްގެ ހައިސިއްޔަތުން އަޒާން ވެގެން ދާނީ، ދާއިރާއާއި މުޅި ސިޓީއަށް ތަރައްގީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މެދުވެރިއަކަށް ވާނެ އެކަކަށް ކަމަށެވެ. އަދި ވިދާޅުވީ އަޒާންއަކީ ތައުލީމީ ގާބިލު ޒުވާނެއްކަމަށާއި، އޭނާ އަބަދުވެސް މަސައްކަތް ކުރީ ވަރަށް ހީވާގިކަމާއި އެކު ކަމަށެވެ.
މީގެއިތުރުން އަޒާނަށް ތާއީދު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ގިނަ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އަޒާންއަކީ އެ މަސައްކަތުގައި އެއްބާރުލުން ދޭނެ އެކަކުކަން ޔަގީން ކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

