ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބޭ ހާލަތެއްގައި ސިޔާސީ ލީޑަރުންތައް ހައްޔަރުކޮށް އަނިޔާ ދޭ މަންޒަރު ފެންނާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް ގިނަ މަސަައްކަތްތަކެއް އެމްޑީޕީން ކުރި އެވެ. އެގޮތުން ކެބިނެޓަށް ރުހުން ނުދީ ގިނަ ދުވަހު ހިފެހެއްޓުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް މަޖިލީހުގެ ތަޅުމުން ފާސް ކުރުން ހިމެނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބޯ ނުލެނބުލަށް ތަޅުމުން ފާސްކުރިއިރު މަޖިލީހުގެ ތެރެއިން ސަރުކާރަށް ދައްކާ ބިރަކީ އަޒުލު ކުރުމުގެ ވާހަކަތެކެވެ.
މި ވެރިކަން އުފެދިގެން އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވިއްކައިގެންކަމަށް އެމްޑީޕީން ދައްކާ ވާހަކަތައް ތަކުރާރު ކުރައްވައި ޕާޓީގެ ޖަލްސާއެއްގައި ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ހާލަތު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ އެތައް އަހަރެއް ފަހަތަށް ރާއްޖެ ވެއްޓި، ދެން އަނެއްކާވެސް އޮތީ ސިޔާސީ ވެރިންނަށް ބިރު ދައްކައި އަނިޔާ ކުރާ މަންޒަރު ފެންނާނެހެން ހީވާން ފަށާފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ބަދަލުގައި މަޖިލީހަށް އެމްޑީޕީ މެމްބަރުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން ވެގެން ދާނީ، ގޯސް ސަގާފަތެއްގެ ފެށުމަކަށްކަމަށާއި މިދިޔަ ހަތަރު މަސް ދުވަހު ވެސް ފެނުނު މަންޒަރަކީ އެއީ ކަމަށެވެ.
އެމްޑީޕީއަކީ އަނިޔާވެރިކަމާއި ދެކޮޅަށް ދެކޮޅަށް ތެދުވެ ރާއްޖެއަށް ޑިމޮކްރަސީ ގެނައި ޕާޓީކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އައްޔަނު ކުރި މިނިސްޓަރުންނާއި ޕާޓީގެ އެތެރޭގެ އެތައް ބަޔަކު އުނދަގޫކޮށް ޖެއްސުން ކުރަމުން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނެކަމަށެވެ. އަދި އޭގެ ސަބަބަކީ އެމްޑީޕީން ގަބޫލު ކުރާ ވަކި އުސޫލުތަކާއި ފަލްސަފާތަކެއް ހުރުމުންކަމަށް ވިދާޅުވި އެވެ.
މިއުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫން، ނަމަވެސް ވައްޓާލަން ޖެހިއްޖެއްޔާ ވައްޓާލަން ޖެހޭނެ. މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ.
ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ކުރާ ތުހުމަތުތަކަށް ފައްޔާޒް ވިދާޅުވީ، އެފަދަ އެއްވެސް ހިޔާލެއް ނެތްކަމަށާއި އެކަމަކު ވެރިކަން ވައްޓާލަން ޖެހޭ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.


One Response
ވަގުން ހާދަބިރެކޭ ދޯ