މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސޮވްރިންގް ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް 2 މެންބަރުން ވޯޓު ދިނުމުން އެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްފިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅި ސޮވްރިންގް ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގައި ވަނީ އެފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިޤްތިޞާދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 28 މެންބަރުންނެވެ. ނަމަވެސް ވޯޓުގައި ބައިވެރިވީ އެންމެ 2 މެންބަރުންނެވެ. ދެ މެންބަރުން ތެރެއިން އެއް މެންބަރު ވޯޓު ދިނީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އެހެންކަމުން އެ ބިލަށް ވޯޓު އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ވޯޓު ދެއްވާފައިވަނީ ބިލު ބަލައިގަތުމާ ދެކޮޅަށެވެ.
މަޖިލީހުގެ ނައިބު ރައީސް ސަލީމް ވިދާޅުވީ މި ބިލަށް ވޯޓަށް އަހާނެކަން ތަކުރާރުކޮށް ދެންނެވުމުންވެސް ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ހާޒިރުނުވާ ކަމަށެވެ. އެހެންކަމުން ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ ކަމަށް ސަލީމް ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން ގަވަނިން ކައުންސިލުގެ ބެލުމުގެ ދަށުން ސޮވްރިންގް ފަންޑުގެ އިންވެސްޓްމަންޓް ކޮމިޓީއެއް އެކުލަވާލައި އިންވެސްޓުކުރުމުގެ ޕޮލިސީތަކާއި ސިޔާސަތުތައް ކަނޑައަޅަންޖެހެ އެވެ. އަދި އެ ބިލު ފާސްވެ އަމަލުކުރަން ފެށުމުން ސޮވްރިން ފަންޑް އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އިދާރީ އޮފީހެއް އުފެދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

