ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންނަށް ހާއްސަކޮށްގެން ގެދޮރުވެރިކަން އެކަށީގެންވާ އަދަދަކަށް ޔަގީންކޮށްދޭންނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކި ސްކީމްތަކުގެ ތެރޭގައި ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ހާއްސަ ކޮށްގެން އެކަށީގެންވާ އަދަދަކަށް އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންްދަވާކަމަށެވެ. ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައިސް ވަނީ އަލިއަޅުވާލައްވަފައެވެ. އެގޮތުން ރައީސް ވިދާޅުވީ ސިފައިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވާއިރު ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަމަށެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިފައިންގެ ޤައުމީ ހިދުމަތު މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަދައްކަވާފައި ވެއެވެ.

ރައީސް ވިދާޅުވީ ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ ފަޚުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުން ކަމުގައެވެ. އަދި ކާމިޔާބީގެ އަސްލަކަށް ވާންވާނީ ނުވަތަ ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ޤައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި މިއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ.

ކޮންމެ ކަމެއްގައި ވެސް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ޒަމާނަށް އަންނަ ބަދަލާއެކުގައި ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް މި ޖީލު ސަލާމަތްކުރުމަށް ޓަކައި ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

އެފަދައިން ކަންކަން ނުހިނގާނަމަ ނޭނގި ހުއްޓައި އަތުން ބީވެގެންދާނީ ޒުވާން ޖީލުގެ މުސްތަޤްބަލު ކަމަށް ރައީސް ވިދާޅުވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: