ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތް ކުރަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރޭ އިސްކަންދަރު ކޮށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރައީސް މުއިއްޒުގެ އިތުރުން މި ރަސްމިއްޔާތުގައޮ ހޯމް މިނިސްޓަރ އަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުން އަދި ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށެވެ. ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށް ފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރިޔަށް ދާކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި އިހުސާން ދެއްކެވި ވާހަކައިގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިންނާއި ގޭންގް ކުށްތަކުން ރާއްޖޭގެ ސަލަމާތާ ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަށާއި ބިދޭސީން ގާނޫނާ ގަވާއިދާ ހިލާފަށް އުޅޭ އުޅުންމުން ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް ލިބޭގެއްލުމުން ސަލާމަތް ކުރުމަކީ އެންމެ އިސް ތިން އަމާޒުކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެދެނީ ދިވެހި ފުލުހުންގެ މައްޗަށް ދިވެހި ސަރުކާރުން ކުރަމުންދާ ހަރަދާ އެއްވަރަށް އޭގެ ލާބަޔާއި މަންފާ ލިބުން ކަމަށާއި އެ ލާބަޔާއި މަންފާ ލިބުމަކީ ދިވެހި ކޮންމެ ފަރުދަކަށް ވަކި އުމުރުފުރައެއް ނެތި މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކަަށް އެމީހަކު ދާންބޭނުންވާ މަންޒިލަށް އެއްވެސް ޖެހިލުމެއް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދެވުންކަމަށް ވިދާޅުވިއެވެ.

