ވަކި ގައުމެއްގެ އެމްބެސެޑަރު ބޭނުންވި ގޮތަށް، ގައުމު ހިންގި ޒަމާން ފާއިތުވެ ގޮސްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތައް މާލޭގައި ކުރިޔަށް ގެންދާއިރު މި ބައްދަލުވުންތަކުގައި ރައީސް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގެ އެތެރޭގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ގައުމު ދެކެ ލޯބި ވާނަމަ، އަބަދުވެސް ގައުމު އިސްކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
މިއީ އަމިއްލަ ވަންތަ ދިވެހި ގައުމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ގައުމާއި ގުޅޭ ކަންކަމަށް ބަސް ބުނާނީ ރައްޔިތުން ކަމަށެވެ. އަދި ގައުމެއްގެ އެތެރޭގެ ކަންކަން އެ ނޫން ގޮތަކަށް ނިންމައިގެން ނުވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަކި ގައުމަކާއި، އެ ގައުމެއްގެ އެމްބެސެޑަރު އިރުޝާދު ދިން ގޮތަކަށް ގައުމުގެ ކަންކަން ބައްޓަން ކުރަމުން ދިއުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި ރައްޔިތުން ރިޔާސީ އިންތިހާބުގައި އިއްވި އަޑަކީ އެއީކަމަށާއި، މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް އަނެއްކާވެސް އެ ފުރުސަތު ބަޔަކަށް ކިރިޔާވެސް ލިބިދާނެ މަގެއް ދީގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމެއް ބޭނުންވާ ގޮތަށް މަސައްކަތް ކުރި ޒަމާން މާޒިވެފައިވާކަމަށް ރައީސް އެ އިޝާރާތް ކުރެއްވީ އިންޑިއާއަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް ތުހުމަތު ކުރީ ރާއްޖެއަށް އިންޑިއާއިން ނުފޫޒު ފޯރުވަމުން ގެންދާކަމަށެވެ. އަދި އެ ގައުމުގެ ސަފީރު ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަސް ބުނާއިރު، ސަފީރުގެ ކައިރިން ހުއްދަ ލިބިގެން ނޫނީ އިންޑިއާ – ރާއްޖެ ގުޅުން ހުރި މައްސަލަތަކަށް ބަޔާން ވެސް ނުނެރެވޭކަމަށް ތުހުމަތު ކުރި އެވެ.
ބޭރުގެ ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަށް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ.. އެކަން މާޒީކޮށްފިން.. އެކަން މާޒީ ކުރީ ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބު، ދެން އަނެއްކާ އެ މަގާމަށް މިސްރާބު ޖަހަން ފުރުސަތު ދީގެން ނުވާނެ
އެމްޑީޕީގެ މަޖިލިސް ސްލޯގަންއާއި ގުޅުވައި ރައީސް ވިދާޅުވީ އެ މިސްރާބަށް ދާން ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި ގައުމު ހަމަ މަގަށް އެޅުވުމަށް ފަހު މިސްރާބު ދޫކޮށްލުން ވެގެން ދާނީ ހެދޭ އެންމެ ބޮޑު ގޯހަށްކަމަށް ވެސް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ފަސް އަހަރު ބޭނުން ވަނީ ހަމަޖެހޭ، ރަނގަޅު މިސްރާބަކަށް ރާއްޖެ ގެންދިއުމަށްކަމަށާއި ބޭނުން ވަނީ ފުދުންތެރި ގައުމެއް ބިނާ ކުރަންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިއީ ރައީސް ވިދާޅުވި ގޮތުގައި އިންވެސްޓަރުން ވެސް އިތުރުވެ، ގައުމަށް ކުރިއެރުންތައް ލިބިގެން ދާނެ ސަބަބުތަކެވެ.

