ވޭތުވެދިޔަ 4000 އަހަރު ދުވަހުގެ ތެރޭގައިވެސް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބ އޭދަފުށީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމްވަނީ ރައީސް ޑރ މުއިއްޒު އަދި ސަރުކާރުން ޖަވާބުދާރީވުމުގައި އެކަށީގެންވާ ގޮތުގެ މަތިން އަމަލުނުކުރާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މަސައްކަތްކުރައްވަމުންދަނީ ރައްޔިތުންނާއި ގާތުންކަމަށާއި އެމަނިކުފާނު އުޅުއްވަނީ ފިއްލަވައިގެން ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ކުރައްވަމުންދާ ސުވާލުތަކަށް ހުދު ރައީސް މުއިއްޒު ޖަވާބު ދެއްވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެންއުޅެނީ މިހާރުވެސް ކުރައްވަމުންދާ ގޮތުގެމަަތިން ވެރިކަން ކުރެއްވުމަށް ފަސޭހަކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީއެންސީއިން މަސައްކަތްކުރަމުންދަނީ ރައީސް މުއިއްޒުއާއިއެކު ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށްކަމަށާއި އެއީ ސަބަބުތަކެއް އޮވެގެންދައްކާ ވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ ދަތިއުނދަގޫތަކެއް ތަހައްމަލުކުރެއްވިކަމަށެވެ. އަދި ޕީއެންސީ އިން އިދިކޮޅުގައި އޮވެ ކޮށްފައިވަނީ ވަރަށް ހިތި ތަޖުރިބާތަކެއްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ 4000 އަހަރުގެ ތެރޭގައިވެސް އެންމެ ބޮޑު އަނިޔާޥެރިކަމެއް ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވަނީ ރައީސް ސާލިހުގެ ސަރުކާރުކަމަށެވެ. އަދި އަނިޔާނުކުރާ އެއްވެސް ދާއިރާއެއްވެސް ނެތްކަމަށާއި ނުކުރާ ޖެއްސުމެއްވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްއަށް މެޖޯރިޓީ ދީފި ހާލަތެއްގައި މާލެ ރައްޔިތުންނަށް ގޯތިތައް ނުދޭނެކަމުގެ އަޑު ފަތުރަމުންދާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައީ މާލެ ރައްޔިތުންނަށް ގޯތި ދޭންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އާއި ސަރުކާރުން މަސައްކަތްކުރަމުންދަނީ މާލެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުނަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަަށްކަމަށެވެ.
އޭނާ ވިދާޅުވީ، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހާސިލުކޮށްދޭނީ ރައީސް މުއިއްޒުގެ ސަރުކާރުންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ވެގެން އުޅެނީ އެކަން ކުރެެއްވުމުގެ ގޮތުންކަމަށްވެސް ހިއްސާކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅެނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ގާނޫނުތައް ފަރުމާކޮށް ފާސްކުރުމުގެ ބޭނުމުގައިކަމަށާއި ރައްޔިތުންގެ މަޖިލީހަށް ހޮވަން ވާނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ކެރޭ މެމްބަރުންކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަމިއްލަ އެދުމެއް ނެތި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މެމްބަރުންތަކެއް މަޖިލީހަށް އައިސްގެން ނޫންގޮތަކަށް ދިވެހިންގެ ރާއްޖެއެއް ބިނާނުވާނެކަމަށެވެ. އަދި އެކަން ކުރެވޭނީ ދިވެހިންގެ ވިސްނުމާއި ހިޔާލުތައް ތަމްސީލުވެގެންދާހެން މަޖިލީހަށް ދިވެހިންގެ ރާއްޖެ ވަދެގެންކަމަށްވެސް ވިދާޅުވިއެވެ.

