ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކޯޕަރޭޝަނުން ނެރުން ނޫސް ބަޔާނެއްގައެވެ. ފެނަކައިން ވަނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މައާފަށް އެދިފައެވެ.
ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ޔަޤީންކަން ފެނަކައިން ވަނީ އަރުވާފައެވެ. އައު ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުން ވަގުތީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ބުނިއެވެ.
މިއީ އެ ކޯޕަރޭޝަނުންވެސް ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން މި ހިނގާ އޭޕްރިލް މަހުގެ ބިލުން އެ ސިޓީގެ ރައްޔިތުންނަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނި ގޮތުގައި މި މައްސަލަތައް ދިމާވަނީ ި މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުންނެވެ. އެތައް ރަށެއްގެ ކަރަންޓަށް މިފަދަ މައްސަލަތައް ދިމާވަމުންދާކަމަށްވެސް ބުނިއެވެ. އަދި އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ކަމާއި ބެހޭ ފަރާތްތަކާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
2 Responses
އެެހެން ރަށްއްރަށުގަ ތިބީ ދިވެހިން ނޫނީބާ
ކުޅުދެއްފުށީގައި އެކަނިތަ މީހުން ދިރިއުޅެނީ. ކަރަންޓު މައްސަލަ ދިމާވަނީ ހަމައެކަނި އެ ރަށަށްތަ. ވަކި ރަށަކަށް ބިލުން ބޮޑު ޑިސްކައުންޓު ދިނުން ތިއީ ކޮރަޕްޝަން.