ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ ދިއްދޫ ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލަ: ކުންފުނިން ސާފުކޮށްދީފައިވަނިކޮށް، މައްސަލަ މަޖިލީހަށް

ފެނަކައިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވާހަކަދައްކަވަނީ -
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ ދިއްދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކޮންޓްރެކްޓް އާ ނުކޮށް، ދުރާލާ ނާންގާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަލަ ބަލައި ދޭން އެދި އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު (ވައްޑެ) ހުށައެޅުއްވި މި މައްސަލައިގައި ވަނީ އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ ދިއްދޫ އައު އިންޖީނުގެއާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ އިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް އެ މުވައްޒަފުންގެ ވަޒީފާތަކުން ވަކި ކުރި ކަން މުވައްޒަފުންގެ ފަރާތުން މެންބަރުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިކަމުގައި މުވައްޒަފުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަމަށް ފާހަގަކޮށް، އެ މަސައްކަތް ނުނިމި ވަނިކޮށް، މުވައްޒަފުން ވަކިކުރުމުން މަސައްކަތް ހުއްޓޭނެކަމަށް މައްސަލައިގައިވެއެވެ. އަދި މުވައްޒަފުންގެ އާއިލާތައް ނިކަމެތިކަންލިބޭނެ ކަމަށްވެސްވެއެވެ. ނޯޓިސް ދިނުމަކާއި ނުލާ 57 މުވައްޒަފުން ވަކިކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައިވާއިރު، ވަހީދު ވަނީ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށްފައެވެ.

މި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ބެލުމަށް ގޮވާލާ، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށް މެންބަރު ވަނީ ހުށައަޅާފައެވެ.

މިކަމާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުންކަމަށެވެ. މުއާޒް ވިދާޅުވީ، މިވަގުތު މަސައްކަތް ހުއްޓިފައި އޮތީމަ ކޮންޓްރެކްޓްގެ ސްޓާފްގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކުރި ފެނަކަ މުވައްޒަފުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. މި ފަރާތްތަކުގެ ކަންބޮޑުވުމަކަށްވީ ދުރާލާ ނާންގާ ކުއްލިއަކަށް ވަކިކުރުމުންނެވެ. ވަޒީފާއިން ވަކިކުރިކަން އެނގުނީ ހެނދުނު ވަޒީފާއަށް ނިކުމެ ސައިން ވާން ކުރި މަސައްކަތް ނާކާމިޔާބުވުމުން ބެލީމައިކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރީގައިވެސް މިފަދަ މައްސަލައެއް ފެންމަތިވިއެވެ. މިއަށްފަހު ކުންފުނީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، މުއާޒް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނި ހިންގާފައި ވަނީ ޕްރޮޖެކްޓުތައް މާކެޓު އަގަށް ވުރެ ބޮޑު ހަރަދެއްކޮށްގެންކަމަށެވެ. އެގޮތުން މަސައްކަތާއި ހަވާލުވެ، ހާލަތު ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގައި ފެނަކަ އޮތީ ވަރަށް ދަށް ހާލަތަކަށް ގޮސްފައިކަން ފާހަގަކުރެވުނުކަމަށާއި، އެންމެ ބޮޑު މައްސަލައަކީ އެޅިފައި އޮތް ދަރަނިކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެ ދަރަންޏާއި އެކު، ކުރިޔަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ފެނަކައަކީ ދިވެހި އެތައް ރައްޔިތަކަށް ހިދުމަތް ދެމުން ގެންދާ ޔޫޓިލިޓީ ކުންފުންޏަކަށްވާއިރު މުއާޒް ވިދާޅުވީ ހާލަތު އޮތީ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރާ ހާލަތެއްގައިކަމަށެވެ. އެގޮތުން ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އަދި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާއަށް އަރާއިރު ދަރަނި ވެސް ހުރީ 4.16 ބިލިއަން ރުފިޔާގައިކަމަށް މުއާޒް ވިދާޅުވިއެވެ.

ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ސަބަބެއްކަމަށް މުއާޒް ވިދާޅުވެފައި ވަނީ، އިންހައުސްކޮށް ގިނަ ޕްރޮޖެކްޓުތައް ހިންގާފައިވުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ގެއްލުންތަކާއި ކުރިމަތިވެ، އެފަދަ ގިނަ ޕްރޮޖެކްޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މުހާރު ވެސް އިންހައުސްކޮށް 60 ޕްރޮޖެކްޓެއް ރިޕޯޓުކޮށްފައިވެއެވެ. އެކަމަކު މިފަދަ އެއްވެސް ނިންމުމެއްގައި ބޯޑުގެ ބައިވެރިވުމެއް ނުވަތަ ބޯޑުގެ އެޕްރޫވަލްއެއް މަޝްވަރާއެއް ނެތްކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިއީ ނިންމިދާނެ، ނިންމުންތަކެއްތޯ ސުވާލު ވެސް އުފެދޭކަމަށް މުއާޒް ވިދާޅުވިއެވެ.

މީގެއިތުރުން މުއާޒް ވިދާޅުވެފައި ވަނީ މާކެޓު އަގުގައި 23 މިލިއަނަށް ނިންމެން ހުރި ޕްރޮޖެކްޓުތައް ނިމޭއިރު 115 ހަރަދުވެފައި އެބަހުރިކަމަށެވެ. އަދި 19 މިލިއަނަށް އެޅޭނެ އިމާރާތެއް ނިމޭއިރު 159 މިލިއަނަށް އަރާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: