ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން ދިޔަ ބާރުތައް، އެންޓި ކެމްޕެއިން ކުރުމުގެ ނަތީޖާ!

އެމްޑީޕީއިން މަޖިލީސް އިންތިހާބަށް ކުރި ކެމްޕެއިންގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބޮޑު ވާދަވެރިކަމެއްގެ ތެރެއިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ދައުރަށް އެމްޑީޕީން އިންތިހާބުވީ އެންމެ 12 މެމްބަރުންނެވެ. އާރާއި ބާރުގައި އޮތް ވެރިކަމެއް ނިމުނުތާ ފަސް މަސް ތެރޭގައި، މަޖިލިސް ވެސް ގެއްލިގެން ދިއުމަކީ އެ ޕާޓީ ކިރިޔާ ވެސް ޖެހި އަންދާޒީ ހިސާބުގައި ކަން ވެދާނެކަމަށް އޮތް ގޮތެއް ނޫނެވެ. ވަރުގަދަ ސިޔާސަތުތަކެއް އޮތް ނަމަވެސް، އެމްޑީޕީ ރިޔާސީ އިންތިހާބުގައި ވެސް އަދި މަޖިލިސް އިންތިހާބަށް ވެސް ކުރި ހަމައެކަނި ކަމަކީ ދޮގުތަކާއި އެކު އެންޓި ކެމްޕެއިން ކުރުމެވެ.

އެމްޑީޕީގެ އަޑުހަރު، އެތައް މެމްބަރަކަށް ގޮނޑި ދިފާއު ނުކުރެވުނު އިރު ނުފޫޒު ގަދަ އެހެން ބޭފުޅުންނަށް ވެސް ޖެހުނު ދަތުރަކީ އެއީ އެވެ. ވެރިކަމާއި އެކު ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލެން ދިމާވި ސަބަބުތަކެއް ހުންނާނެ އެވެ. އެއީ ކޮންމެހެން ރައްޔިތުން ގޮސް ސަރުކާރަށް ހުސްވެފައި ތިބުމުން ނިކުތް ނަތީޖާއެއް ނޫނެވެ.

ވެރިކަން ގެއްލުނު ވާހަކަތައް އެއްފަރާތް ކުރުމަށް ފަހު، ފަށަން ޖެހެނީ މަޖިލިސްގެ ވާހަކައިންނެވެ. އައު ސަރުކާރު ފެށިގެން އައިއިރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގައި ތިއްބެވި މެންބަރުންގެ ބަސްމަގާއި، އަމަލު ހުރި ގޮތުގެ ސަބަބުން އެމްޑީޕީއަކީ އާރާއި ބާރަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެ ޕާޓީއެއްކަމަށް ސިފަވެގެން ދިޔައެވެ. ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ތާއީދާއިއެކު އައި ވެރިކަމެއް ބަދަލުކޮށް، ރައީސުލްޖުމްހުރިއްޔާ އަޒުލުކުރާނެކަމަށް ބުނެ އެމްޑީޕީއިން ދައްކަން ފެށި ވާހަކައަކީ، ރައްޔިތުން އެމްޑީޕީ މަތިން ފޫހިވީ އެތައް ސަބަބެއްގެ ތެރެއިން އެއް ސަބަބެވެ. ތަރައްގީއަށްޓަކައި ރައްޔިތުން އެނބުރެން ޖެހޭނީ އެމްޑީޕީ ވަށައިކަމަށް ދޭހަކޮށްދިނެވެ. އެމްޑީޕީއާއި ޕާޓީގެ ލީޑަރޝިޕް ނޫން އިތުރު ބަޔަކު ގައުމުގައި ދެން މުހިންމެއް ނޫނޭ ހީވާ ފަހަރުތައްވެސް އައެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓައި، އުނދަގޫކޮށް ޖެއްސުން ކުރުމަށް ފަހު އެންމެ ފަހުން ރުހުން ދިނުމުގައި ގޮތް ނިންމި އިރު ނިންމީ އެ މަގާމަކަށް އެންމެ ގާބިލު ބޭފުޅާއަކަށް ”ނޯ“ ޖެހުމަށެވެ. މިއަދާއި ހަމައަށް އައިއިރު ވެސް އެމްޑީޕީން އެ ތިން ވަޒީރުންނަށް ނޯ ޖަހަން ޖެހުނު ސަބަބު ސާފުކޮށް އެ ޕާޓީއަށް ކިޔައިނުދެވެ އެވެ.

މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބަޖެޓުގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު އުނިކުރި ކުރުން އެއީ ހަގީގަތުގައިވެސް އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ ސަރުކާރަށް ވައުދުތައް ފުއްދުމުގައި ދަތިކުރާނެކަމަށް ހީވި ސަބަބުތަކެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގައި އެ ޕާޓީއަށް ގެއްލުނު މެންބަރުންތައް އެއީ އަނެއް ސަބަބެވެ. ދަ ޑިމޮކްރެޓްސްގައި ތިއްބެވި ގިނަ މެންބަރުންނަކީ އެމްޑީޕީގެ ފިކުރުގައި ތިބި ނަމަ ރައްޔިތުން ބަލައިގަންނާނެފަދަ މެންބަރުންތަކެކެވެ. އެއީ ޑިމޮކްރެޓްސްގެ މެންބަރުނަށް ލިބުން ދެރައަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ލިބުނު ދެރައެކެވެ. ނަމަވެސް ޕާޓީގެ ލީޑަރަށް ޕާޓީގެ މަސްލަހަތު ނުދެމެހެއްޓުމުން، ޕާޓީވެސް ދެބައިވީއެވެ.

ދެން އޮތީ ތަބަކަށްލާ، ޕްރައިމަރީއަކާއި ނުލައި މަޖިލީހަށް ޓިކެޓު ދިނުމެވެ. ދާއިރާގެ ރައްޔިތުންގެ ތާއީދު އޮތީ ކާކަށްތޯ ބަލާލުމެއް އަހާލުމެއް ނެތި އެމްޑީޕީގެ ލީޑަރޝިޕް ރުހޭ، އާއިލީ ގާތް ރަހުމަތްތެރިންނަށް ޓިކެޓުތައް ބަހާލިއިރު، އެއީ ރައްޔިތުންގެ ކުރިމަތީގައި އެހިސާބަށް އައިރު ކިހާ ބުރަދަނެއް ހުރި ބައެއްތޯ ބަލާވެސް ނުލައެވެ.

ކެމްޕެއިންގައިވެސް އެއްވެސް ކަހަލަ ހަރުދަނާ އުސޫލެއް ނެތެވެ. ފުރިހަމަ ކެމްޕެއިންއެއްކޮށް، ހުރިހާ ފިކުރެއްގެ މީހުންގެ ތާއީދު ހޯދުމަށް އެކަށީގެންވާ މަސައްކަތެއް އެމްޑީޕީއަށް ނުކުރެވި އޮތް އޮތުމަކީ، ގޮނޑިތައް ގެއްލުމުގެ މައި ސަބަބެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެއްޖެކަން ސާފުކޮށް އެނގެން އޮތްއިރުވެސް، އެކަން ރަނގަޅުކޮށް، ތަފާތު ފިކުރުގެ މީހުންނާއިއެކު މަސައްކަތް ކުރުމުގެ ބަދަލުގައި، ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރަކަށް އެމްޑީޕީއިން ޖެއްސެވި ޖޯކާއި، އެޅުއްވި ދޮގު އިލްޒާމްތަކުގެ ސަބަބުން ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިގެން ދިޔައެވެ.

ވެރިކަން ގެއްލުމުން އެމްޑީޕީއިން ބުނީ ޒިންމާދާރުކަމާއިއެކު ސަރުކާރު ޖަވާބުދާރީކުރުމުގައި ދެމި ތިއްބަވާނެކަމަށެވެ. ނަމަވެސް ހަމަ މަގަށް އެ މިސްރާބު އަނބުރާ ނުލެވި އުޅެނިކޮށް، ފޮއި ވެއްޓުނީ ރިހޭ ފައި މައްޗަށެވެ. އިންތިހާބު ނިމި އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އެމްޑީޕީގެ އަޑެއް ބަޑެއް ނީވުމުން ޕާޓީ ދެން އަލުން ދިރިދާނެތޯ ހަގީގަތުގައިވެސް ސުވާލު އުފެދެއެވެ. އަދި ކުރިމަގަކީ ކޮބައިތޯވެސް ސުވާލު އުފެދެއެވެ. ނަމަވެސް މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު އަންދާޒާ ކުރާކަށް ނެތީމެވެ. މުސްތަގުބަލު މި ވާހަކަތައް ބުނެދޭނެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: