ސަރުކާރުގެ މަސައްކަތްތަކަށް ބިދޭސީން ގެންގުޅެން ބޭނުން ނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އާންމުގެ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ”އަހާ“ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށާއި، އެ މަސައްކަތްތައް ހަވާލު ކުރަން ބޭނުންވަނީ ދިވެހިންނާއިކަމަށެވެ. އަދި ހާއްސަކޮށް، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގައި ބިދޭސީން ބޭތިއްބުމަށް ބޭނުން ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމީ ހިދުމަތް ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބިދޭސީން ނުތިބޭނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ނަމަވެސް ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ބިދޭސީއިން ތިބޭކަމަށެވެ. އެގޮތުން އަންސްކިލްޑް ލޭބަރުންވެސް އެބަ ތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ދިވެހިން ހޯދުމަށް ދަތި ދާއިރާތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަންކަން ބެލުމަށްފަހު، މިފަދަ މަސައްކަތްތަކަށް ދިވެހިންގެ ޝައުގު އާލާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށް އިހުސާން ވިދާޅުވިއެވެ.
ބިދޭސީއިންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މި މަސައްކަތްތަކުގެ ނަތީޖާ ނިކުމެ ބިދޭސީއިންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީއިންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ މީގެ ކުރީގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ކުރުމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކާއި ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށެވެ. އިހުސާން ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާ އެކު ތަފުސީލީ ދަފުތަރެއް އެލުވައިލާ ނިންމައިލެވޭނެ ކަމަށެވެ. އަދި، ސަރުކާރުގެ އަމާޒަކީ އެ ދަފުތަރު ހެދުމަށް ފަހު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ބިދޭސީންގެ ދަފުތަރެއް ހެދިފައި ނެތުމުގެ ސަބަބުން މިހާރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހާމަކުރެއްވި ބައެއް ތަފުސީލުތަކުން އެނގޭ ގޮތުގައި މިހާރު ވެސް އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް 135،149 ޕާމިޓް އެބަހުއްޓެވެ. އެކަމަކު، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ 39،004 ޕާމިޓު ހޯލްޑަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

