އިސްރާއީލުގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސްވެރިން އަދި ފަލަސްތީނާއި ދެކޮޅަށް ޖަރީމާ ހިންގުމުގައި ވާގިވެރިވާ މީހުންނަކީ ބޮޑެތި ގާތިލުންކަމަށާއި އެ މީހުން ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ހުށައެޅި ކުއްލި މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމްވަނީ މިހާރު އިސްރާއީލުން ރަފާ ސަރަހައްދުގައި ތިބި ފަލަަސްތީނުގެ ރައްޔިތުންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ފާޙަގަކޮށްފައެވެ. އަދި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ތިރީސް ހަތަރު ހާސް ހަތްސަތޭކައަށް ވުރެ އިތުރުކަމަށާއި ޒަހަމަތައް ލިބިފައިވާ މީހުންގެ އަދަދުތައް ހަތްދިހަ ހަތް ހާހަށްވުރެ އިތުރުކަން ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، ރަފާ ސިޓީ ހިފުމައްޓަކައި އިސްރާއީލުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަބިން ނަތަންޔާހޫގެ ސަރުކާރުން ހިންމަުންދަނީ ނުރައްކާތެރި ޖަރީމާއެއްކަމަށާއި އާންމުކޮށް ހަނގުރާމައެއް ހިނގަނީ ހަތިޔާރު އެޅި ދެ ބައެއްގެ ދެމެދުގައި ނަމަވެސް މިހާރުގެ ހާލަތު ނުރައްކާވަނީ އިސްލާއީލުން ހަމަލާތައް އަމާޒުކުރަމުންދަނީ އާންމު ރައްޔިތުންނަށް ވުމުންކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ އަމިއްލަ ނަފްސު ދިފާއުކުރެވެން ނެތް ނިކަމެތި ބައެއްގެ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވީ، އިސްރާއީލުން ތައްޔާރުވަމުންދަނީ އަސްކަރީ ގޮތުން ހަރަކާތްތެރި ދެ ބައެއްގެ ދެމެދު ހަނގުރާމައެއް ކުރުމަށް ނޫންކަމަަށެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި ނަތަންޔާހޫގެ ސަރުކާރުން ވިސްނަމުންދަނީ ރަފާގައި ގަތުލުއާންމެއް ހިންގުންކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައި ތިބި ބައެއްގެ ވާހަކަ ކަމަށާއި އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކީވެސް ޣައްޒާގައި ނާމާން ދުވަހެއްކަމަށެވެ. އަދި މުޅި އެ ސަރަހައްދު ހިސާރުކޮށްގެން އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު، ކެއިންބުމާއި ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްވެސް ހުރަސްތައް އަޅާފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ.
ސަލީމް ވިދާޅުވީ އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިކުރުވާފައިވާކަމަށާއި އެތައް ދުވަހެއް އެހާލަތުގައި ފާއިތުވެފައިވާއިރު އަދިވެސް އެ ހާލަތު އޮތްކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ފެންނަ މަންޒަރުތަކުން ޣައްޒާ އޮތީ އެއްވެސް ދިރުމެއް ނެތް ފަދަ ހާލަތެއްގައިކަން ފެނިގެންދާކަމަށެވެ. އަދި އެތަން ފުނޑުފުނޑުވެ ވީރާނާވެ ހިރަފުހަށް ވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މަރުވަމުންދާކަމަށާއި ބަނޑުހައިހޫނުކަން ތަހައްމަލުކުރަންޖެހުމުގެ ސަބަބުން ދުނިޔެ އަޅައިދާ މީހުން އަަދަދުވެސް މަދު ނޫންކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ބަލި މަޑުކަން އާންމުވެ އެކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދުތައްވެސް ދުވަހަކުން ދުވަހަކަށް އިތުރުވަމުންދާކަމަށާއި އެހީ ހިފައިގެން ދާ މީޙުންނަށް ހަމަލާތައް ދެމުންދާއިރު، އެތަނުގެ ހާލަތުގެ ގެނެސްދިނުމުގެ ގޮތުން ހަރަކާތްތެރިވަމުންދާ ނޫސްވެރިންނަށްވެސް ހަމަލާތައް ދީ މަރަމުންދާކަމަށް އަލިއެޅުއްވިއެވެ. ސަލީމް ވިދާޅުވީ، އެތަނުގައި އެއްވެސް ރައްކައުތެރިކަމެއް ނެތްކަމަަށާއި ޣައްޒާގެ މަންޒަރުތަކުން މަރާއި ހަނގުރާމަކުރުން ނޫން ކަމެއް ފެނިގެން ނުދާކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޣައްޒާގައި ރައްކައުތެރިކަމެއް ނުލިބުމުން ގިނަ އަދަދެެއްގެ މީހުންވަނީ ހިޔާވަހިކަމެއްގެ އުންމީދުގައި ރަފާއަށް ގޮސްފައިކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން މިހާރު އެތަނުގައި ތިބި ރައްޔިތުންނަށް ހަމަލާ ދެމުންދާއިރު، އެއްވެސް އާރެއް ބާރެއް ނެތް ރައްޔިތުންނަށް ދުނިޔޭގެ ވަރުގަދަ އަސްކަރިއްޔާއަކުން ހަމަލާ ދޭންޖެހޭ ސަބަބެއް އޮތްކަމަށް ހަމަޖެހޭ އެއްވެސް މީހަކު ގަބޫލުނުކުރާނެކަމަށެވެ.
ސަލީމް ވިދާޅުވީ، އިސްރާއީލަށް ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކެއް ނެތްކަން އެންމެނަށްވެސް އެނގޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމުން އަމަލުކުރަންޖެހޭ އެއްވެސް ބައިނަލްއަގުވާމީ ހަމައެއް ނެތްކަމަށާއި އިސްރާއިލުގެ ބޮޑުވަޒީރާއި އޭނާއަަށް ވާގިވެރިވާ ފަރާތްތަކަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ބޮޑެތި ކުށްވެރިކަންކަމަށާއި އެމީހުންނަކީ ގާތިލުންކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ބެންޖަމިން ނަތަންޔާހޫ އަދި އިސްރާއީލު ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންނާއި ދެކޮޅަށް މިހާރު ހުށައަޅާފައިވާ މައްސަލަ ކުރިއަށް ދާންޖެހޭކަމަށް ގަބޫލުކުރައްވާކަމަަށެވެ. އަދި އެކަމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރަންޖެހޭނެކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ އިސްވެރިން ހިންގާފައިވާ ޖަރީމާތަކާއި ގުޅިގެން ހައްޔަރުކުރުމަށްޓައި އަައިސީސީ އިން ކުރަމުންދާ މަސައްކަތާއިމެދު ދެކޭގޮތް ސާފުކޮށް ހާމަކޮށް ތާއީދުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

