އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފޮޓޯއާއި ޒާތީ ދިރިއުޅުމުގެ މައުލޫމާތު އާންމުކޮށް ޒިންމާ އަދާކުރުމަށް ހުރަސް އަޅައި ކުރާ ފުރައްސާރަތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ކުޑަކުއްޖަކަށް ގަދަކަމުން އެންޓިބައޮޓިކެއް ދޭން އުޅުނުކަމަށް ބުނެ ދިވެހި ޑޮކްޓަރެއްގެ ފޮޓޯއެއް އާންމުކޮށް ސޯޝަލް މީޑިއާގައި ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އަދި އެ ހޮސްޕިޓަލަށް ވިހެއި އެ ތުއްތު ކުއްޖާއާއި މެދު އަމަލުތައް ބަހައްޓައިގެން ނުވާނެ ގޮތަކަށް، އަމަލު ކުރިކަމުގެ ތުހުމަތު ކުރި އެވެ.
މި މައްސަލައިގައި އައިޖީއެމްއެޗް ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުގައި ކުއްޖަކާއި މެދު އިހާނެތިކޮށް އަމަލު ކުރިކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން ގެންދާތީ އެކަމާ ހިތާމަ ކުރާކަމަށެވެ. އައިޖީއެމްއެޗް ބުނެފައި ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލު ކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތައް އެއީ އާންމުކޮށް ހާމަކުރާ މައުލޫމާތުތަަކެއް ނޫންކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފައް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން މި ހޮސްޕިޓަލުން ނެރޭ ނޫސްބަޔާން. pic.twitter.com/XQf6LmAdOC
— IGMH (@igmhmv) May 7, 2024
މި މައްސަލައިގައި އައިޖީއެމްއެޗުން އިތުރަށް ބުނީ ބޭސް ދިނުމާއި އަދި ފަރުވާއާއި ގުޅުން ހުރި މައުލޫމާތުތައް އާއިލާއަށް ތަފްސީލުކޮށް ދިން ކަމަށެވެ. އަދި ދޭ ފަރުވާއަކާއި ބަލި މީހާ، ނުވަތަ އާއިލާ ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެކަމެއް ކުރާކަމަށް ހީވެ ގަބޫލު ކުރެވޭނަމަ މައުލޫމާތުތައް އޮޅުންފިލުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއަށްފަހު އެ މައްސަލައެއް އޮތް ނަމަ އެކަމެއްގައި ހޮސްޕިޓަލުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހިތްހަމަނުޖެހޭކަމެއް ރިޕޯޓު ކުރުމުގެ ބަދަލުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކަމަކާއި ގުޅުވައި ހޮސްޕިޓަލުގެ ހިދުމަތް ދޭ ޑޮކްޓަރުންނާއި ނަރުހުން ނުވަތަ މުވައްޒަފުންގެ ފޮޓޯ އާންމު ކުރާނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެ ބަޔާނުގައި ވެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިނގާ ސިއްހީ އިހުމާލުތަކާއި، އަދި ޑޮކްޓަރުންނާއި ނަރުހުންގެ ފަރުވާކުޑަކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެ އެވެ. އަދި ބައެއް ފަހަރަށް ފަރުވާ ދިނުމުގައި ފަރުވާކުޑަ ކުރުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނައަށް ގެއްލުންވެފައި ވެސް އެބަހުއްޓެވެ.

