މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުން ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރުމަށް އެ ތަންތަނުގެ ވެރިންނަށް އެންގުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރަމުން ސިޓީ ކައުންސިލުގެ ތަރުޖަމާނު އައިމިނަތު ޝަތުފާ ވިދާޅުވީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ކައުންސިލްގައި ރަޖިސްޓްރީކޮށްފައި ހުރި ގޭގެ ވެރި ފަރާތްތަކަށް އަންގަމުންދާކަމަށް ވިދާޅުވިއެވެ. ގޭގެ ވެރި ފަރާތަށް ނުގުޅޭ ހާލަތެއްގައި ފެން ފައިބާ އެޕާޓްމެންޓް ބެލުމަށްފަހު އެތަނުގައި ދިރިއުޅޭ މީހުންނާއި ވާހަކަދައްކަމުންދާކަމަށް ވިދާޅުވިއެވެ.
ކައުންސިލުން ރަނގަޅު ކުރުމަށް އަންގަނީ އޭސީ އައުޓް ޑޯ ޔުނިޓުން މަގުމައްޗަށް ފެން ފޭބުމާއި އަދި ގޭގޭގެ ޓެރެސް މަތިން މަގުމައްޗަށް ފައިބާ ފެނާއި، އަންނައުނު ދޮވުމަށްފަހު މަގުމައްޗަށް ދޫކޮށްލާ ފެންފަދަ ކަންތައްތަކެވެ. މިހެން ގޮސް މަގުމައްޗަށް ފެން އެޅޭހެން ހުރި ހުރިހާ ކަންކަމެއް ހައްލުކުރުމަށް އަންގާނެކަމަށް ކައުންސިލުން ބުނިއެވެ.
މިހެން ހުރި 30 ތަނެއް މި މަހުގެ ތެރޭގައި ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

