19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނެއްގެ ގޮތުގައި ތަންފީޒު ކުރި އެންޓި ޑިފެކްޝަންގައި އުނިކަންތައްތަކެއް އެބަހުރިކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ އިންތިޚާބީ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕޮރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީގް ވިދާޅުވީ ޤާނޫންތަކެއް ހަދާނަމަ ނުވަތަ ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަ ނަމަ ދުރު މުސްތަގުބަލަށާއި ބަދަލުވެގެން އަންނަ ހާލަތަށް ރިޔާއަތްކޮށްގެން ޤާނޫން ހެދުން މުހިންމު ކަމަށެވެ.
ހިތަށް އަރާ ގޮތަކަށް މަޖިލީހަށް ގޮސް ކަންކަން ކުރުމަކުން އޭގެން ފައިދާއެއް ނުކުރާނެކަން ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެނގިގެން ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގައި ޤާނޫންތައް ހެދުމުުގައި ޒާތީ ވެގެން ބަޔަކަށް ޖެއްސުން ކުރުމުގެ ސަގާފަތެއްގެ ތެރެއިން އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފައިވާތީ، އެބިލްގައި ހުރި އުނި ކަންތައްތަކަކީ އޭގެ ނަތީޖާކަމަށްވެސް އޭނާ ފާގަކުރެއްވިއެވެ.
”ބޯ މަތިވަމުން އައި އިންތިޚާބުގައި ތިމްމަންނަމެނަށް ކާމިޔާބުވެދާނެކަމަށް ޤަބޫލްކޮށް ތިމަންނަމެނަށް އެއީ އެ އިންތިޚާބުވެވޭ މެމްބަރުންގެ ފަރާތުން ހިފަހައްޓާ ހައްޔަރުކޮށްގެން ތިމަންނަމެން ބޭނުންވާ މަޤްޞަދެއް ހާސިލްކުރުމުގެ ނިޔަތެއް އޮތް ގޮތައް ކަންކުރިތަން އެ ފެނިގެންދިޔައީ 19 ވަނަ މަޖިލީހުގައި އެ އެންޓި ޑިފެކްޝަން ޤާނޫނަށް އަމަލްކުރުމަށް ފާސްކުރެވިގެން އެދިޔަތަން ފެނުނީ. މި ބިލްގް ސަބަބުން ޤާނޫން އަސާސީއާއި ތަޢާރަޒްވޭ. ޤާނޫން އަސާސީގައި އެބަހުރި މެމްބަރެއްގެ ޝަރުތެއްގެ ގެއްލިއްޖެ ހާލަތެއްގައި މެމްބަރުގެ މެމްބަރުކަން ގެއްލިގެންދާނެ ހާލަތްތައް އެހެން ނަމަވެސް ޤާނޫން އަސާސީގައި އެ ހާލަތްތައް ތަފާތު. އެހެން ނަމަވެސް އަމިއްލައަށް ހަދާ ޤާނޫންތައް ހުންނަންވާނީ ޤާނޫން އަސާސީގައި ހުރި ޤާނޫންތަކާއި ތަޢާރަޒް ނުވާގޮތައް.“ ޝަރީފް ވިދާޅުވުއެވެ.
މަޖިލީހަށް ޕާޓީއަކުން ވާދަކޮށް ގޮނޑި ކާމިޔާބުކުރާއިރު، އެންޓި ޑިފެކްޝަން ގާނޫނާއި އެކު ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުމަކީ އޭގެ ޒާތުގައި މަސްލަހަތައްޓަކައި ރަނގަޅުކަމެއްކަަމަށް ދެކޭކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެން ނަމަވެސް ޕާޓީން އަޅާ ފިޔަވަޅެއްގެ ސަބަބުން ޕާޓީން އިންތިޚާބުވެފައިވާ މެމްބަރަކާއި މެދު ނިންމާ ނިންމުންތަކާއި ގުޅިގެން ގޮނޑި ގެއްލޭ ގޮތައް އޮތްއޮތުން ހަމަނުޖެހޭކަމަށް ޤަބޫލްކުރާކަަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލް ފާސްކުރެވިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު މަޖިލީހުގައި މެމްބަރުން އޮތީ ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ބާރު ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ. އެކަމަކު ބިލުތައް ފާސްކޮށް، ގަރާރުތައް ފާސް ކުރެވޭ މިންވަރަށް މެމްބަރުންގެ މެޖޯރިޓީއެއް އޮތެވެ.
އެއަށްފަހު 2018 ގައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިޙްގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނު އުވާލިއެވެ. އެއަށްފަހު 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް އެމްޑީޕީގެ މެޖޯރިޓީއާއި އެކު އެންޓި-ޑިފެކްޝަން ގާނޫން ފާސްކޮށް ފަސް ބާބު ހިމެނޭ ހެން ޖުމްލަ 8 މާއްދާ ހިމެނޭ ގާނޫނެއް ހެދިއެވެ.

