ކުނި މެނޭޖު ކުރުމުގެ ވާހަކައަކީ މިފަހަކަށް އައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ރާއްޖޭގައި ކުރެވެމުން އަންނަނީ އެކަށިގެންވާ ގޮތެއްގެ މަތިންކަމަށް ބުނެވެން ނެތެވެ. މާލޭގައި ކޮންމެ ދުވަހަކު ކުނި މެނޭޖުރުކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކަށް ބަލާލުމުން މިކަން ސާފުވާނެއެވެ.
މިވަގުތު މާލޭގައި ކުނި މެނޭޖުކުރަނީ އެއް ދޮރުން އަނެއް ދޮރަށް މުއައްޒަފުން ފޮނުވައި ޖަމާވެފައިވާ ކުނިފުނިތައް ފުރޮޅުލާފައި ތިބޭ ޑަސްބިންތަކަށް އަޅައިގެންނެވެ. އެއަށްފަހު އެތަކެތި ގެންގޮސް ކޮންމެވެސް ތަނެއްގައި އޮތް ކޮމްޕެކްޓަރ ވެހިކަލްއެއް ތެރެއަށް އަޅައެވެ. އޮޓޯއިން ޑަސްބިން ހުސްކޮށްލެވޭ ބޮޑެތި އުޅަނދުތައްވެސް ގެންގުޅެއެވެ. އެހެންނަމަވެސް މާލެ ސަރަހައްދަކީ ތޮއްޖެހި ބާރު ބޮޑުވެފައިވާ ސަރަހައްދެއްކަމަށްވުމުން ކާރާއި ސައިކަލުތަކުގެ އިތުރުން ފައިމަގުގައި އުޅޭ ގިނަ އަދަދެއްގެ މީހުންގެ ތެރެއަށް ގިނަ އަދަދެއްގެ މުއައްޒަފުން ޑަސްބިން ހިފައިގެން ނުކުތުމުންނާއި ވެހިކަލްތައް ޕާކްކޮށް ގިނަ އިރުތަކެއްވުމުން ބޮޑެތި މައްސަލަތައް ނުކުމެގެން އާދެއެވެ. އިތުރު ބުރަކަށް މަގުން އެ ޑަސްބިންތައް ދެމުން ބޮޑު ދައްޗަކަށްވާނެތީ ބައެއް ފަހަރު މުއައްޒަފުން ޑަސްބިންތައް ފުރުމުން ތަކެތި އަތުން ހިފައިންގެން ގެންގޮސް ހަދާ މަންޒަރުވެސް ފެނެއެވެ.
ޓްރެފިކަށް ބާރުބޮޑުވުމުގެ އިތުރުން ފެންމަތިވެގެންދާ މައްސަލަތަކަށް ބަލާލާއިރު، މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ކުނިބުނީގެ އަސަރު ކުރަން ނުޖެހޭ މާހައުލުތަކަށްވެސް އަސަރުތައް އެބަފޯރައެވެ. ދުވާރުތަކުގައި ކުނި ބުނި ފުނިފުންޏަށް ޖަހާފައިހުރުމުގެ ސަބަބުން ފައިމަގުގައި އުޅޭ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވުން ހިމެނެއެވެ. އަދި ބެހެއްޓިފައިވާ ތަކެތީގެ ތެރޭގައި ކުނިވާޒާތުގެ ތަކެތި ހުންނަކަމަށްވުމުން މަގުމަތީގައި އުޅޭ ބުޅާ އަދި އެހެނިހެން ސޫފިވެސް އެތަކެއްޗާއި ކުޅުމުން މަގުމައްޗަށް އެޅިފައި ހުންނަ ފަހަރުތައްވެސް ފެންނަ ވަރު މަދު ނޫންކަމަށްވާއިރު، ކޮތަޅުތަކުން ލީކުވާ ފެނާއި ދިޔަ އަދި އެހެނިހެން ތަކެތި މަގުތައް މައްޗަށް އެޅުމުން ސަރަހައްދު މުޑުދާރުވުމަށްވެސް ދިމާވެއެވެ. މިއީ އެތަނެއްގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމެކެވެ.
މާލޭގެ މަގުތައް ބާރުބޮޑުކަމުން ހިނގާ ބިނގާ އުޅުންވެސް ދަތިވެފައިވާއިރު ހިދުމަތްތެރިން ކުރައްވާ މަސައްކަތްތަކަށް ބައެއް ފަަހަރު އާންމުންގެ ފަރާތުން ނުރުހުމުގެ ބަސްތައްވެސް އަމާޒުވާ ފަހަރު އައިސްފައިވެއެވެ. މިއީ ޔަގީނުންވެސް މަސައްކަތްތައް މިހާރު ބައްޓަންވެފައިވަނީ އެންމެ އެކަށީގެންވާ ގޮތުގެ މަތިން ނޫންކަން އަންގުވައިދޭނެ ކަމެކެވެ.
މިކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލާއިރު، ޖަވާބު ވަރަށް ސާފެވެ. ޒަމާނީ ވަސީލަތްތަކާއި އުސޫލުތަކުގެ އިތުރުން ވިސްނުންތެރިކަމެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ތަންފީޒުކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއިއެކުކަމަށްވުމުން ފަރުދީ ޒިންމާވެސް އަދާކުރަން މުހިންމެވެ. ޖުމުލަ މައްސަލައަށް ހަލެއް ނަޔަސް ބޮޑެތި ލުއިތައް ނަމަވެސް ގެނައުން މިވަގުތު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މުހިންމެވެ.
މާލެ ސަރަހައްދުގައި ވޭސްޓް ކަލެކްޝަން މަސައްކަތްތައް ކުރެވެމުންދަނީ އެހެނިހެން ބައެއް ގައުމުތަކުގައިވެސް އެކަން ކުރެވެމުންދާ އުސޫލެއްގެ މަތިންނެވެ. އެހެންމަވެސް މަގުތައް އިންތިހާ ހަނިވުމުން މިހާރު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން ހައްލާއިއެކު ބޮޑެތި މައްސަލަތައްވެސް އެބަ ނުކުމެއެވެ. އެހެންކަމުން މި ނޫން އުސޫލަކަށް ބަލާއިރު ވެހިކަލްތަކާއި ވަސީލަތްތަކަށް ޖާގަ މަދު ސަަރަަހައްދުގައި ކަލެކްޝަން މަސައްކަތް އަވަސްކޮށް ފަސޭހަކުރުމުގެ ގޮތުން ސަރަހައްދުތައް ކަނޑައަޅައި ކޮމްޕެކްޓް ކުރެވޭ ގާބިލުކަން ހުންނަ ޑަސްބިންތައް ބަހައްޓައެވެ. މިހާރު މި ވަސީލަތްތައް ކުރިއަރައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރާ ތަކެތިވެސް ހުރެއެވެ.
އެ ހިސާބުން ޖެހޭނީ ޑަސްބިންތައް ފުރޭނެކަމަށް ލަފާކުރެވޭ މިންގަނޑުތައް ދެނެގަނެ ތާވަލެއް އެކުލަވާލައިގެން އެތަނުން ކޮމްޕެކްޓުކުރެވިފައިވާ ކުނިތައް ނަގާލުމެވެ. އެހެންނަމަވެސް މި އުސޫލުން ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާ ބޮޑުވާއިރު ޔަގީނުންވެސް ތަނުގެ ސާފުތާހިރުކަން އިތުރުވެ މަގުގެ ތާށިކަމަށް އިތުރުވުމެއް އައުން ނިމުމަކަށް އަންނާނެއެވެ.
ޖާގައިގެ ދަތިކަމަކީ މިފަދަ ކަންކަން ތަންފީޒުކުރުމުގައި ކުރިމަތިވެގެންދާ އެންމެ ބޮޑު އެއް މައްސަލައެެވެ. އެހެންކަމުން މިފަދަ އާދައިގެ ހިޔާލެއްގެ މަތިން އަމަލުކުރުމަށްޓަކައިވެސް އެހެނިހެން ބައެއް ކަންކަން ހައްލުކުރަންޖެހެވެ. މާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމުން މިފަދަ ކަންކަމަށް ޖާގަ ލިބިގެންދާނެއެވެ. ބައެއް މަގުތަކުގައި ޖަހާފައިވާ ބޮޑެތި ގަސް ޕޮޓުތަކުގެ ބަދަލުގައިވެސް މިފަދަ ކުދި ޑަސްބިންތައް ބެހެއްޓިދާނެއެވެ. މިހާރުވެސް އެ ޕޮޓުތައް ޑަސްބިންގެ ގޮތުގައި ބޭނުންކުރާ މިންވަރު މަދެއް ނޫންކަމަށްވާއިރު، ރަސްފަންނާއި އާޓިފިޝަލް ބީޗު ފަދަ އާންމުން އެއްވެ ކުނި ބުނި އުފެދިގެންދާ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގައިވެސް މިހާރު ބަހައްޓާފައިވާ ޑަސްބިންތަކުގެ ބަދަލުގައި މިފަދަ ޑަސްބިންތައް ބެހެއްޓުމުން ފުރިގެން ބަންދުންވެ އެކަމުގެ ދަތިތައް ކުރިމަތިވެގެންދިއުމުގެ މައްސަލަ ހައްލުވެގެންދާނެކަން ޔަގީނެވެެ.

