ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އެވޯޑު ކޮށްފައިވާ ހޮސްޕިޓަލްގެ ކުރެހުންތައް ހުރީ ވަރަށް ފެންސީކޮށްކަމަށާއި، ހަރަދު ކުޑަ ކުރުމަށް ބަދަލުތަކެއް ގެންނާނަނެކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެވޯޑު ކޮށްފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކެއް ނުފެށި އެބަހުރިކަމަށެވެ. އެގޮތުން ޕައިޕް ލައިންގައި ހުރި މަޝްރޫއުތައްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.
މީގެ ތެރޭގައި 50 އެނދާއި، 100 އެނދުގެ ހޮސްޕިޓަލްތަކުގެ މަޝްރޫއުވެސް އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގަ ރައްޔިތުން ބޭނުންވަނީ ހިދުމަތް އެ ރަށެއްގައި ގާއިމްކުރުން. އެހެންވީމަ އެ ހިދުމަތް ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ސްޓްރަކްޓްރަލް ބައެއް ބަދަލުތައް އެބަ ގެންނަން. އެހެން ނަމަވެސް ހިދުމަތަކަށް ބަދަލެއް ނާންނާނެ.
މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު އެވޯޑު ކޮށްފައި ހުރި މަޝްރޫއުތަކަށް ސްޓްރަކްޗަލް ބަދަލުތަކެއް ގެންނަނާނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލްތައް ކުރަހާފައި ހުރީ ވަރަށް ފޭންސީކޮށްކަމަށެވެ. މިހާރު ހުރި ޑިޒައިންތަކަށް 50 އެނދުގެ ހޮސްޕިޓަލެއް އަޅާނަމަ 185 މިލިއަން ރުފިޔާ ހޭދަވާކަމަށާއި، އަދި 30 އެނދުގެ ހޮސްޕިޓަލްތަކަށް 95 ނުވަތަ 35 މިލިއަނާއި ގާތަށް ހޭދަވާކަމަށެވެ.
ނަމަވެސް ޑިޒައިންއަށް ގެންނަ ބަދަލެއްގެ ތެރެއިން، އަގުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ.
ދައުލަތަށް ލުއިވާ ގޮތަށް ހޮސްޕިޓަލްތައް ފަރުމާ ކުރެވޭނެކަމަށާއި، އަދި އެކަމުގެ ސަބަބުން އިތުރު ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް އެޅުމަށްވެސް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަން ކޮށްދެއްވާނެކަމަށެވެ.

