ފްރާންސްގެ އިންތިހާބީ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅުވައި އެ ގައުމުގައި ހަމަނުޖެހުންތައް ހިންގަމުންދާތީ ނިއު ކެލްޑޯނިއާ ކިޔާ އެ ގައުމުގެ ރަށެއްގައި ސްޓޭޓް އޮފް އެމެރަޖެންސީ އިއުލާނުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ފަރަންސޭސި މަޖިލީހުން ފާސްކޮށްފައިވަނީ އެ ގައުމުގައި 10 އަހަރު ދުވަހު ދިރިއުޅެފައިވާ ރެސިޑެންޓުންނަށް ޕްރޮވިންޝަލް އިންތިހާބުތަކުގައި ވޯޓުލެވޭ ގޮތް ހެދުމަށެވެ. އެހެންނަމަވެސް އެކަމާއި ދެކޮޅުވެރިކަން ފާޅުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ ފުލުހަކާއި އާންމުންގެ ތިން މީހަކުވެސް މަރުވެފައިވާކަމަށް ބުނެފައިވާއިރު، މިހާރު އެމެރޖެންސީގެ ހާލަތު އިއުލާނުކޮށްފައިވާކަމަށްވުމުން ބޮޑެތި އެއްވުންތައް މަނާކުރުމުގެ ބާރު ސަރުކާރަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
އެ ގައުމުގެ މަޖިލީހުން މި އިސްލާހުތައް ގެނައީ ކުއްލި ގޮތަކަށް ކަމަށް މީޑިއާތަކުން ފާހަގަކުރާއިރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ގެބްރިއެލް އަޓާލް ވަނީ ނުރުހުން ފާޅުކުރައްވާފައިކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެއްވެސް ހާލަތެއްގައި އަނިޔާވެރިކަމަށް ޖާގަ ލިބިގެން ނުދާނެކަމަށް ވިދާޅުވެފައިވާކަމަށާއި އެމަރޖެންސީގެ ބޭނުން ހިފައި ހަމެޖެހުން ގާއިމުކުރުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިވާކަމުގެ މައްޗަށްވެސް އަލިއެޅުއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އޭނާ ވިދާޅުވީ، އެމެރޖެންސީ ހާލަތު 12 ދުވަހުގެ މުއްދަތަކަށް ދިގު ދެމިގެންދާނެކަމަށެވެ. އަދި ހަމަނުޖެހުން ހިނގަމުންދާ ވަކިން އޮންނަ ރަށެއް ކަމަށްވާ ނިއުކެލްޑޯނިއާގެ ބަނދަރާއި އެއާރޕޯޓު ރައްކައުތެރި ހާލަތަކަށް ގެނައުމުގައި ސިފައިން ހަރަކާތްތެރިވާނެކަމަށްވެސް ބުނެފައިވެއެވެ.

