ޔޫކްރެއިންގެ ކާރްކީވް ސަރަހައްދުގެ މައްޗަށް ރަޝިއާއިން އަތްގަދަކޮށްފައިިވަނީ މުޅި ދުނިޔޭގެ އިހުމާލުންކަމަށް އެ ގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޒެލެންސްކީ ނުރުހުން ފާޅުކުރަމުންދަނީ ރަޝިއާގެ އަސްކަރިއްޔާއިން ކާރްކީވް ސަރަހައްދުގައި އާންމުން ހައްޔަރުކޮށް މަރަމުންދާކަމަށް ބުނެ ރިޕޯޓުތައް ކުރެވިފައިވަނިކޮށެވެ. ޒެލެންސްކީވަނީ އެ ގައުމަށް ކާރްކީވް ރަޝިއާއަށް ދިނުމުގެ އަގު ދެއްކެން ނެތްކަމަށް ހިއްސާކޮށްފައެވެ. އަދި މިހާރު މައްސަލަ އިތުރަށް ހޫނުވެފައިވާކަމަށް އޭނާ މީޑިއާތަކަށް ސިފަކުރެއްވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
އޭނާ ވިދާޅުވީ، ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންއަށް އެ ގައުމަށް އަރައިގަތުމަށް ފުރުސަތު ދިންކަމުގެ އިހުމާލު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ވެފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް މުޅި ދުނިޔެއަށްވެސް އެ ގައުމަށް އެހީދެވިދާނެކަމަށް ފާހަގަކުރެއްވިއިރު، އޭނާ އިޝާރާތްކުރެއްވީ އަސްކަރީ ވަސީލަތްތަކަށް ބޭނުންޖެހިފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިންއަށް ބޭނުންވަނީ އެމެރިކާއިން ދިފާއީ ވަސީލަތެއްގެ ނަމުގައި އުފައްދާ ހަތިޔާރެއްކަމަށްވާ ޕޭޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމްސްގެ ދެ ސިސްޓަމުތަކަމަށެވެ. އަދި އެހިސާބުން ރަޝިއާއަށް ކާރްކީވްގެ މައްޗަށް ބާރު ހިންގަން ނުތިބެވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރަޝިއާއިން ޖަރީމާތަކެއް ހިންގަމުންދާކަމަށް ބައެއް ނޫސްތަކުން ޝާއިއުކޮށްފައިވާނަމަވެސް މި ރިޕޯޓުތައް ކަށަވަރުކުރެވިފައިނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ. އަދި ރަޝިއާއިންވެސް އެ ތުހުމަތުތަކަށް ބަހެއް ބުނެފައިނުވާއިރު މީގެ ކުރިންވެސް ރަޝިއާގެ މައްޗަށް މިފަދަ ތުހުމަތުތައް ކުރެވިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން އެޕްރިލް 2022 ގައި އެތައް އާންމުންނެއްގެ ހަށިތަކެއް ފެނުނު ހާދިސާއެއް ރެކޯޑުކުރެވިފައިވާއިރު، އެ ހާދިސާގައި ފެނުނު މީހުން ތިބީ އަތްތައް ބަނދެފައިކަމަށްވެސް ބުނެފައިވެއެވެ.

