ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ސިޔާސަތަކީ ރާއްޖޭގެ ދަރަނި ބޮޑު ނުވާނެހެން އަމަލުތައް ބެހެއްޓުން: ސަފީރު

ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ސަފީރު ވާންގް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަރަނި އިތުރަށް ބޮޑު ނުވުމަށް އެދޭކަމަށް ފާހަގަކޮށް، ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދިނުމަށް އިސްކަން ދެއްވާކަން ޗައިނާއިން ހާމަކޮށްފިއެވެ.

މީޑިއާތަކާއިއެކު ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ފަސޭހަ ގޮތްތައް ރާއްޖެއަށް ހޯދައިދިނުމަށް މަޝްވަރާތައް ކުރައްވަމުން ގެންދާކަމަށެވެ. ލޯނުތައް ރީސްޓްރަކްޗާ ކުރުމަކީ އޮތް ހައްލެއް ނޫންކަމަށް ފާހަގަކޮށް ސަފީރު ވިދާޅުވީ، ރީސްޓްރަކްޗާ ކޮށްފި ހާލަތެއްގައި ޗައިނާއިން ފައިނޭންސް ހޯދުމަށް ރާއްޖެއަށް ދަތިވާނެކަމަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވާތީ ޗައިނާއިންވެސް ކަންބޮޑުވާކަމަށް ސަފީރު ވިދާޅުވިއެވެ. ޗައިނާގެ ސިޔާސަތަކީ ރާއްޖޭގެ ދަރަނި ބޮޑުނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުންކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގަން ނިންމާފައިވާ ބައެއް ކަންކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިނަމާލެ ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތާއި، ހޮސްޕިޓަލްތަކުގެ ލެބޯޓްރީގެ ވަސީލަތްތައް އިތުރު ކުރުމުގެ މަޝްރޫއުއާއި، ދިވެހި ރުއްތަކަށް ޖެހިފައިވާ މައްސަލަތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު އަދި މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރެއްވިއެވެ.

ޗައިނާއިން ހިލޭ އެހީވެ، މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް މިވަގުތަކީ ރާއްޖެއިން އަމިއްލަ އިގްތިސާދު ފުޅާކޮށް، އާމްދަނީ އިތުރު ކުރެވޭނެ މަޝްރޫއުތައް ހިންގަން ޖެހޭ ވަގުތުކަމަށެވެ. ރާއްޖެ އިގްތިސާދީ ގޮތުން އަމިއްލަ ފައި މައްޗަށް ތެދުވަން ޖެހޭކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އާމްދަނީ އިތުރު ކުރެވޭނެ ސިނާއަތްތައް ފުޅާކޮށްގެން މިކަން ހާސިލްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ހުރިހާކަމެއް ލޯނު އެހީގެ ދަށުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފާހަގަކޮށް، އަންނަން އޮތް ޖީލުތަކުގެ މައްޗަށް ބޮޑެތި ދަރަނިތައް ދޫކޮށްލައިގެން ނުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ކުރާ އިހުތިރާމް އަބަދުވެސް ދެމި އޮންނާނެކަމަށް ފާހަގަކޮށް ސަފީރު ވަނީ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ދޫކުރާ ލޯނުތަކަކީ ”ދަރަނި ދަންތުރައެއް“ ކަމަށް ސިފަ ކުރާތީ ސަފީރު ވިދާޅުވީ، ހިލޭ އެހީ ދެނީ ޗައިނާގެ އަމިއްލަ އެދުމެއް އޮވެގެން މަންފާއެއް ހާސިލް ކުރުމަށް ނޫންކަމަށެވެ. އެ ވާހަކަތައް ސަފީރު ސިފަ ކުރެއްވީ ޗައިނާއާއި ދެކޮޅަށް ގެންގުޅޭ އެޖެންޑާއެއްގެ ގޮތުގައެވެ.

ރާއްޖެއަށް ޗައިނާއިން ފޯރުކޮށްދޭ އެހީގެ ބޭނުމަކީ، ރާއްޖެ ކުރިއަރާފައިވާ ގައުމަކަށް ހެދުންކަމަށްވެސް ސަފީރު ވިދާޅުވިއެވެ. މަޝްރޫއުތަކުގެ ޝަރުތުތައްވެސް ކަނޑައަޅަނީ ދިވެހި ސަރުކާރުންކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖެއަކީ އެހެން ގައުމުތަކުގެ މާލީ އެހީތެރިކަން އެދެން ނުޖެހޭ ފަދަ ގައުމަކަށްވުމަކީ އުއްމީދުކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: