މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ ކަމަށްވާއިރު އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން، އެ މުދަލުން ފަޤީރުންނަށާއި މިސްކީތަކުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ﷲގެ މަގުގައި ހޭދަކުރަން މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މުދަލުން ފަޤީރުންނަށާއި މިސްކީތަކުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ﷲގެ މަގުގައި ހޭދަކުރަން މިއަދުގެ ހުކުރު ޙުތުބާގައި އަލިއަޅުވާލައްވާފައި ވާއިރު، ޙުތުބާގައިވަނީ ޒަކާތް ދިިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއް ކަމަށް ގޮވާލާފައެވެ.
ހުތުބާގައި ވަނީ މުދަލަކީ އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫން ކަމަށާއި މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، ﷲގެ މަގުގައި ހޭދަކުރަން ޖެހޭނެ ކަމަށާއި އަދި ފަޤީރުންނާއި ބެނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
“ ﷲ تَعَالَى ވަޙީ ކުރައްވާފައި ވެއެވެ. ”އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.“ އަމާންކަމުގެ މަގު ދޫކޮށްލައިފި ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. ”
މީގެ އިތުރުން މުސްލިމުންގެ މުދަލުން ޒަކާތް ކަނޑައެޅިފައިވާ މިންވަރުން ޒަކާތް ދިނުމަށްވެސް ޙުތުބާގައި ވަނީ ގޮވާލާފައެވެ. ޒަކާތް ދިނުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީ ހިނދު ޒަކާތް ވާޖިބު ކޮންމެ މީހަކު މުދަލުގެ ޒަކާތް ދައްކަން ޖެހޭނެކަމާއި ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބިދޭ ކަމެއް ކަން ވަނީ ފާހަގަކޮށްފައެވެ.
“ ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ. ”ﷲ ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަންޖެހޭ ޙައްޤެކެވެ.“ ”
ފިޠުރު ޒަކާތަކީ ވާޖިބެއް ކަމުގައި ވީނަމަވެސް އެއީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އެހެނީ ޒަކާތަކީ ހަމައެކަނި ފިޡުރު ޒަކާތް ކަމަށް ދެކި ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަނގަ ކުރައްވާފަވެއެވެ. އެހެން ނަމަވެސް އެއީ ކުންހީއެއް ކަމާށާއި ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވަނީ ޒަކާތަކީ މުދަލު ޒަކާތް ކަމަށް ޙުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ޒަކާތުގެ މިންވަރަކީ ތިމާގެ އަތުގައިވާ ފައިސާ ނުވަތަ މުދަލުގެ ތިންބައި ކުޅަ އެއްބައެވެ. މުސްލިމުން ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން އަދި ނަމާދު ކުރަން ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެކަމަށް ޙުތުބާގައި ވެއެވެ. އަދި ތަނަވަސް އަހުލުވެރިން މުދަލު ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް މިއަދުގެ ޙުތުބާގައި ފާހަގަ ކޮށްފައި އެވެ.

