ދައުލަތަށް އަނބުރާ ހޯދަން އެންގި ފައިސާ އަދިވެސް ނުލިބޭތީ އެ ފައިސާ ހޯދުމަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ ހޯދުމަށްޓަކައި އެކިއެކި އިދާރާތަކުން ކޮށްފައިވާ މަސައްކަތް ބަލާނެކަމަށެވެ. އެކަމަށް ހާއްސަ ނިޒާމެއް އެ ކޮމިޝަނުގައި ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން އެކަންކަން ބެލިއިރު، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށް ބުނިއެވެ.
އޭސީސީއިން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޝަކުވާއެއްގެ ގޮތުގައި 1151 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުގެ އިސްނެގުމަށް 16 މައްސަލައެއް ތަހުގީގު ކުރިއިރު، ޕްރިލިމިނަރީ ތަހުގީގުގެ މަރުހަލާގައި ގޮތް ނިންމި މައްސަލަތަކުގެ އަދަދަކީ 365 އެވެ.
ޕްރިލިމިނަރީ ތަހުގީގުގެ މަރުހަލާއިން ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމި މައްސަލަތަކުގެ އަދަދަކީ 138 އެވެ. މީގެތެރެއިން 786 މައްސަލައެއްގެ ތަހުގީގު ނިމިފައި ނުވާއިރު، ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 40 އެވެ.
މީގެއިތުރުން ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ފައިސާގެ އަދަދަކީ 74 މިލިއަން ރުފިޔާ ނަމަވެސް، ދައުލަތަށް އަނބުރާ ހޯދުމަށް އަންގާފައި ވަނީ 50 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން ދައުލަތަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަކީ 234،531 ރުފިޔާ އެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮމިޝަނުން އެކި އިދާރާތަކަށް އަންގާފައިވާ އެންގުންތަކާއި އަދި ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގައި ފާހަގަކުރެވިފައިވާ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެކި އިދާރާތަކަށް ފޮނުވާފައިވާ މައްސަލަތަކާއި ގުޅޭ މައުލޫމާތުތައް ޖަމާކޮށް ކޮމިޝަނުން ވަނީ އެކި އިދާރާތަކަށް އަންގާފައިވާ އެންގުންތަކުގެ ދަފްތަރެއް އެކުލަވާލާފަ އެވެ.

