ނ. ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމާއެކު، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުވެގެން ދާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނެފައި ވަނީ މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލް ތަނަކަށް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
އުރީދޫއިން ބުނެފައި ވަނީ ލަންދޫ ކައުންސިލާއި ގުޅިގެން އެ ކުންފުނިން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް ވަނީ ބުނެފަ އެވެ.
މި ހިދުމަތާއި ގުޅޭގޮތުން އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ލަންދޫ ކަނޑައެޅުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއްކަމަށް ދެކޭކަމަށެވެ. އަދި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ކުރިއެރުމެއްކަން ފާހަގަކުރި އެވެ.
އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދެމެވެ.

