މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ކުރި ވިއްސާރައިގައި ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ އެޕޯލޯ ޓަވަރުގެ ސްކެފޮލްޑިން ހަލާކުވެ އޭގެ ބައިތައް ވަޔާ ނެއްޓުމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރީތި ގަސް މަގުގައި ހުރި ސިފްކޯ ފްލެޓު ސަރަހައްދުގައި ހުރި އެ ޓަވަރުގެ ދަގަނޑުތައް ނެއްޓި، އިރުއޮސުނު ވަގުތު ފުލުހުން މަގުވެސް ބަންދު ކުރި އެވެ.
ސައިޓު ވަށައި ޖަހާފައިވާ ދަގަނޑުގެ ސްކެފޮލްޑިން ވަޔާއެކު ނެއްޓިފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެންމެ ބޯކޮށް ވާރޭ ވެހުނު ވަގުތު، އެ އިމާރާތުގެ ބޭރުގައި ރައްކާތެރިކަމަށް ހަރުކޮށްފައި ހުރި ފެންސު، އަރިއަޅާލަނީ މަގުމައްޗަށެވެ.
އެ ވަގުތު މަގުމަތީން ބައެއް ވެހިކަލްތައް ވެސް ދަތުރު ކުރިއިރު، އެ ފެންސު އެއްކޮށް ބިންމައްޗަށް ނުވެއްޓި ހިފެހެއްޓިފައި ހުރީ ކިރިޔާ އެވެ.
ފުލުހުން ވެސް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ، މޫސުން ގޯސްވާ މިފަދަ ހާލަތްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުގައި ހުރި ސަރަހައްދުތަކުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާކަން ކަށަވަރު ކުރަން އެދޭ ކަމަށެވެ.

