އިޓަލީގެ އެންމެ މަޝްހޫރު އެއް ފަތުރުވެރިކަމުގެ މަންޒިލުކަމަށްވާ މިލާންގެ މަގުތަކުގައި ދަންވަރު ވަގުތު އައިސްކްރީމް ކެއުން މަނާކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްކޮށްފައިވާކަމަށާއި ރައްޔިތުންގެ ނުރުހުން އަމާޒުވުމުން އެކަން ހުއްޓާލާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
މީޑިއާތަކުންވަނީ އިޓަލީގެ މިލާންގެ ސިޓީ ކައުންސިލާއި އެތަނުގައި ދިރިއުޅޭ ރައްޔިތުންނާއި ދެމެދު ހެއްވާ މަޖާ މައްސަލައެއް ޖެހިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން މިލާންގެ ސިޓީ ކައުންސިލުން މި ފަހުން މަސައްކަތްކުރަމުން އައިސްފައިވަނީ އެ ސިޓީގެ މަގުތައްމަތީ ދަންވަރުގެ ވަގުތުތަކުގައި އައިސްކްރީމް ކެއުން މަނާކުުރުމަށްކަމަށާއި އެހެންނަމެސް ރައްޔިތުން އެކަމާއި ގުޅިގެން ކައުންސިލަށް ފާޑުކިޔަން ފެށުމުން މިހާރު އެކަން ހުއްޓާލައި މިސްރާބު ބަދަލުކޮށްލާފައިވާކަމަށް ރިޕޯޓުތަކުގައިވެއެެވެ.
2013 ގައިވެސް މިލާންގެ ސިޓީ ކައުންސިލުން އެ ސަރަހައްދުގައި މިކަން ކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ރެކޯޑުކުރެވިފައިވާކަން މީޑިއާތަކުން ފާހަގަކުރާއިރު މި ފަހުން ދަންވަރުގެ ވަގުތުތަކުގައި މަގުމަތީގައި އައިސްކްރީމް އަދި ޕިއްޒާ ކެއުންވެސްް މަނާކުރުމަށް މަސައްކަތްކުރިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް އަމާޒުވެ އަޑުތައް ގަދަވާން ފެށުމުން ކައުންސިލުންވަނީ އެ ހިޔާލުން ދުރަށްޖެހި ހުއްޓާލާފައިކަމަށް ބުނެފައިވެއެވެ.
މިކަން ކުރުމަށް މަސައްކަތްކުރީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހަމަޖެހުން ގާއިމުކޮށްދީ އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށްކަމަށް މިލާންގެ ކައުންސިލުން ބުނެފައިވާއިރު އިޓަލީ އަދި ހާއްސަ ގޮތެއްގައި މިލާންގެ ސަގާފަތުތަކުގެ ތެރޭގައި އައިސްކްރީމް ކެއުމާއި ޕިއްޒާ ކެއުންވަނީ ހިމެނިފައިކަމަށްވުމުން އެއީ ރައްޔިތުން އެކަމަށް ނޭދޭކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިލާންގެ ސަރުކާރުންވަނީ ގާނޫނީ ބައެއް އިޖުރާއަތުތައްވެސް ފުރިހަމަކޮށްފައިކަމަށްވާއިރު އޭރު ހުށައެޅިފައި އޮތް ލިޔެކިއުމުގައި ވާގޮތުން މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށައެވެ. އެހެންނަމަވެސް މިހާރު ލޯކަލް ސަރުކާރުންވަނީ ގާނޫނު އެކުލަވާލާފައިވާ ވިސްނުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން ހާމަކަޮށްފައިކަމަށާއި އައު ގާނޫނުގެ ދަށުން މަސައްކަތްކުރާނީ ރަލުގެ ބާވަތްތައް މާނާކުރުމަށްކަމަށް ހިއްސާކޮށްފައިވެއެވެ.
ކައުންސިލުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުން ތަންފީޒުކުރާ ގާނޫނުގެ ދަށުން އައިސްކްރީމް އަދި އެފަދަ އެއްވެސް އެއްޗެއް މަނާކުރެވިގެން ނުދާނެއެވެ. އަދި އައިސްކްރީމަކީ އެ މުއައްސަސާގެ މައި ޝައުގެއް ނޫންކަމަށާއި މަނާކުރެވޭ ތަކެތީގައި ނުހިމެނޭނެކަމަށްވެސް ބުނެފައިވާއިރު މިލާންގެ ލޯކަލް ކައުންސިލުން މަސައްކަތްކުރަމުންދަނީ މުނިފޫހިފިލުވުމުގެ ކަންކަމާއި ރައްޔިތުންގެ އާންމު ދިއިއުޅުމުގެ ކަންކަމާއި ދެމެދު ހަމައެއް ގާއިމުކުރުމަށްކަމަށްވެސް ބުނެފައިވެއެވެ.

