ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް އެކުލަވާލާފައިވާ މާސްޓާޕްލޭންގެ ދަށުން ސީޕްލޭން މިހާރު ހިންގާ ތަން ކުރިއަށް އޮތް މުސްތަގުބަލްގައި ބޭނުންކުރާނީ ޑޮމެސްޓިކް ޓާމިނަލްއެއް ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލާއި އެތަނުން ދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރުމަކީ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި ސަރުކާރުން މިހާރު ނިންމާފައިވަނީ ސީޕްލޭން ޓާމިނަލް ހުރި ތަނުގައި ޑޮމެސްޓިކެޓް ޓާމިނަލް އެޅުމަށް ކަމަށެވެ. ވީއައިއޭގެ މި މާސްޓާޕްލޭނައަކީ 20 އަހަރަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން ސަރުކާރުން އިފްތިތާހު ކޮށްދެއްވާފައިވަނީ ޖެނުއަރީ މަހު އެވެ.
އަދި ސީޕްލޭން ޓާމިނަލް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ޖެހިގެން އޮތް ފުލްމޫން ރިސޯޓަށް ކަމަށާއި އެ މަސައްކަތުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ވަނީ ފާހަގަކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް ޑޮމެސްޓިކް ޓާމިނަލް ތަރައްގީކޮށް ނިމުމުން އެ ތަނުން ގަޑިއަކު 2،000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.
މިހާރު ހިންގާ “ ސީޕްލޭން “ ޓަމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް. އެތަނުގެ މޫދު ހިއްކާފައި، އެތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް،“ ސައީދު ވިދާޅުވި އެވެ.
ވީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ތަނެއްގޮތަށެވެ. އަދި އެ ލަނޑުދަނޑި ހާސިލްކުރެވޭނީ ގަޑިއަކު 4،000 ޕަސަންޖަރުންނަށް ހިދުމަތް ދެވިގެން ކަމަށް ސަރުކާރުން ދެކެ އެވެ. އެއަރޕޯޓްގައި މިހާރު އެއްފަހަރާ ފްލައިޓް ޕާކުކުރެވޭ ކެޕޭސިޓީ އަކީ 34 ވީ ނަމަވެސް އައު ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު 73 އެއަރކްރާފްޓް އެއްފަހަރާ ޕާކުކޮށްފައި ބޭއްވޭނެކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަށް ބަދަލުވެގެންދާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
”މިހާރު ކުރިއާ ޚިލާފަށް ވަކިން މަތިންދާ ބޯޓުތައް ކައިރިއަށް ފިއުލް ހިފައިގެން ލޯރީގަދާކަށް ނުޖެހޭނެ، މިހާރު އޭޕްރަންގެ އަޑިން ވަޔާކުރެވިފައި ހުރީ، އެންމެ ޒަމާނީގޮތަށް ބަދަލުކުރެވިފައި މިހުރީ،“ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ވީއައިއޭ ތަރަައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިސެޕްޓެމްބަރުމަހަށް އައު ޓަރމިނަލް ހުޅުވޭނެ ކަމަށެވެ. އަދި ވީއައިޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް މިހާރު ނިމުމާއި ގާތްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

